މި އަހަރުގެ ކޭން ފިލްމް ފެސްޓިވަލްގައި، މަރުވެފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސުރީ ދޭވީގެ އަގު ވަޒަންކޮށް އެވޯޑެއް ދީފިއެވެ.

ސުރީ ދޭވީ މަރުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ދުބާއީގައެވެ. އެންމެ ފުރަތަމަ ހަބަރު ފެތުރުނީ އޭނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ. ނަމަވެސް ފޮރެންސިކް ރިޕޯޓުން ދައްކާފައި ވަނީ އޭނާ މަރުވީ އަމިއްލަ ބާތްޓަބްގައި ގެނބިގެން ކަމަށެވެ. އޭނާ މަރުވުމާއެކު ގިނަ ބަޔަކު ވަނީ ހިތާމަ ފާޅުކޮށް އޭނާާގެ ހިދުމަތްތަކުގެ ހަނދާން އާ ކޮށްފައެވެ.

71 ވަނަ ކޭން ފިލްމް ފެސްޓިވަލްގައި ސުރީ ދޭވީ ފިލްމީ ދުނިޔެއަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކުރީ ޓައިޓެން ރެޖިނަލްޑް އެފް ލުއިސް ފިލްމް ހޮނާސް އިންނެވެ. ސުރީ ދޭވީގެ އެވޯޑާއި ހަވާލުވީ ސުބާޝް ގާއީއެވެ.

މީގެ ދުވަސްތަކެއް ކުރިން ސުރީ ދޭވީގެ ފިރިމީހާ މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ސުރީ ދޭވީގެ މަސައްކަތަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބުމުން އުފާާ ކުރާ ކަމަށެވެ. އަދި ސުރީ ދޭވީ މިއަދު ނެތުމުން ހުސްކަމެއް އައި ނަމަވެސް އޭނާގެ މަސައްކަތްތަކުގެ ތެރެއިން އޭނާ ދިރި އެބަ ހުރި ކަމަށް ސިފަ ކުރިއެވެ.

300 އަށް ވުރެ ގިނަ ފިލްމު ކުޅެ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ސުރީ ދޭވީގެ އަގު މީގެ ކުރިން އެކެޑޭމީ އެވޯޑްސްގައި ވެސް ވަނީ ވަޒަން ކޮށްފައެވެ.

ސްރީދޭވީ ހަށިގަނޑު އަންދާލާފައި ވަނީ މުމްބާއީގެ ވިލެ ޕަރްލޭ ސެވަ ސަމާޖް ކްރެމެޓޯރިއަމްގައެވެ. ސްރީދޭވީގެ ހަށިގަނޑު އަންދާލުމަށްފަހު ބާކީވި އަޅިތައް އަޅާފައި ވަނީ ހިންދޫންގެ މުގައްދަސް ރަށެއް ކަމަށްވާ ރާމޭސްވަރަމް ކައިރީ އޮންނަ ކަނޑަށެވެ.