ދައްކަން މިއުޅޭވާހަކައަކީ މިހާރު ދިވެހި ދައުލަތު ގެ މީޑިއާއިން ގެނެސްދޭ "މޯލްޑިވިއަން އައިޑަލް" ޝޯއެއްގެ ވާހަކައެވެ. 2016 ވަނަ އަހަރު ރާއްޖެ އަށް ތައާރަފު ވި މިޝޯ ގެ ތިން ވަނަ ސީޒަން މިހާރު ބެލުންތެރިންނާ ހަމައަށް ވަނީ އައިސްފައެވެ.

މޯލްޑިވިއަން އައިޑަލް އަކީ ދިވެހި ރާއްޖޭގެ އެތައްބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ޝޯވއެއް ވެސްމެއެވެ. ފޮރުވިފައި ތިބި ލަވަކިޔުމުގެ ފަންނުވެރިކަން ހުރި ކުދިން ހޯދައި، އެކުދިންނަށް ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މިޝޯއިން ވަނީ ގިނަ ލަވަކިޔުންތެރިން ތަކެއް ދިވެހި މިއުޒިކް އިންޑަސްޓްރީއަށް ނެރެދީފައެވެ.

ނަމަވެސް، މޯލްޑިވިއަން އައިޑަލް ގެ ކަންތައްތައް ހިނގަމުން ދަނީކީ މުޅިއަކުން ރަނގަޅަކަށްވެސް ނޫނެެވެ. މި ވާހަކަ ދައްކަން ހުންނަތާވެސް ތިން އަހަރު ވެއްޖެއެވެ. އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑަލް ފެށުނު ހިސާބުން ވެސް އަހަރެންގެ ލޮލުގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް އަޅައިގަތެވެ. މޯލްޑިވިއަން އައިޑަލް ކަހަލަ ބޮޑެތި ޝޯތައް ހިންގުމަށް މީސްމީޑިއާގެ ހިއްސާ ވެސް ވަރަށް ބޮޑެވެ. އެކަން ޚުދު އަހަރެން ވެސް ޤަބޫލުކުރަމެވެ.

ނަމަވެސް މޯލްޑިވިއަން އައިޑަލް ގެ ފޭސްބުކް ޕޭޖުން ފެނިގެން ދަނީ ތަފާތު މަންޒަރެކެވެ. ބޮޑަށް ބެލެވެނީ މަލާމާތް ކުރުމާއި ގަނާ (ބުލީ) ކުރެވެނީކަމަށެވެ. އެހެން ނަމަވެސް، ކެތް ކޮށްލައިގެން އަނގަ މައިތިރި ކޮށްގެން ހުރީ ދެން ފަހަރަކު އެކަން ރަނގަޅުވާނެ ކަމުގެ އުންމީދުގައެވެ. އުންމީދު ވެސް ކުރޭވޭ ވަރުގެ މީޑިއާ އަކުން އިންތިޒާމް ކުރާ ޝޯއަކަށް ވީމައެވެ.

ކަން މިހެން އޮތް އިރު، ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ މޯލްޑިވިއަން އައިޑަލް ގެ އޮޑިޝަނުގައި ބައިވެރިވާ ހުރިހާ ކުދިން ނުހޮވޭނެ ކަމެވެ. އޭގެ ތެރޭގައި ވެސް ވަރަށް މޮޅަށް ލަވަކިޔާ ކުދިންންނާއި، ލަވަ ކިޔަން ބޭނުން ވާ ނަމަވެސް ލަވަ ނުކިޔޭ ކުދިން ހިމެނޭނެކަމެވެ. ކޮންމެއަކަސް، ޖަޖުން ހިތްހަމަ ޖެހޭ ވަރަށް ލަވަ ނުކިޔޭނަމަ އެ ބައިވެރިއަކު ޖެހެނީ މޯލްޑިވިއަން އައިޑަލް އިން އަލްވަދާޢު ކިޔާށެވެ.

ފޮނި އުއްމީދު ތަކެއްގައި އޮޑިޝަނުގައި ބައިވެރި ވެގެން ރަނގަޅު ޕާޕޯމެންސް އެއް ނުދެއްކިއްޖެ ކަމަށް ވާނަމަ ޝޯއާ ވަކިވެގެން އެކުދިން އެދަނީ ލޮލުން ކަރުނަ އޮހޮރަމުންނެވެ. ކަން ވާނީ ވެސް އެހެން ތާއެވެ. އެތަށް ދުވަހެއްގެ އިންތިޒާރަކަށްފަހު ކުރި މަސައްކަތާއި ބެލި ހުވަފެން ހަޤީޤަތަކަށް ނުވެ އަނބުރާ ގެއަށް ދާން ޖެހުމުން ހިތެއް އޮންނަ ކޮންމެ އިންސާނަކު ވެސް ދެރަވާނެވެ. ކަޑަ ވާނެ އެވެ.

އަހަރެންގެ މައްސަލަ އަކަށް ވީ އެ ބައިވެރިން ރޯތީ އެއް ނޫނެވެ. އެފަދަ ހާލަތްތަކުގެ މަންޒަރު ވީޑިއޯ އަދި ފޮޓޯ ގެ ޒަރިއްޔާއިން މޯލްޑިވިއަން އައިޑަލް އޮފިޝަލް ޕޭޖުގައި މަޖާކަމަކަށް ހަދައި ހިއްސާކުރާތީއެވެ. ބޮޑު ސިންގާ ފިރިހެނަކު އަޑުން އަޑުނަގައި ރޯތަން ފެނިއްޖެއްޔާ ކޮންމެވެސް ވަރެއްގެ ޖޯކު ކަމެއް އޭގެން ފެނިދާނެވެ. ނަމަވެސް މިއީ އެއާ ދިމާ އިދިކޮޅެވެ. އުއްމީދާއި ހުވަފެން މޮޑެލަމުން އެ ބައިވެރިންނަށް ކުރާ އަސަރު އިހްސާސް ވާނީ ހަމަ އެ ބައިވެރިންނަށެވެ.

މޯލްޑިވިއަން އައިޑަލް ގެ އޮފިޝަލް ޕޭޖް އިން އެފަދަ މަންޒަރު ހައިލައިޓް ކޮށްގެން އެ ފަތުރަމުން އެދަނީ ގިނަ ބައެއްގެ ތާއީދު ލިބޭނެ ކަމަށް ހީކޮށެވެ. ރަނގަޅެވެ. ތާއީދު ލިބިދާނެވެ. އަދި އާންމުންގެ މަޤްބޫލުކަން ވެސް ލިބިދާނެވެ. ނަމަވެސް އަހަރެން ބުނެލަން ބޭނުން ވަނީ މޯލްޑިވިއަން އައިޑަލް ގެ ފޭސްބުކް ޕޭޖް އިން ނޭނގި ނަމަވެސް އެކުރެވެނީ ގަނާ އެވެ. އެ ބައިވެރިޔާ އެންމެން ގެ ތެރޭގައި ލަދު ގަންނަވާލަނީ އެވެ. މީސްމީޑިއާގައި ފަޟީހަތް ކޮށްލަނީއެވެ.

ވަރަށް ވެސް ހިތާމަވެރިއެވެ. ދައުލަތު ޗެނަލަކުން އިންތިޒާމް ކުރާ ޝޯ އެެއްގެ އޮފިޝަލް ޕޭޖުން މި ފަދަ ޢަމަލު ތަށް ފެނުމުން އަހަރުމެން ބެލުންތެރިން ކުރާނެ އެއްވެސް ކަމެއް ނޯންނާނެވެ. ބޮޑު ކަމަކަށް، ތި ކުރާ ކަމަށް ތާއީދު ނުކުރާ ވާހަކަ މީސްމީޑިއާގެ ޒަރިއްޔާއިން ބުނެވޭނީ އެވެ.

އަހަރެން މިކަން ވަރަށް ރަނގަޅަށް ދިރާސާ ވެސް ކޮށްފީމެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އައިޑަލް މީސްމީޑިއާގައި ހިންގާ ގޮތް ވެސް ބަލައިފީމެވެ. ނަމަވެސް މިކަހަލަ ވިޔާނުދާ އުކުޅެއް އެއިން އެއްވެސް ޤައުމަކުން ބޭނުމެއް ނުކުރެއެވެ. އެހެން ކަމުން މޯލްޑިވިއަން އައިޑަލް ގެ އޮފިޝަލް ޕޭޖައަށް ސުވާލެއްވެސް ކޮށްލަން ބޭނުންވެއެވެ.

މޯލްޑިވިއަން އައިޑަލް އަކީ މޮޅެތި ލަވަކިޔުންތެރިން ހޮވާ އެއްޗަކަށް ވީއިރު، ފޭސްބުކް ޕޭޖް އަށް ރީއްޗަށް ލަވަކިޔާ ކުދިން ގެ ވީޑިއޯ ނުލަނީ ކީއްވެ ތޯއެވެ؟ ގައިމު އާންމު ބެލުންތެރިން ގެ ޚިޔާލެވެސް އައިސްދާނެ އެއް ނޫންތޯއެވެ. އަހަރެންނަށް ޤަބޫލް ކުރެވޭ ގޮތުގައި ބައިވެރިން ރޯ ތަންތަނާއި، ބުނެވޭ ބައެއް ބުނުން ތަކުގެ ވީޑިއޯ ތަށް މަޖަލަކަށް ހަދައިގެން އާންމު ކުރުމަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅު ވާނެވެ.

މިދިޔަ އަހަރު މޯލްޑިވިއަން އައިޑަލް ގެ އޮޑިޝަނެއްގައި ކުއްޖަކު، އޭނާ އަޅައިގެން ހުރި އާއިނު ގެ އަގު ދެފަހަރަކު ދެގޮތަކަށް ބުނެވުނެވެ. މޯލްޑިވިއަން އައިޑަލް ގެ ޓީމް އިން އެ ވީޑިއޯ ކޮޅު ކޮމްޕައިލް ކޮށް އާންމުނަށް ދައްކާލަދިނެވެ. މަޤްސަދަކީ ކޮބައިތޯއެވެ. އެންމެ ފަހުން އެ ކުއްޖާއަށް ލިބުނީ ދުވަހަކުވެސް އަޑުއަހަން ބޭނުން ނުވާ ކޮމެންޓް ތަކެކެވެ. އަދި ހަމަ އެގޮތަށް މިދިޔަ އަހަރު މޯލްޑިވިއަން އައިޑަލް އިން ކަޓައިގެން ދިޔަ ކުއްޖެއްގެ ވީޑިއޯ ވެސް އާންމުން ގެ ސަމާލުކަމަށް ގެނެސްދިނެވެ. އެ ކުއްޖާގެ ރުއިމުގެ މަންޒަރުތަކާއި ހިތްހަމަނުޖެހިގެން ބުނެވުނު ވާހަކަ އާންމު ކުރީ ކޮންބައެއްގެ ސަޕޯޓެއް ލިބޭނެ ކަމުގެ އުއްމީދުގައި ހެހްޔެވެ؟

ދެން މިފަހަރުގެ އޮޑިޝަން އަކަށް ބަލައިލަމާ ހިނގާށެވެ. އަހަރެން ފޭސްބުކް ހާވާލަނިކޮށް ފެނިގެން ދިއައީ މޯލްޑިވިއަން އައިޑަލް ގެ ޖަޖުން ނޫނެކޭ ބުނި ބައިވެރިއެއްގެ ހިތް ފުޑުފުޑު ވެގެން ދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ކްލިޕެކެވެ. އިނގިރޭސިބަހުން ބުނާ އެއްޗަކައި އެ ބައިވެރިޔާގެ މޫނުގެ ކުލަވަރު ފޭސްބުކް ޕޭޖް އަށް ލާފައި އިނީ ޖެއްސުމަށް ކަމެއް، ނުވަތަ މަޖަލަކަށް ކަމެއް އަހަންނަކަށް ނޭންގެއެވެ. އިނގޭހާވެސް އެއްޗަކީ ހިއްވަރު ދިނުމަށް ނޫންކަމެވެ. އެބައިވެރިޔާގެ ވާހަކަވެސް މިހާރު އޮޅުން ފިލުވައިފީމެވެ.

މޯލްޑިވިއަން އައިޑަލް ގެ ޕޭޖް އަށް އެ ވީޑިއޯ އަޕް ކުރި ތަނާހެން، އެތަށް ބައެއްގެ މެސްޖްތައް ވެސް އެކުއްޖާއަށް ވަނީ ލިބިފައެވެ. އެތައްބަޔަކު އެ ވީޑިއޯ އަށް މަލާމާތް ކުރާއިރު ބުނެލަން ބޭނުން ވަނީ ތިޔަ ކުރެވެނީ ހަމަ ގަނާކަމުގައެވެ. އެންމެ އޮޑިޝަނަކަށް ދެވުނީތީ އެ ބައިވެރިޔާ އެވަނީ ވަރަށް ބޮޑަށް ހިތާމަ ކުރަން ޖެހިފައެވެ.

އެ ބައިވެރިޔާގެ އާއިލާގެ އެދުމަކަށް ޕޯސްޓު ޕޭޖުން ނަގާފައިވީނަމަވެސް އައިޑަލްގެ ޕޭޖުން އާންމު ކުރި ވީޑިއޯ ޑައުންލޯޑުކޮށްގެން އެތައް ބަޔަކު ދަނީ އަދިވެސް މީސްމީޑިއާގައި އެކުއްޖާއަށް ގަނާ ކުރަމުންނެވެ. އެކަން ކުރާ އިރު އެއީ ގަނާ ކުރުން ކަން ނޭނގި ނަމަވެސް އެ ކުރެވެނީ ގަނާއެވެ.

ދެން އޮތީ މީސްމީޑިއާގައި މޯލްޑިވިއަން އައިޑަލް ގެ ޕޭޖުން އެ ވީޑިއޯތައް ސޭވް/ޑައުންލޯޑު ކޮށް ނުވަތަ ޝެއާ ކުރާ މީހުންގެ ވާހަކައެވެ. ވަރަށް ޖޯކު ކަމަކަށް ހަދައިގެން ތިމާ ގެ އަމިއްލަ ކްލިޕް ތަކެއް ޝެއާ ކުރާނަން ތޯ އެވެ؟ ނުވަތަ ތިމާ ގެ އަމިއްލަ ދަރިފުޅު، ކޮއްކޮ، ބޭބެ ނުވަތަ ދައްތައެއް ގެ ވީޑިއޯ ތަކަށް ތި އަމަލު ކުރާ ފަދައިން އަމަލު ކުރާނަން ހެއްޔެވެ؟ ނުކުރާނެ އެވެ.

ހަމަޔަޤީނުން ވެސް އަހަރެން ކުރާކަށް ބޭނުމެއް ނުވެއެވެ. ވިސްނާލާށެވެ. ތިބާ ތިދޭ އެންމެ ލައިކް އަކުން ވެސް އެ ބައިވެރިޔާ ގެ ހިތުގައި ޖެހެއެވެ. ތިބާ ތިކުރާ ކަންތައްތަކުން އެ ބައިވެރިޔާ އަށް ލިބޭނެ ނަފްސާނީ އަނިޔާ އަކަށް ވިސްނާލިން ތޯ އެވެ. ހަޤީޤަތަކީ ތިބާ އަކީ ވަރަށް ބޮޑު ފިނޑިއެކެވެ. އެ ބައިވެރިޔާ ކެރިގެން އެ ބައިވެރިޔާ ގެ ހުނަރު ދައްކާލިއެވެ. ތިބާ އަށް ދެއްކުނީ ކޮން ކަމެއް ހެއްޔެވެ؟ ފިނޑިކަމުން ފިލާ އޮވެ ރިއެކްޓް ކުރެވުނީ އެވެ. އެހެން ކަމުން އަހަރެންގެ ނަޒަރުގައި އެ ބައިވެރިންނަކީ ހަޤީޤަތުގައި ވެސް ސުޕަހީރޯއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ކައުންސެލަރު

  ގަނާ ކުރުމެއް ނޫން ކިޔަނީ.. ހަނގާ ކުރުން ކިޔަނީ!!!

  • ބޭބެ

   ކަލޯ ހަމަ އެކައްޗެއް އެއީ

   • ކައުންސެލަރު

    ތިހެން ވެއްޖިއްޔާ ރަދީފް ބަލާބަ ނިކަން..ގަނާ ކުރުމޭ ކިޔާ ބަހެއް އިންތޯ ބަލާބަލަ..ނީންނާނެ!!

  • ސޯދުބެ

   ހަނގާ ކުރުން އެއީ "ޓީޒިންގް"
   ގަނާ ކުރުން އެއީ "ބުލީ ކުރުން"

 2. އާދަނު

  ސިނާނުގެ ދިވެހި ޓީޗަރަށް މަގޭ ސަލާމް ބުނެދޭތި.

  • މަ

   އެއްވެސް މައްސަލައެއް ނޯންނާނެ

 3. ޙުސެން

  ސިނާން ގެލިޔުން ފެންވަރު، ނަމަވެސް ﷲ ހަރާމް ކުރެއްވި މިއުޒިކާއި ލަވައިގެ މުބާރާތަކުން ހަގީގީ އުފަލެއް ހިތްހަމަޖެހުމެއް ނުލިބޭނެ!

  • ?

   ރަނގަޅު ވާހަކަ އެއް.

 4. ފާނާ

  ވަރަށް ރަނގަޅު ލިޔުމެއް..

 5. އޮބާމާ

  ވަރަށް ރަނގަޅު ވާހަކައެއް...

 6. މަވެސް

  ވަރަށް ރަނގަޅު ވާހަކައެއް. ޓީވީއެމް އިން މިކަމާ ވިސްނާނެ ކަމަށް އުންމީދު ކުރަން

 7. ވުޑީ

  ތިޔަ ތަނުގައި ތިބޭ ޖަޖުންވެސް ތިބެނީ އެމީހުންނަށް އެމީހުން ފެނިފައި. މާބޮޑަށް މަ މޮޅު ވެއްޖިއްޔާ އެހެން މީހުންގެ އިހުސާސް ތަކަށް އިހުތިރާމެއް ނުކުރާނެ. ލާރި ކޮޅެއް ދީބަލަ! ތިޔަ ބުނާ ޕޭޖުންވެސް ތިޔަ ބުނާ ކުދިން ޕްރމޯޓް ކޮށްދޭނެ. ފެނޭ އެބަ، ބައެއް ކުދިން އޯވަރ ޕްރޮމޯޓް ކުރަން މަސައްކަތް ކުރާ ތަންވެސް، އެކަމުގައިވެސް ކޮންމެވެސް ސިއްރެއް އޮންނާނެ ކަންނޭނގެ.

  • ކޮޔާ

   ރަގަޅު ވާހަކައެއް ތިޔަ ބުނީ. ޖަޖުން އެންމެ ގިނައިން އޮޑިޝަންތަކުގަ ކުދިންނައް މަލާމާތްކުރަނީ. ހާއްސަކޮށް އައްފާން.

 8. މަ
 9. ނިމާލް

  ދެންއަދިވަރަށް ފޫހިވޭ ތިޔައަިޑޯލްގަ ޖަޖުންގެ ބޮޑާކަމާއި ކިބުރުވެރިކަމުން!!!

 10. ޏަމްޏަމް

  މީސްމީޑިއާ އަދި ގަނާ ކުރުމޭ.. މީ ދެން ބަސްތަ..

  • މުޖައްރިބު

   ކަލޭ ލަފްޒުތަކައިގެން ނޫޅެ، އޭގަ އެ އޮތް ވާހަކަ ގެޓުވަބަލަ..

 11. އ.ޖ.އ

  ހަމަ ހުސް ހަރާން ކަންތައް.

 12. ނާއިފް

  ވަގުތު ނޫހުން ގެނެސްދިން ތަފާތު ހަބަރެއް. ތިގޮތުގަ ކުރިއަށް ދޭ..
  ސިނާނު ގެ ލިޔުމަށް ވަރަށް ތާއީދު. ސިނާނު ގެ އިތުރު ލިޔުންތަކެއް ފެންނާނެކަމަށް އުއްމީދު ކުރަން.

 13. ކުޑޫ

  ޖަޖުކަން ކުރެވޭވަރުގެ ޕްރޮފެޝަނަލް މީހުން މިތާ ނެތްކަން އަހަރުމެންނަށް އެނގޭ!

 14. އަލޮޖިބުރީލު

  މައިތިރިވެގެނ ގޭގަ އޮތްނަމަ ގަނާ އާއި ފަނާ ނުވާނެ. އެނގޭދޯ މިޢި ރިއަލިޓީ ޝޯ އެއްކަން. ަދި އަމުދުން އައިޑަލް ކަހަލަ ޝޯއެއްގަ ކަންތައް ވާނެ ގޮތްވެސް އެނގޭދޯ. މިކަހަލަ ޝޯ ތަކުގަ މަޖަލާއި ތައުރީފުކުރުމާއި މަލާ މާތް ކުރުނވެސް ހިމެނޭނެ. ދުނިޠޭގެ އެހއން ތަންތާވެސް މިކަން ވަނީ ހަމަ މިހެން. ތިއޮތީ އެނގިފަ. .

  • ވުޑީ

   ތިޔަހެން ތިކަން އޮންނަ ކަމަށް ވަންޏާ ތިކަން ވާން ޖެހޭނެތާ ދެފަރާތަށް ހަމަ ހަމަ، ކީއްވެ ބައިވެރިއަކު އުނޫސާ އާއި ދޭތެރޭ ދެކޭ ގޮތް ހާމަ ކުރުމުން ހަޖަމް ނުވީ، ތިޔަ ބުނާ ކަހަލަ ރިއަލިޓީ ސޯވ އެއްގަ ޖަޖުން ވަކި ނުޖެހޭ ދޯ ރުޅި އަންނާކަށް. ތި ބޭޅާ އަށް ބޮޑަށް އެނގި ލައްވާނީ! ވަރަށް ވެދުން.

 15. ވިސްނާ

  ޝައިޠާނީ ކަމަކުން ހެވެއް ނުނިކުންނާނެއެވެ. ތީ އަހަރުމެން އަޖައިބުވާވަރުގެ ކަމެއް ނޫނެވެ.

 16. ޭޫއޫޕްސް

  ޖަޖުން ވެސް ކުރާ ކަމަކީ ބައިވެރިންނާ މަލާމާތް ކުރުން. މިދެން ދެރަ ކަމެންނު.

 17. ވަރަށް ސަލާމް.

  ހަނގާ ކުރުން އެއީ ދިމާކުރުން

  ގަނާ ކުރުން އެއީ ބްލީ ކުރިން ބްލީ އަކީ ހަމައެކަނި ދިމާކުރުމެއް ނޫން...

 18. ލިލީ

  ވަގުތުން މިހާތަނަށް ގެނެސް ދިން އެންމެ ހަމަ ޖެހޭ ލިޔުން ކަންނޭގެ މީ،، މި ލިޔުމަށް ވަރަށް ތާއީދު، މިކަހަލަ ލިޔުންތަށް އިތުރު ކޮއްލީމަ ވަރަށް ރަނގަޅު ވާނެ،