ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޓެސްޓުކޮށް އެންމެ 15 މިނެޓު ތެރޭގައި ނަތީޖާ ލިބޭ ޓެސްޓު ކިޓެއް، ޔޫރަޕުގައި ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.

މި ޓެސްޓް ކިޓަކީ ސިއްޙީ އާލާތްތައް އުފެއްދާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "ބެކްޓަން ޑިކިންސަން އެންޑް ކޯ" އިން އުފައްދާފައިވާ ޓެސްޓު ކިޓެކެވެ. މި ކިޓަކީ ކޮވިޑް-19 ގެ ވައިރަސްގައި އެކުލެވޭ ޕްރޮޓީނެއް ކަމަށްވާ "އެންޓިގެން"، މީހާގެ ހަށިގަނޑުގައި ހުރިތޯ ދެނެގަންނަ ގޮތަށް ފަރުމާކޮށްފައިވާ ކިޓެކެވެ.

މި ޓެސްޓު ކިޓަކީ "ޕޯޓަބަލް" ކިޓެއް ކަމުން، އެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ލެބޯޓްރީއެއްގައި ތަހުލީލުތަކެއް ކުރިޔަށް ގެންދާކަށް ނުޖެހެއެވެ. މި ކިޓުން ކޮވިޑް-19 އަށް ޓެސްޓު ކުރަނީ ނޭފަތުން ނަގާ ސުންކު ބޭނުންކޮށްގެންނެވެ.

ފަސޭހަކަމާއެކު ބޭނުންކުރެވޭ މި ކިޓް ޔޫރަޕުގައި ބޭނުންކުރުމުގެ ހުއްދަ ދީފައި މިވަނީ، މި ބަލިމަޑުކަމުގައި ޔޫރަޕުގެ ހާލަތު އިންތިހާއަށް ގޯސްވަމުން އަންނަ ދަނޑިވަޅެއްގައެވެ. އެހެންކަމުން މި ކިޓް ބޭނުންކުރަން ފެށުމުން ޔޫރަޕުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

ކޮވިޑް-19 އަށް ޓެސްޓުކޮށް އަވަހަށް ނަތީޖާ ދައްކައިދޭ ކިޓެއް ދާދިފަހުން އިންޑިއާއިން ވެސް އުފައްދާފައި ވެއެވެ. ނަމަވެސް އެ ކިޓު އަދި ރަސްމީކޮށް ލޯންޗުކޮށް ބޭނުންކުރަން ފަށާފައެއް ނުވެއެވެ. މީގެ އިތުރުން ސައިންސްވެރިންގެ ޓީމަކުން ވަނީ ސްމާޓްފޯނު މެދުވެރިކޮށް ކޮވިޑަށް ޓެސްޓު ކުރެވޭނެ އީޖާދެއްގެ މަސައްކަތް ވެސް ފަށާފައެވެ.

ފަސޭހަކަމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އާލާތެއް އުފެއްދުމަށް ގިނަ ކުންފުނިތަކުން މަސައްކަތް ކުރަމުން ދެއެވެ. އެއީ އާންމުކޮށް ލެބްތަކުގައި މި ބައްޔަށް ކުރާ ޓެސްޓުތަކުގެ ނަތީޖާ ލިބެން އެތައް ގަޑިއިރެއް ހޭދަވާތީއެވެ.