ރެޕް ލަވައިގެ ދުނިޔޭގައި އެންމެ އުހަށް ފިޔަޖަހާފައިވާ 37 އަހަރުގެ ނިކީ މިނާޖް ވިހައިފި އެވެ. ދި އެނަކޮންޑާ ލަވަ ކިޔާފައިވާ ނިކީ ވިހާފައި ވަނީ ބުދަ ދުވަހު ލޮސް އެންޖެލަސްގައެވެ.

ޓީއެންޒެޑް އިން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ނިކީ އާއި ޕެޓީގެ ފުރަތަމަ ކުއްޖާގެ ނަމާއި ޖިންސު އަދި ރަސްމީކޮށް ހާމަ ނުކުރާ ކަމަށެވެ. ނިކީ އޭނާ ބަނޑުބޮޑުކަން ހާމަކޮށްފައި ވަނީ ޖުލައި މަހުގެ ތެރޭގައި އެވެ. އަދި އޭނާ ވަނީ ބަނޑުބޮޑު ދުވަސްވަރުގެ ގިނަ ފޮޓޯތަށް މީސްމީޑިޔާގައި ހިއްސާވެސް ކޮށްފަ އެވެ.

ނިކީ އާއި ފިރިމީހާ ކެންނެތް ޕެޓީ ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރުގައި އެވެ. ވިހައިގެން އަދި އެއްވެސް ފޮޓޯއެއް ނިކީ މީސްމީޑިޔާގައި ހިއްސާކޮށްފައި ނުވެއެވެ. ނަމަވެސް އެތައް ބަޔަކު ދަނީ ނިކީގެ ފޮޓޯއަކަށް އިންތިޒާރު ކުރަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ނިކީ ވަނީ އޭނާ މިއުޒިކުގެ ދާއިރާއިން ވަކިވާން ނިންމާފައިވާ ކަމަށެވެ. އޭނާ ބުނީ އޭނާ ބޭނުން ވަނީ އާއިލާއެއް ފަށަން ކަމަށެެވެ. ފަހުން އޭނާ ކުރި ޕޯސްޓެއްގައި ވަނީ ފޭނުންނަށް މަޢާފްވެސް ކޮށްފަ އެވެ.

ނިކީ މިނާޖް އުފަންވެފައި ވަނީ 8 ޑިސެމްބަރު 1982 ގައި އެވެ. އޭނާ އަކީ ރެޕާއެއްގެ އިތުރުން ލަވަކިޔާ، ލަވަލިޔާ، އެކްޓުކުރާ އަދި މޮޑެލްވެސް ކުރާ ފަންނާނެކެވެ. އޭނާ މަޝްހޫރުކަން ހޯދި ފުރަތަމަ ލަވަޔަކީ 2007 ވަނަ އަހަރު ނެރުނު ’ޕްލެއިޓައިމް އިޒް އޯވާ‘ އެވެ.