އާދަނަކީ ވެހޭވާރެއަކަށް ނުވަތަ އަރާ އަތްވަކަށް ނުބަލައި ކޮންމެ ދުވަހަކުވެސް މަހަށްދާ މީހެކެވެ. މަސްބޭނުން އެއީ އާދަނު މާ ކުރާ ހިތްވާ ކަމެކޯއެވެ. ގޭގެ ފްރިޖްގައި މަސްގިނަވެގެން އުކާލަން ޖެހުނަސް އާދަނަށް މަސްބޭނޭ ކަމަށްވަނީ ކޮންމެ ދުވަހަކުވެސް ހަވީރު އަތަށް އެޅުމުން ގެންގުޅޭ ކުޑަ ޑިންގީގައި މަހަށް ދިޔައީމައެވެ. އެހެންނޫނީ އެރޭގެ ނިދިވެސް މުޅިން ޚަރާބުވާނެއެވެ. މިކަމަކާ އާދަނުގެ އަނބިގޮއްޔެ ފާތުމަ ހުންނަނީ އަބަދު ރުޅިއައިސް ރަތްވެފައެވެ. ނަމަވެސް ހުރިހާ ކޮޅަކުންވެސް ބާރު އޮންނަނީ އާދަނުގެ އަތްމަތީގައި ކަމުން ފާތުމަ ކިތަންމެ ގިނައިން އެކަމާ އަނގަތެޅިޔަސް ކަހާތަން ހިރުވާލާކަށްވެސް އާދަނެއް ނޫޅޭނެއެވެ. ފާތުމަގެ ވާހަކަ ކޮންމެ ދުވަހަކު އަޑު އަހައި އަހައި އެކަމަށް އާދަނު ހޭނިފައިވާހެން އާދަނުގެ ނުހުއްޓުނު މަހުގެ ކުޅިވަރަށް ފާތުމަވެސް ވަނީ ހޭނިފައެވެ.

ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެވެ. އާދަނަށް ހޭލުވުނީ ހަތެއް ޖަހަން ކައިރިވެފައި ހުއްޓެވެ. ގަޑިއަށް ބަލާލުމާއެކު ފުންމައިގެން އެނދުން ތެދުވެ ފާތުމައަށް ގޮވާލިއެވެ.

"އަހޭ. ފާތުމާ. ދެން ތެދުވޭ. ހިގާ އެއްކަލަ ވިނަގަނޑު ކޮށާލައި ސާފުކުރަން ފަށަން"

"އާނ.. ލައިގަތީ ހަކަންތަކާ. ހުކުރަކަސް ކުރުސަކަސް މަށަށް ނޯންނާނެ ލޮލުފިޔައެއް ޖަހާލެވޭކަށް. ދާ މަހަކުން އައިސް ނިދާފައި އޮވެ ގުގުރި ދަމަމުން އާނ ހުތް އެ ބޭނުނީ ކަނޑުބޯވައެކޭ ކިޔާވަރުންވެސް މަށަށް ނުނިދޭ. އެހާ އަވަހަށް ޖެހޭނެ އަދި މީނައާއެކު މަވެސް ފޫގަޅައިގެން ފަހަތުން ދާން" އަނގަޔަށް ވައްތަރު ޖައްސަމުން ކުދި ކިޔަމުން ފާތުމަ އާދަނާ ދިމާލަށް ލޯއަޅާލުމަށްފަހު އެނދުން ތެދުވިއެވެ. އަދި ފާޑަކަށް ބޯ އަރިކޮށްގެން ހުރެ އާދަނާ ދިމާލަށް ބަލާލުމަށްފަހު އާދަނު ކޮޓަރިން ނުކުންނަން އުޅުމުން އާދަނު ކޮށްޕާލާފައި ދުރަށް ޖައްސާލުމަށްފަހު ފާތުމަ އެންމެ ކުރިން ކޮޓަރިން ނުކުމެ ގޮސް ގިފިއްޔަށް ވަނެވެ. މިކުޅިވަރު ބަލަން ހުރެފައި ހިނިގަނޑެއް ޖަހާލަމުން މުންޑު ހެޔޮވަރުކޮށްލަމުން އާދަނުވެސް ބޭރަށް ނުކުމެއްޖެއެވެ.

ސައިބޮއި މެންދުރަށް ކައްކާލާފައި އާދަނުކުރާ ކަމެއް ބަލަން ފާތުމަ ގޭގެ ފުރަގަހަށް ދިޔައެވެ. އޭރު ބޮޑު ކަތިވަޅިއެއް އަތަށް ހެޔޮވަރުކޮށްލަމުން އެތާ ހުރި ބޮޑު ބޯ ވިނަގަނޑެއް ކޮށާލުމުގައި އާދަނު އުޅެއެވެ.

"ދެން ތިވިނގަނޑުގައި އުޅޭ ފުރޭތަ ވަންނާނެ ގެއެއް ނެތީމައި މަކައިރީގައި އައިސް ނިދިޔަސް އާދަނަށް ހެޔޮދޯ؟" އަނެއްކާވެސް އާދަނާ ބެހިލަމުން ފާތުމަ ބުނެލިއެވެ.

"އަންހެނެއް ވިއްޔާ މަށަށް ހެޔޮ. ފިރިހެނެއްވިއްޔާ ފާތުމައަށް ހެވެއްނު؟" އާދަނު ހެމުން ހެމުން ބުނެލިއެވެ. ފާތުމަ ރުޅިއަރުވާލުމުން އާދަނަށް އެހެންކަހަލަ ހިތްހަމަޖެހުމެއް ލިބެނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިދެމީހުން އެކުވެގެން ކުދި ކިޔަމުން ނަމަވެސް އެއްކަލަ ވިނަގަނޑު އެއްކޮށް ކޮށާލައި މުޅި އެހިސާބު ސާފުކުރުމަށްފަހު ނެގި ހުރިހާ ކުންޏެއް އަންދާލުމަށްފަހު ގޭތެރެއަށް ވަދެއްޖެއެވެ. އޭރު ގަޑިން ހަތަރުގަޑު ބައިވެއްޖެއެވެ. އާދަނު ފެންވެސް ނުވަރައި ދެން މިސްރާބުޖެހީ އަތިރިމައްޗާއި ދިމާލަށް ދިޔުމަށެވެ. އާދައިގެމަތިން މަސްބާނަން ގޮސްލުމަށެވެ. އާދަނު ދިއުމުން ފާތުމަ ފެންވަރާލައިގެން ރަނގަޅަށް ދުފާލައިގެން ނުކުތީ ބޭރަށެވެ. އެއުމުރުގެ އަންހެން ގުރޫޕްތަކާ ދިމާވެލަން އެންމެ ރަނގަޅުވާނީ އެގަޑީގައި މަގުމައްޗަށް ނުކުތުމުން ކަމުން އެމަޖަލުގައި ބައިވެރިވެލަން ފާތުމަ ނުކުމެއްޖެއެވެ.

ފާތުމަ ގެއަށް އައީ އެރޭ އަށެއްވެސް ޖަހައި ބޮޑުވިފަހުންނެވެ. ގެއަށް އައިސް ވަތްއިރު ގޭތެރެއަށް އެޅިފައިވާ އަނދިރިކަމުން އަދި އެއްކަލަ އާދަނު ގެއަށް ނާންނަކަން ފާތުމައަށް އެގިއްޖެއެވެ. ފާރުގައި އަތް ކާއްތަމުން ކާއްތަމުން ގޮސް ސުވިޗަށް އޮބާލުމާއެކު ފުރަތަމަ ދިއްލުނީ ގިފިލި ކައިރީގައި ހުރި ލައިޓެވެ. އެވަގުތު ގިފިއްޔާ ދިމާލު ބިންމަތިން ކޮންމެވެސް އޮލަ ދުންގަނޑެއް ފެނުނުހެން ފާތުމައަށް ހީވިއެވެ. ނަމަވެސް އެކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައި ދެން ހުރި ބޮކިތައް ދިއްލަމުންގޮސް ބަދިގެއަށް ވަނެވެ. ކައްކާފައި ހުރި މަސްރިހަތެލި އުދާފައި އެ ހޫނުކޮށްލުމަށްފަހު ދެން ފާތުމަ ގޮސްވަނީ ގިފިއްޔަށެވެ. ގިފިއްޔަށްވަދެ ފާޚާނަ ކޮށްލައިގެން ނުކުތްއިރު ގިފިލީގެ ކަނަކަށްވާގޮތަށްހުރި ބޮޑު ހިކަނދިފަތް ގަހާ ނިވާވެގެން ހުރި އެއްޗެއް ފާތުމައަށް ބަލަމުން ދިޔަކަމެއް ފާތުމައަކަށް ނޭނގެއެވެ. އެގަހުގެ ބުޑަކީ އެހާ ފަލަ ބުޑެއް ނޫނެވެ. ނަމަވެސް މިބުނި އެއްޗެއްގެ ހަށިގަނޑު ފެންނަނީ އޭތި އަރިވެގެން ފާތުމައާ ދިމާލަށް ބަލަން އޮތް ފަޅިން އެކަންޏެވެ. އޭގެ އަނެއްކޮޅުން އޭތީގެ ހަށިގަނޑުން އެންމެ ތަންކޮޅެއްވެސް ނުފެނެއެވެ. ދިގު އިސްތަށިގަނޑެއް ލިބިފައި ހުރި އެތީގެ މޫނުގައި ހީވަނީ އަޅި އުނގުޅާފައި ހުރިހެންނެވެ. މުޅި އެތިހުރީ ކަޅުކުލައިންނެވެ. ދެލޯ އެއްކޮށް ހުދުކުލައިން ހުރިއިރު އޭތީގެ ލޮލުގެ ކަޅިއަކަށް ހުރީ ބުޅަލުގެ ހުންނަ ކަހަލަ ހަނދުފަޅިއެއްގެ ސިފައިގައި ހުރި ކުޑަ ރޮނގެއްކަހަލަ ކަޅިއެކެވެ. ފެންނަ މީހަކު ހުރިތަނަށް މަރުވެގެން ވެއްޓޭހާ ބިރުވެރި ސިފައެއް އެއެއްޗަށް ލިބިފައިވެއެވެ.

ފާތުމަ ގިފިލިން ނުކުމެ މިސްރާބުޖެހީ ގޭތެރެއަށް ވަންނާށެވެ. އޭރު ގޭތެރެއިން އާދަނުގެ ހިލަމެއްވާހެން ހީވެއެވެ. އެހެންކަމުން ލައިގެން ހުރި ލިބާސް ހިއްލާލުމަށްފަހު ފާތުމަ ހިނގުން ބާރުކޮށްލިއެވެ. ފާތުމަ ބަދިގެއަށް ވަތްއިރު ބަދިގޭގައި ހުރި ފްރިޖަށް މަސްލުމުގައި އާދަނު އުޅެއެވެ. އާދަނަށް ފާތުމަ ފެނުމާއެކު ގޮވާލިއެވެ.

"ކޮންތާކުން ތިޔަ އައީ. ހާދަ ބަނޑުހައޭ. ކާން ހަދާބަލަ"

"ބަނޑުހައި ނުވިއްޔާ ދެރައެއްނު. ކައްކާފައި ހުއްޓާވެސް މަހަކަށް ނުގުސް ހުއްޓާ މަރުވެދާނެކަމަށް ނުކައި ދިޔައީނު" މިހެން ބުނުމަށްފަހު ފާތުމަ އާދަނަށް ކާން ހަދަން ފެށިއެވެ. އަދި ކާން ހަދައި ނިމުމުން އާދަނާއެކު ކާންފެށިއެވެ.

"މަބުނީ މާދަންވާނެ މިގެނައި މަސްތައް ފިހެން. މިރޭ ދެން ފާތުމަވެސް މާ ވަރުބަލިވާނެނު މިއަދު އެހާ ބުރަކޮށް އުޅުނީމައި. އެހެންވީމަ މާދަން އެކަމާ އުޅޭނީ. އަނެއްކާ ރޯދަމަސް މިއޮއް ފެށެނީ އޭގެ އަނެއް ދުވަހު". އާދަނު ބަތްސުވައެއް އަނގަޔަށް ލުމަށްފަހު ބުނެލިއެވެ.

"ހުމްމްމް"

ކައިނިމުމުން އާދަނު ބުނެގެން ފާތުމަވަނީ ކޮޓަރިއަށެވެ. ވަދެ އާދަނުގެ ތުވާއްޔާއި އާދަނު ލާނެ ސޯޓެއް ހިފައިގެން އައިސް އާދަނު އަތަށް ދިނެވެ. ތުވާލި ކޮނޑަށް އެއްލާލަމުން އާދަނު ހިގައިގަތީ ގިފިއްޔާ ދިމާލަށެވެ. އާދަނު ގިފިއްޔަށްވަދެ ތެތް އެއްޗެހި ބޭލުމަށްފަހު ދަތް އުނގުޅަން ފެށިއެވެ. އޭރު ކޮންމެވެސް ވަރަކަށް ވައިބާރުހެން ހީވެއެވެ. އާދަނު މައްޗަށް ބަލާލިއިރު ވިއްސާރަވުމުގެ އެއްވެސް ކުލަވަރެއް އުޑުމަތިން ނުފެނެއެވެ. ދެން ކޮންހާ ގަދަ ވަޔެއް ޖެހޭކަށް ހެއްޔެވެ؟ ނިތަށް ރޫތަކެއް އަރުވާލަމުން އާދަނު ގަޔަށް ފެން އަޅަން ފެށިއެވެ. އާދަނު ހުރީ ގިފިލީގައި ހުރި ހިކަނދިފަތް ގަހަށް ފުރަގަސްދީގެން ކަމުން އެދިމާލެއް އާދަނަކަށް ނުފެނެއެވެ. ގައިގައި ސައިބޯނި ލުމަށްފަހު އަނެއްކާވެސް ދާނިން ފެންނަގައި ގަޔަށް އަޅާލައި ސައިބޯނިތައް ފިލުވާލިއެވެ. ފެންވަރައިގެން ތުވާލި ނަގަން ރޯނަށް އަތް ދިއްކޮށްލުމަށްފަހު އާދަނު ތުވާލި ދަމައިގަތެވެ. ތުވާލި ފަހަތުގައި ހުރި އެއްކަލަ ކަޅު މަޚްލޫގް އާދަނަށް ނުފެނުނީ އެންމެ ފުރަތަމަވެސް ތުވާލި ނަގައި މޫނުފޮހެން ހަދައިގެން އާދަނުގެ ލޯމެރުމުންނެވެ. ގަޔަށް ހޫނުވާހެން ހީވެގެން އާދަނު ތުވާލި މޫނުން ނަގައި މުޅިތަން ވަށައިގެން ހޯދާލިއެވެ. އެއްވެސް އާދަޔާ ޚިލާފްކަމެއް ނުފެނުނެވެ. ދެންވެސް ގުދުވެ ފައިގަހުރި ފެންތައް ހިއްކަން ފެށިއެވެ.

ކުއްލިއަކަށް ވީނުވީއެއް ނޭނގި އާދަނުގެ ފަހަތުގައި ހުރި ހިކަނދިފަތް ގަހަށް ބޮޑު ވައިރޯޅިއެއް އެރިއެވެ. ކައިރީގައި ހުރި ރާންބާފަތް ގަސްތަކަށް އެވައިރޯޅިން އެއްވެސް އަސަރެއް ނުކުރާއިރުވެސް ހިކަނދިފަތްގަސް ހީވަނީ މުލުން ނައްޓައިގެން ގޮސްދާނެހެންނެވެ. ފަތްތައްވެސް މުޅި ގިފިއްޔަށް ވިހުރިގެން ދިޔައިރު މިބުނި ވައިރޯޅީގެ އެއްވެސް އަސަރެއް އާދަނަކަށްވެސް ނުކުރެއެވެ. ނަމަވެސް މިމަންޒަރުފެނި އެއީ އާދައިގެ ކަމެއް ނޫންކަން އާދަނަށް ވިސްނުނެވެ. އެހެންކަމުން އޭނައަށް ލިބިފައިހުރި ފަންޑިތައިގެ ހުނަރުގެ ބޭނުންކޮށްގެން ނިކަން އަވަހަށް ތުން ތަޅުވާލުމަށްފަހު އަތުގައި އޮތް ތުވާލިން ތިން ފަހަރު ގަހާ ދިމާލަށް ތުވާލި ފޮޅާލިއެވެ. ވަގުތުން އެގަހަށް އެރި ލޮޅުން ނެތިގޮސް މުޅިއެތަން އަމާންވިއެވެ. އާދަނު އަމިއްލަ ހަށި ރައްކަލަކަށް ކިޔަވަމުން ގޮސް ގިފިލިން ނުކުމެ ގޭތެރެއަށް މިސްރާބުޖަހައިފިއެވެ. އަދި ގޭގެ ދޮރުން އެތެރެއަށް ވަނުމުގެ ކުރިން ދޮރުމަތީގައި ރޮނގެއް ދަމާލުމަށްފަހު ގިފިލިން ގެނައި ފުޅިއެއްގެ ތެރޭގައި ހުރި ފެނަށް ފުމެލުމަށްފަހު އެފެން އެ ރޮނގުމައްޗަށް އަޅާލުމަށްފަހު އެތެރެއަށް ވަނެވެ. ވަނުމުގެ ކުރިން ދުރުން ފެންނަން ހުރި ގިފިލީގެ ދޮރާ ދިމާލަށް އާދަނު ބަލާލިއެވެ. އޭރު އެއްކަލަ މަޚްލޫޤް ދެލޯ ބޮޑުކޮށްގެން އާދަނާ ދިމާލަށް ބަލަން ހުރިތަން އާދަނަށް ފެނުނެވެ. އެއީ އެކަހަލަ އެއްޗެއް އަލަށް ފެނުނު ފަހަރަށް ނުވާތީ އާދަނު މާކަ ބޮޑަށް ބިރެއް ނުގަތެވެ. ނަމަވެސް އޭގެ ކިބައިން މިރެއިން މިރެއަށް މިންޖުވާން ޖެހޭނެކަން އާދަނުގެ ސިކުނޑިއަށް ނަގައިގަނެވުނެވެ.

އާދަނު ކޮޓަރިއަށް ވަތްއިރު ފާތުމައޮތީ ނިކަން އަރާމުކޮށް އެނދުގައި އޮށޯވެލައިގެން ޓީވީއިން އަންނަ ޑްރާމާއަކަށް ގެއްލިފައެވެ.

"އަހޭ. މިރޭ ދެން ބޭރަށް ނުނުކުންނައްޗޭ" އާދަނު ފާތުމައަށް އަޑުއިވޭވަރަށް ބުނެލިއެވެ.

ފާތުމަ އޮތީ މީހަކު ދައްކާ ވާހަކައަކަށް މާކަބޮޑަށް ސަމާލުކަން ދެވޭ ހާލަތެއްގައެއް ނޫންކަމުން ހުމްމް އަޅުވާލާފައި ހަމަ އެއޮތްގޮތަށް އޮތީއެވެ. އެވެސް ނަސީބެކޭ ހިތައި އާދަނު އަވަހަށް މިރެއަށް ބޭނުންވާ ފޮތްތައް ބަލައި ފަންޑިތަހަދަން ބޭނުންވާ ސާމާނުތައް އެކި ތަންތަނުން ނެރެން ފެށިއެވެ. އެކަންވެސް ހީކުރިވަރަށްވުރެން ފަސޭހަކޮށް ކުރެވުނެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ މަހާ އަނގަ އެއޮތީ ޑްރާމާއަށް ގެއްލިފައި ވިއްޔާއެވެ. އެހެން ހިތަށް އެރުމާއެކު އާދަނަށް އަނެއްކާވެސް ހީލެވުނެވެ. ކޮޓަރީގައި އޮންނާށޭ ބުނުމުން ފާތުމަ މިފަހަރުވެސް ވަރަށް ފަސޭހައިން އެއްބަސްވުމުން އާދަނު ނުކުތީ ބޭރަށެވެ. އޭރު ގަޑިން އެގާރަޖަހަން ކައިރިވެއްޖެއެވެ.

އާދަނު ގެއިން ނުކުމެ ގޭގެ ކުރިމައްޗަށްވާގޮތަށް ހައްދާފައިހުރި ބޮޑު ގަހުގެ ތިރީގައި އެލުވާފައިއޮތް ޖޯއްޔެއްގައި އޮށޯވެއްޖެއެވެ. ހީވާގޮތުން މީހަކަށް އިންތިޒާރުކުރަނީއެވެ. މިހެން އާދަނު އޮވެފައި ކުޑަކޮށް ދެކޮޅު ހޯދާލިއެވެ. އާދަނު އިންތިޒާރުކުރި ވަގުތު އައިސް ޖެހުމުން އާދަނަށް މޭރުންވީއެވެ.

"ކީއްކުރަން މިގެއަށް ފާވެގެން ތިއުޅެނީ؟" މާގިނަ ވަގުތު ބޭކާރުނުކޮށް އާދަނު އެންމެ ފުރަތަމަވެސް އަހާލީ އާދަނު އޮތް ޖޯއްޔާއި ޖެހިގެން ފަސްވަރަކަށް ފޫޓު ދުރުގައި ހުރި މޫނިމާ ގަހަކާ ދިމާލަށް ބަލަން އޮވެފައެވެ.

"މަގޭ ގެ އަންދާލީމައި" ރުޅިވެރި އަދި ނާމާން ވައްތަރެއްގެ އަޑަކުން އަންހެނެއް މިހެން ބުނި އަޑު އިވުނެވެ.

"ކަލޭމެން އުޅެން ބޮޑެތިގެ ހުރެއެއްނު. އަހަރެން އުޅޭތަން އަންދާ އަޅިއަށް ހަދާކަށް ނުޖެހޭ" އަނެއްކާވެސް އޭތި ވާހަކަ ދެއްކިއެވެ.

"ބަލަ އަހަރެމެންނަށް ގޯތި ދީފަ މިހުރީ ޖަންގަލިންތަ؟ ކަލޭމެން އުޅެން ވަކި ޙާއްސަ ތަންތަން ހުރޭ. ކޮންމެގޮތެއްވިޔަސް މަގޭ ގޯތީގައި ހައްދާފައި ހުރި ވިނަގަނޑެއް މަ ކޮށާލީ. ކަލެޔޭ މަގޭ ގެޔަށް ފުރަތަމަވެސް ވަދެގަތީ" އާދަނުވެސް ޖަވާބުދިނެވެ.

"އެއީ ކަލޭގެ ތަންކޮޅެއް ނޫން. އަހަރެމެން ބޭނުންތާކު އުޅޭނީ" މިފަހަރު އެ މަޚްލޫޤްގެ އަޑު އިހުނަށްވުރެ ބަރެވެ. އޭތި ހުރީ މޫނިމާ ގަސްކައިރީގައި ބަހައްޓާފައި ހުރި ދަނޑިގަނޑެއްގެ ފަހަތަށްވަދެ ފިލައިގެންނެވެ. ދަނޑީގެ އެއްކޮޅުން ހަށިގަނޑު ނުފެނުނަސް އަނެއްކޮޅުން ހަށިގަނޑުގެ އެއްބައި ފެންނަން ހުއްޓެވެ. އިސްތަށިގަނޑު ބިންމަތީގައި ކޭއްތޭއިރު ދެލޯވަނީ އިހުނަށްވުރެ ބޮޑަށް ހުދުވެފައެވެ. އަރިއަކަށް ހުރެ އާދަނާ ދިމާލަށް ބަލަމުންދިޔައީ އާދަނު ބިރުގަނޭތޯ ކަމަށްވެސް ވެދާނެއެވެ.

"ކަލޭ ރީތިގޮތުގައި ދާންޖެހޭނީ. އެހެންނޫނީ ކަމަކު ނުދާނެ. އަހަރެމެން ދިރިއުޅޭ ތަންތަނަށް އައިސް އުދަނގޫކުރަނީ އަހަރެމެންނެއް ކަލޭ އުޅޭތަކަނަކަށް ގޮސް ތިހެން ނޫޅެން. ކަލޭ މިގެއަށް އަންނަން ފެށީ މިއަދަކު އެކަންޏެއް ނޫން. ބަލަ މަ މިގެ އަޅައިގެން އަދި ނުވެޔޭ ގިނަ އަހަރުތަކެއް. ކުރީ އަހަރު ކަލޭ މިގޭގެ އިމުން އެތެރެވީމަވެސް މަށަށް އެނގުނު. ކަލެއަށް ގޯނާއެއް ނުކުރަން ވެގެން ދޯ ބެހެއްޓީ. އެކަމަކު މަ މިއުޅެނީ މިގެ ތަޅާލައި އަލުން މިގެ އަޅަން. އެކަން މަޑު ޖައްސާލައިގެން ނުހުރެވޭނެ ކަލެއަށް ބޯހިޔާވަހިކަން ދޭށޭ ކިޔާފައި. އަޑު އިވިއްޖެތަ؟" ފަހު ޖުމްލަތަކަށް ބާރުލަމުން އާދަނު ބުންޏެވެ.

އެވަގުތެވެ. ކޮޓަރީގައި އޮތް ފާތުމައަށް ކުއްލިއަކަށް ކޮޅަށް ތެދުވެވިއްޖެއެވެ. އޭނަ ބަލާ ޑްރާމާ ނިމުމުން އާދަނު ދެއްކި ވާހަކަތައް ހަނދާނަށް އަންނަން ފެށިއެވެ.

"އޭ. ކީކޭ އޭނަ އޭރު ބުނީ. ނުނުކުންނާށޭ..... އައްދޭ.. ކާކާ މާފޮޅުވަން ވެގެން. ހުރެބަލަ. މާ އުފުރަވެސް ދޭނަން މިފަހަރު." މިހެން ހިތަށް އެރުމުން ފުންމައިގެން ތެދުވެ ކޮޓަރިން ނުކުމެގެން ގޯތިތެރެއިން ލާފައި އައިސް އާދަނު ފެނޭތޯ ބަލަންފެށިއެވެ.

އާދަނާ ދިމާލަށް ބަލަންހުރި މަޚްލޫޤް ގެއާވީ ފަޅިއަށް ބަލާތީ އާދަނުވެސް އެފަރާތަށް ބަލާލިއެވެ. އޭރު ފާޑަކަށް ގުދުވެގެން އޮވެ ފާތުމަ ބަލަނީ އާދަނާ ދިމާލަށެވެ. ޖޯލީގައި އެ އަނދިރިކަމުގެ ތެރޭގައި އާދަނު އޮތުމުން ފާތުމައަށް އެއީ ކާކުކަމެއް އެހާ ސާފުނުވަނީ ކަންނޭގެއެވެ.

"ތިތަނުން ނުދައްޗޭ. ގޮއްސިއްޔާ މަގޭ ނުބައިކަން އަންގާލާނަން." އާދަނު މޫނިމާގަސް ކައިރީގައި ހުރި މަޚްލޫޤާ ދިމާލަށް އިޝާރާތްކުރަމުން ބުނެލިއެވެ. މިއަޑު ފާތުމައަށް އިވި އޭނާގެ ހޭވެރިކަން ފިލައިގެން ދިޔައެވެ. ވަގުތުން އަތްތިލަބަޑި ޖަހަން ފެށިއެވެ.

"އާޗާ. އަނބި ގޭގަ ބާއްވާފައި ކޮން ވަޑާމެއް. މިއީދޯ މަނިދީމަ ކުރާ ކަމަކީ. ކާކު އެއީ. އޭން. އަދި އޭނަ ކައިރީގައިވެސް ބުނެފިނު ނުދާށޭ. އެއީ؟ ދެއަނބިން ގެންގުޅެން؟ މަ ރުހޭނެކަމަށް؟"

"މައެބަ އުޅެންތަ މޮޔަވެގެން. މަމިވާހަކަ ދައްކަނި މިހުރި އެއްޗާއާއޭ. ކަލެއަށް ކެރެންޏާ މީތި ކުރިމައްޗަށް އަރަން އާދެބަލަ؟" އާދަނުވެސް ގޮތްދޫނުކޮށް ޖޯލިން ތެދުވަމުން ބުނެލިއެވެ. މިހެން ބުނުމުން ފާތުމަ މޫނިމާ ގަހާ ދިމާލަށް އަންނަން އުޅެފައިވެސް ފުރަތަމަ އެދިމާލަށް ބަލާލިއެވެ. ރުޅިއައިސް ރަތްވެފައި ހުރި މަޚްލޫޤް ފެނުމުން ލައި ލައިހުރި ނޭވާވެސް ތާށިވެ ފާތުމަ ގަނބުވެއްޖެއެވެ. ބިރުން ގަޔަށް ހީސްލެވުނު އިރުވެސް ފާތުމައަކަށް ނޭގުނެވެ. އެވަގުތު ޖޯލިން ތެދުވެގެން އައި އާދަނަށް ފާތުމަ ހުރި ވައްތަރުފެނި ހެވެންވެސް އުޅުނެވެ. ނަމަވެސް ލޯބިވާ އަނބިމީހާ އެހާ ބިރުން ހުރިތަން ފެނި އެހާމެ ހިތުގައިވެސް ޖެހިއްޖެއެވެ. އާދަނު އައިކަން އެނގުމުން ފާތުމައަށްވީނުވީއެއްވެސް ނޭނގުނެވެ. ވަގުތުން އާދަނުގެ ކަރުގައި ދެއަތް ވަށާލާފައި ފުންމައިގެން އަރައި އާދަނުގެ އުނަގަނޑުގައި ދެފައި ވަށްކޮށް އަޅުވާލައިގެން ފާތުމަ އޮށޯވެއްޖެއެވެ. ގަތް ބިރުން ހީސްލެވިފައި ހުރި ފާތުމަގެ ލިބާހުން ފޭދިގެން އައި ހީސްތައް އާދަނުގެ ޓީޝާޓުވެސް ފޯކޮށްލިއެވެ.

"މަމިއައީ ކަލޭމެންގެ ޒުވާބު އަޑުއަހާކަށް ނޫން. މަށަށް އިނގޭ މަމިގެއަށް ވަދެގެން ނުވާނެކަން މިހެން" އެހެން ބުނުމަށްފަހު އެއްކަލަ މަޚްލޫޤް ހުރިތަނަށް ގެއްލިގެން ހިގައްޖެއެވެ. އެހާ ބަސްއަހާ އެއްޗަކާ މިވީހާ ދުވަހުވެސް އާދަނަށް ފެނިފައި ނުވާތީ އާދަނު އެކަމާ ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް އެކަމުގެ ހަޤީޤަތް ބަލައި އޭތީގެ ކިބައިން އާދަނުގެ ގެ މިނިވަންވިތޯ އާދަނު ޔަޤީންކުރާނެއެވެ. ފާތުމަ ގޮވައިގެން އައިސް ގިފިއްޔަށް ވެއްދުމުން ނިކަން އަވަހަށް ގައިން ތާހިރުވެގެން ފާތުމަ އާދަނު ކައިރިއަށް ޖެހިލިއެވެ. އޭރު އާދަނުވެސް އެއްޗެހި ބަދަލުކޮށް ނިމިއްޖެއެވެ.

"މަގޭ މޮޔަ ފާތުމަ" އާދަނު ލާނެއް ގޮތަކަށް މިހެން ބުނުމަށްފަހު ފާތުމަގެ އަތުގައި ހިފާލައިގެން އައިސް ކޮޓަރިއަށްވަނެވެ. އެރޭ ފާތުމަ އާދަނު ކައިރިން އެންމެ ވަގުތުކޮޅަކަށްވެސް ދުރަކަށް ނުޖެހެއެވެ. ވީހުރިހާ ކަމެއް ފާތުމައަށް ކިޔައިދީފައި އާދަނު އަވަސްވެލީ އެގެ އަމާން ކުރުމުގެ މަސައްކަތާއިގެންނެވެ. އާދަނުގެ މަސައްކަތުން ގެ އަމާންކޮށް އެ ޖިންނީގެ އުދަނގުލެއް ދެން ނުފޯރާނެކަމުގެ ޔަޤީންކަން އާދަނަށް ލިބިގެން ދިޔައެވެ. ލިބުނު ހިތްހަމަޖެހުމާއެކު އާދަނު ފާތުމަ ކައިރީގައި އޮށޯވެ ހަމަޖެހިލަމުން ނިދާލިއެވެ.

ނިމުނީ..

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ީހިޔާލު

    ވާހަކަ ކިޔަމުން ދިޔައިރު ވަރަށް ޝައުގް..އެކަމަކު ވާހަކާ ގެ ނިމުން އެހާ ރީއްޗެއް ނޫން..ދެން ވާހަކައިގެ ތިނަމާ ވާހަކާގެ އޮނިގަޑަކާ ދިމާ ނުވޭ..