ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެޕަލް އާއި ގޫގުލްގެ އެޕް ސްޓޯރުތަކާއި ވާދައަށް އިންޑިއާއިން އެޤައުމުގެ އަމިއްލަ އެޕް ސްޓޯރެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ ބައެއް އިދާރާތަކާއި ހަވާލާދީ އެޤައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން، އެޤައުމުގެ އެޕް ސްޓޯރަށް ދީފައިވާ ނަމަކީ "މޯބައިލް ސޭވާ އެޕް ސްޓޯ" އެވެ. މި ނަމުގައި މިހާރު އިންޑިއާގައި ވެބްސައިޓެއްވެސް ލޯންޗުކޮށްފައި ވާއިރު، ވަރަށް އަވަހަށް ފޯނުތަކަށް ބޭނުންކުރެވޭނެހެން އެޕް ސްޓޯރެއް ލޯންޗު ކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

މި އެޕް ސްޓޯރު ރަސްމީކޮށް ލޯންޗުކުރެވުމުން، އިންޑިއާގައި ވިއްކާ ކޮންމެ މޯބައިލް ފޯނެއް ވިއްކުމުގެ ކުރީން މި އެޕް ސްޓޯރު އަޅަން މަޖުބޫރުވާ އުސޫލެއް ޤާއިމްކުރަން އެޤައުމުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނާގޮތުން އިންޑިއާއިން އަމިއްލަ އެޕް ސްޓޯރެއް ހަދަން ނިންމީ، އެހެން ޤައުމުތަކުގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު މަދުކުރުމަށްޓަކައެވެ.

އިންޑިއާގެ އަމިއްލަ އެޕް ސްޓޯރެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެޤައުމުން ދާދިފަހުން ވަނީ ޗައިނާގެ އެޕްލިކޭޝަންތައް އެޤައުމުގައި ބޭނުން ނުކުރެވޭހެން "ބޭން" ކޮށްފައެވެ. އެޤައުމުން މި ފިޔަވަޅު އަޅާފައިވަނީ އެޕްލިކޭޝަންތައް މެދުވެރިކޮށް ޗައިނާއިން އިންޑިއާގެ ޖާސޫސީ މައުލޫމާތު އެއްކުރާ ކަމަށް ބުނެއެވެ.