ކުނި ނުވާ ގޮތަށް ހަދާފައި އޮތް 59 ގަބުރު މިސްރުގެ ސައްޣާރާ ނަަމަކަށް ކިޔާ ސަރަހައްދުން އާކިއޮލޮޖިސްޓުންނަށް ފެނިއްޖެއެވެ.

ކުނި ނުވާ ގޮތަށް ހެދުމަށް ފަހު ސަންދޯތަކަށް ވަކިވަކިން ލާފައިވާ ގަބުުރުތައް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު މިސްރުގެ އެންޓިކްއިޓީސް މިނިސްޓްރީ އާއި އާކިއޮލޮޖިސްޓުން ގުޅިގެން ގެންދަނީ ކުރަމުންނެވެ. މިސްރު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ގަބުރުތައް ފެނުނު ސަރަހައްދުން އަދިވެސް ކުނިނުވާގޮތައް ހުރި ގަބުރުތައް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ކުރެހުންތައް އަޅާފައި ހުރި ސަންދޯތަކުގައި ހުރީ އީސާގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތުމުގެ 688 އަހަރާއި 525 އަހަރާއި ދެމެދުގައި މަރުވެފައިވާ މީހުން ކަމަށް މިސްރު ސަރުކާރުން ބުނެއެވެ.

މިސަންދޯތައް ކައިރީގައި އިތުރު 28 ބުދު ވެސް ބަހައްޓާފައި ހުއްޓެވެ. އެބުދުތަކަކީ މިސްރު މީހުން އޭރު އަޅުކަން ކުރަމުން ގެންދިޔަ "ކަލާންގެތަކުގެ" ބުދުތައް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި މިސްރު މީހުންގެ ކަލާންގެއެއް ކަމަށްވާ "ނެފެރްތެމް" ކަލާންގެ ބުދު ވެސް ހިމެނެއެވެ.

ގަބުރުތައް ފެނުނު ސައްޣާރާ ސަރަހައްދަކީ މިސްރުގައި ކުރިން ވެރިކަން ވެސް ކުރި ސަރަހައްދެކެވެ. އެސަރަހައްދުން މީގެ ކުރިން ވެސް ވަނީ ވަރަށް ގިނަ ތާރީޚީ ތަކެތި ފެނިފައެވެ.

މިސްރު ސަރުކާރުން ބުނާ ގޮތުގައި ފެނުނު ގަބުރުތަކަކީ ކޮންބައެއްގެ ގަބުރުތަކެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ސަންދޯތައް ހުރި ގޮތައް ބަލާއިރު އެއީ މިސްރުގެ ވަރަށް ހާއްސަ މަގާމުތަކެއް ފުރާފައިވާ ބަޔަކުގެ ގަބުރުތައްކަން ގަބޫލު ކުރެވޭ ކަމުގައި މިސްރު ސަރުކާރުން ބުނެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިގަބުރުތައް އިތުރަށް ދިރާސާކޮށް އެމީހުންގެ އުމުރާއި އެމީހުން މަރުވާން ދިމާވި ސަބަބު ދެނެގަންނާނެއެވެ. އަދި އެއީ ކޮންބައެއްކަން ދެނެގަތުމަށް ވެސް މަސައްކަތް ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލި ރަސްގެފާނު

    އަހަރެމެން ރަށު ގަބުރުސްތާނުގައިހުރި ގަބުރުތަށްވެސް ދެން ހިޔެއްނުވޭ ކުނިވެދާނެހެނެއް ކޮނެގެން ނަގާ މައުރަޒައް ލާންއުޅޭންވީ

    6
    4