ތައިލޭންޑުގެ ފަތުރުވެރި މަންޒިލެއްގައި ހިންގަމުންދިޔަ ހޮޓެލަކަށް ނައްސި (ނެގެޓިވް) "ރިވިއު" އެއް ދިން މީހަކަށް ޖަލު ހުކުމަކާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ތައިލޭންޑުގެ މަޝްހޫރު ރަށެއް ކަމަށްވާ "ކޯޗަންގް އައިލޭންޑް" ގައި ހިންގާ "ސީ ވިއު ރިސޯޓް" ގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އެމެރިކާ މީހަކު މި ރިވިއު ދީފައިވަނީ، ދަތުރުވެރިންގެ މެދުގައި މަޤުބޫލު "ޓްރިޕް އެޑްވައިޒާ" ގައެވެ. އެ ރިވިއު އާއި ގުޅިގެން އިދާރާތަކުން މައްސަލަ ބަލަމުން ދަނީ ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށް ބުނެއެވެ.

ބައިނަލްއަޤުވާމީ ފަތުރުވެރިކަމަށް އަދި ހުޅުވާލާފައި ނެތްނަމަވެސް ތައިލޭންޑުގެ އެކި ސަރަޙައްދުތަކުން އެޤައުމުގެ ފަތުރުވެރި މަންޒިލްތަކަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ބައެއް ރިސޯޓުތަކާއި ހޮޓެލްތައް މިހާރު ވަނީ ހުޅުވާލާފައެވެ. ރިޕޯޓްތައް ބުނާގޮތުން "ޓްރިޕް އެޑްވައިޒާ" ގައި ސީ ވިއު ރިސޯޓާއި ގުޅޭގޮތުން ރިވިއުދިން އެމެރިކާ މީހާއަކީ ތައިލޭންޑުގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

އޭނާ "ޓްރިޕް އެޑްވައިޒާ" ގައި ހޮޓަލާއި ގުޅޭގޮތުން ލިޔެފައިވާ ރިވިއުގައި ބުނެފައިވަނީ، ހޮޓަލުގެ މުވައްޒަފުންނަކީ ގަދަރުކުޑަ އަދި އެތަނަށް ޒިޔާރަތްކުރާ ގެސްޓުންނާއި ނުގުޅޭ ބައެއް ކަމަށެވެ. އަދި "އެމީހުން އަމަލުތަކުން ދޭހަވަނީ ހޮޓަލަށް އެއްވެސް ގެސްޓަކު ޒިޔާރަތްކުރަން ނޭދޭހެން" ކަމަށްވެސް އެ ރިވިއުގައި ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވަނީ ސީ ވިއު ރިސޯޓުގެ މެނޭޖަރެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ބަލަމުން ދަނީ، ދޮގު މަޢުލޫމާތު ފަތުރައިގެން ސީ ވިއު ރިސޯޓުގެ މަޤުބޫލުކަން ގެއްލުވާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން ރިވިއު ލިޔުނު އެމރިކާ މީހާ ހައްޔަރުކޮށްފައި ވެސް ވެއެވެ. އެއަށްފަހު އޭނާ މިހާރު ހުރީ ޝަރީޢަތް ނިމެންދެން، ޝަރުތުތަކާއެކު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ތައިލޭންޑުގެ އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނީ، އެޤައުމުގައި މިފަދަ މައްސަލައެއްގައި ކުށް ސާބިތުވެއްޖެ ނަމަ ދެ އަހަރުގެ ޖަލު ޙުކުމަކާއި އެކު ދެލައްކަ ތައި-ބާތު (6300 އެމެރިކާ ޑޮލަރު) ގެ ޖޫރިމަނާއެއް ކުރާނެ ކަމަށެވެ.

ދާދިފަހުން ތައިލޭންޑުގައި ހިންގާ ވިޔަފާރިއަކާއި ގުޅޭގޮތުން ނައްސި ޓްވީޓެއް ކުރި އެޤައުމުގެ ނޫސްވެރިއަކުވެސް ދެއަހަރަށް ޖަލަށްލާން ޙުކުމްކޮށްފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ހީނަރުކަން އައިސްފައި އޮތުމަށްފަހު ތައިލޭންޑު އަލުން ބައިނަލްއަޤުވާމީ ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި، އާންމު ފަރާތްތަކުން ކުރާ މިފަދަ ކަންކަން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލާނެކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ދެންމިފެށުނީ ވަރުގަދަ ނައްސިޔެއްތާ.

  2. ނައްސި ވާ

    އަޖައިބެއް ؟ ޑިމޮކްރަސީ ފައްކާވެފަ މިއޮތީ ؟ ދެންނެތެއްނު އެއްވެސް ކަމަކާ އެއްޗެކޭ ބުނެވޭކަށް؟