ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އަންހެނުން ވިކްޓޯރިޔާ ބެކަމްއަކީ ފެޝަނަށް ވަރަށް ލޯބި ކުރާ މީހެކެވެ. ވިކްޓޯރިޔާ ބެކްމްގެ ހެދުން އެޅުމުގެ ވައްޓަފާޅި ގިނަ ބަޔަކަށް ކަމުދާ އިރު އޭނާ މިވަނީ ދާދި ފަހުން މީޑިއާގެ ސަމާލުކަން ހޯދައިފައެވެ. އަގު ބޮޑު އާމެޒް ދަބަހަކާ އެކު ކަޅު ކުލައިގެ ކޯޓެއް ލައިގެން ވިކްޓޯރިޔާ ޗެލްސީގެ ރެސްޓޯރެންޓަކުން ނިކުތް މަންޒަރު ގިނަ ބަޔަކަށް ފެނިގެން ދިޔައެވެ.

ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އޭނާ ފެނިގެން ދިޔަ އިރު، އަޅައިގެން ހުރީ ކަޅު ކުލައިގެ މާސްކެކެވެ. އޭނާ ފެނިފައި ވަނީ ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޗަޕަނީސް ރެސްޓޯރެންޓަކުން ނިކުތް ތަނާއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން އޭނާ ފެނިގެން ދިޔައީ ފެހި ކުލައިގެ ހަރުވާޅަކާއި ކްރީމް ސިލްކު ހެދުމެއް ލައިގެން ހުއްޓައެވެ.

ވިކްޓޯރިޔާ ރޭގަނޑުގެ ކެއުމަށް ގޮސްފައި ވަނީ އޭނާގެ ފިރިމީހާ ޑޭވިޑް ބެކަމް އާއި އެމީހުންގެ ފިރިހެން ދެ ކުދިން ކަމަށްވާ އުމުރުން 18 އަހަރުގެ ރޯމިއޯ އާއި އުމުރުން 15 އަހަރުގެ ކްރުޒް އާއި އުމުރުން ނުވަ އަހަރުގެ އަންހެން ދަރިފުޅު ހާޕާއާ އެކުގައެވެ.

ވިކްޓޯރިޔާ އަކީ ފުޅާ ދާއިރާއެއްގައި މޭކަޕް ވިޔަފާރި ވެސް ކުރާ މީހެކެވެ. ވިކްޓޯރިޔާ ވަނީ އެނާގެ "ޕޯޝް" ބްރޭންޑުގެ އެންމެ ފަހުގެ ލިޕްސްޓިކް ދައްކާލައިފައެވެ. ހޮނިހިރު ދުވަހު ވިކްޓޯރިޔާ އޭނާގެ އެންމެ ފަހުގެ ޕްރޮޑަކްޓު ދައްކާލާފައި ވަނީ އިންސްޓަގްރާމްގައެވެ.

އުމުރުން 46 އަހަރުގެ ވިކްޓޯރިޔާ ބެކަމް ވަނީ ފާއިތުވި މަހު އޭނާގެ އެންމެ ފަހުގެ ޕްރޮޑަކްޓުތައް ވާޗުއަލްކޮށް ލަންޑަނުގެ ފެޝަން ވީކްގައި ހުށަހަޅައިދީފައެވެ. އެއީ އޭނާގެ ފުރަތަމަ ވާޗުއަލް ސެޝަންއެވެ.