އެޕިކް ގޭމްސް އިން އުފައްދާފައިވާ މަޝްހޫރު އޮންލައިން ވީޑިއޯ ގޭމް، "ފޯޓްނައިޓް" އަޅާފައިވާ އައިފޯނުތައް ބޮޑު އަގުގައި ވިއްކަން ފަށައިފިއެވެ.

އާންމު ފަރާތްތަކުން މިހާރު އީބޭ އާއި އެނޫންވެސް އޮންލައިން ވިޔަފާރިކުރާ ވެބްސައިޓްތައް މެދުވެރިކޮށް މި ގޭމް އަޅާފައިވާ އައިފޯންތައް އެތައް ހާސް ޑޮލަރަކަށް ވިއްކަމުން މިދަނީ، އެޕަލް ސްޓޯރުން މި ގޭމް ބޭރުކޮށްލުމާއި ގުޅިގެން މިހާރު އައިފޯނަށް މި ގޭމް ނޭޅޭތީއެވެ.

އެޕިކް ގޭމްސް އާއި އެޕަލް އާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު މި ގޭމް އެޕަލް ސްޓޯރުން ނަގާފައިވީނަމަވެސް، ކުރިން ގޭމް އަޅާފައިވާ ފޯނުތަކުން މި ގޭމް ކުޅެވެއެވެ. އެޕަލްގެ އިތުރުން ގޫގުލް ސްޓޯރުންވެސް މި ގޭމް މިހާރު ވަނީ ނަގާފައެވެ. ނަމަވެސް އެންޑްރޮއިޑް ފޯނުތަކަށް އެޕިކް ގޭމް ސްޓޯރާއި އެނޫންވެސް ސްޓޯރުތަކުން ގޭމް ޑައުންލޯޑް ކުރެވޭނެއެވެ.

އެޕަލް ސްޓޯރުން ފޯޓްނައިޓް ބޭރުކޮށްލުމުން އެޕަލްގެ އާލާތްތައް ބޭނުންކުރާ ގިނަ ބަޔަކު ނުރުހުންވެސް ފާޅުކޮށްފައި ވެއެވެ.

މީގެ ކުރިން އައިފޯނަށް ފޯޓްނައިޓް އަޅާފައިވާ ފަރާތްތަކުން ދަނޑިވަޅުގެ ބޭނުން ހިފައިގެން ފޯނުތައް ބޮޑު އަގުގައި ވިއްކަމުންދާއިރު، ބައެއް ފޯނުތަކުގެ ވިއްކަން ހުށަހަޅާފައިވަނީ ދިހަހާސް ޑޮލަރާއި 40,000 ޑޮލަރާއި ދެމެދުގެ އަގުތަކުގައެވެ.

ހަނގުރާމައިގެ މައިދާނެއް ދައްކުވައިދޭ ފޯޓްނައިޓް ގޭމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު ކުޅެމުންދާ ގޭމެކެވެ. 2017 ވަނަ އަހަރު އުފެއްދި މި ގޭމް 250 މިލިއަނަށްވުރެ ގިނަ މީހުން ކުޅޭ ކަމަށް ވެއެވެ.