މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީސީސީ އިން ކުރި އިއުލާނެއްގައި ބުނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިިތަކުގެ ތެރެއިން ގިނަވެގެން ދެ ކުންފުނީގެ ޑިރެކްޓަރު ކަމުގައި ތިބި ފަރާތްތަކަށެވެ. ދެ ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ޑިރެކްޓަރެއް ނަމަ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

އަދި އެފަރާތަކީ އެމްޓީސީސީގެ ހިއްސާދާރެއް ކަމަށް ވާން ވާނެ ކަމަށާއި، އެމީހެއްގެ އުމުރުން 25 އަހަރަށްވުރެ ދޮށިވާން ޖެހޭނެ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެމްޓީސީސީ އިން ވަނީ ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭ ކަމަށް ބުނެފައެވެ. އެ ފޯމު ހުށަހެޅޭނީ މެއިލްގެ ޒަރިއްޔާއިން އެކަންޏެވެ.

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރަކު ބޯޑަށް އައްޔަން ކުރަން ޖެހެއެވެ. މީގެ ތެރެއިން އެއް ޑިރެކްޓަރަކު ވަނީ މިދިޔަ މަހު ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އައްޔަންކޮށްފައެވެ.

ޑިރެކްޓަރުންގެ ފަރާތުން ހުސްވެފައިވާ ގޮނޑިއަށް މީހަކު އައްޔަންކުރުން އޮންނާނީ މިއަހަރު ބާއްވާ 2020 ވަނަ އަހަރުގެ ޚާއްސަގޮތުން ކުރާ ޢާންމު ޖަލްސާގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކަރި

    ޕާޓީ ކުދިންނަށް މަގާމުކޮޅެއް ދޭން ތައްޔާރުވީ ދޯ