އުފަންދުވަސް ފާހަނގަ ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރުވެސް ގިނަ ބަޔަކު ވަރަށް ފޯރިއާއިއެކު ކޮށްއުޅޭ ކަމެކެވެ. އެގޮތުން އެދުވަސް ޚާއްސަ ކުރުމުގެ ގޮތުން ޚާއްސަ ކަންކަން އެދުވަހަށް ރާވާފައި އޮންނައިރު، ވީހައިވެސް ކުލަގަދަކޮށް އެ ދުވަސް ފާހަނގަ ކުރުމަކީ އެފަރާތްތަކުން އެންމެ އެދޭ އަދި އެންމެ އުފާވާ ގޮތެވެ. މިއީ އެފަދައިން އުފަން ދުވަސް ފާހަނގަ ކުރަން އުޅުނު އަންހެނަކަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއެވެ.

އިންޑިއާގެ މައިސޫރުގައި ހިނގި މި ހާދިސާގައި އުމުރުން 21 އަހަރުގެ އަންހެނަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާއިރު، އެ ދުވަސް އޭނާއަށް ވެގެން ދިޔައީ ހިތުން ނުފިލާވަރުގެ ބިރުވެރި ދުވަހަކަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ސަންޖަނާ ނަމަކަށްކިޔާ އެ އަންހެން މީހާ، އޭނާއަށް 21 އަހަރު ފުރުނު އުފަންދުވަހުގެ ހަފްލާގައި ކޭކު ފަޅަން އުޅުމުގެ ތެރޭގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިގެންނެވެ. އެގޮތުން ކޭކުގައި ހަރުކޮށްފައި އިން އުއްބަތި ރޯކޮށްލިތަނާ، އެއިން ބުރައިގެން ދިޔަ ކަނިކޮޅަކުން ޖެހި ކައިރީގައި ބަހައްޓާފައި ހުރި ހީލިއަމް ފުއްޕާހަންތަކެއްގައި ރޯވެ ބޮޑު ގޮވުމެއް ގޮވިއެވެ.

މި ހާދިސާގައި އެތަނުގައި ތިބި ސަންޖަނާގެ ރަހުމަތްތެރީންނަށްވެސް އެކި ވަރުގެ އަނިޔާ ލިބުނުއިރު، ސަންޖަނާގެ ހަށިގަނޑުގެ އެކި ތަންތަނުން ވަރަށް ބޮޑަށް ވަނީ ފިހިފައެވެ. އެގޮތުން އަތާއި ފައިގެ އިތުރުން އޭނާގެ މޫނުވެސް ވަނީ ފިހިފައެވެ.

މި ހާދިސާއާއި ގުޅިގެން އެ ސަރަޙައްދުގެ ހޮސްޕިޓަލަށް އޭނާ ގެންގޮސް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މި ހާދިސާ އާއި ގުޅިގެން އޮފިޝަލުން ވަނީ، ހީލިއަމް އަޅާފައި ހުންނަ ފުއްޕާހަން ބޭނުންކޮށްގެން މިފަދަ ހަފްލާތައް ކުރިއަށްގެންދާއިރު، ސަމާލުވުމަށް ޢާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޅުގަނޑު

    [الحمد لله ربّ العالمين]
    އަޅުގަނޑު ދެކެނީ އެއީ ޕާޓީކޮށް ސެލެބުރޭޓް ކުރަން ވާވަރު ކަމެއްނޫން ކަމަށް އުފަންދުވަސް އެއީ ހަމައެކަނި ދުނިޔެއަށް އުފަންވިދުވަސް.. އެދުވަހުން ފެށިގެން ހަޔާތުން ފުރޭ ކޮންމެ އަހަރެއް ފުރުނީމާ އޭގެ މާނަޔަކީ މާތްﷲ ކަނޑައަޅުއްވަވާފައިވާ އަޖަލް ކައިރިވަނީއޭ.. ކޮންމެ ސިކުންތެއް.. މިނެޓެއް.. ގަޑިއިރެއް..⏰ ދުވަހެއް.. މަހެއް.. އަހަރެއް? އެހެންވީމާ އަޅުގަނޑުމެން އެންމެންވެސް މާތްﷲ ގެ ރުއްސެވުން އަދައިގެން އިލާހީ ހެޔޮ މިންވަރުފުޅުން ހިތް ސާފުކޮށް ހެޔޮ އަމަލް ގިނަ ކުރަންވީ..? އަޖަލް ކައިރިވަމުންދާހިނދު ބޭކާރު މަޖާ ކުރުމުގެ ބޭނުމެއްނެތް.. أستغفرﷲ.. އެމީހެއްގެ ނިމުންއޮތީވެސް އެމީހަކު އުޅުނު ގޮތަކަށް.. މާތްﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވަވާށި ފާފަ ފުއްސަވާ ސުވަރުގެ ދެއްވަވާށި އާމީން