އެމެރިކާގެ މަޝްހޫރު ފިލްމް ސީރީޒް، ޓްރާންސްފޯމާސް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައެއްގެ މެދުގައި މަޤުބޫލުކަން ލިބިގެންގޮސްފައިވާ ސީރީޒްއެކެވެ. މި ފިލްމް ސީރީޒްގެ އެންމެ ޚާއްސަ އަދި އެންމެ ތަފާތު އެއް ކަމަކަށް، ކާރުތަކާއި އެފަދަ އުޅަނދުތައް އަމިއްލައަށް ރޮބޮޓުންނަށް ބަދަލުވާ މަންޒަރު ފެންނައިރު، މިއީ ހަޤީޤަތުގައިވެސް ކުރެވިދާނެ ކަމެއްތޯ ކުރެވޭ ސުވާލަކީ އެތައް ބައެއްގެ ހިތުގައި އުފެދިފައި އޮންނަ ސުވާލެކެވެ.

އެހެންކަމުން، އެ ފިލްމު ސީރީޒް ނެރެން ފެށިތާ އެތައް އަހަރެއް ވެގެންދިޔަފަހުން ޖަޕާނުން މިވަނީ އެ ސުވާލަށް ނިމުން ގެނެސް ގިނަ ބަޔަކު ހައިރާންވާވަރުގެ އުފެއްދުމެއް ދައްކާލާފައެވެ.

އެގޮތުން ޓްރާންސްފޯމާސްގެ ރޮބޮޓުތައް މިސާލަކަށް ބަލައިގެން، "ޖޭ-ޑެއިޓީ ރައިޑް"ގެ ނަމުން ނިންދީފައިވާ ރޮބޮޓެއް އެޤައުމުގެ ކުންފުންޏެއް ކަމަށްވާ ބްރޭވް ރޮބޮޓިކްސް އިން އުފައްދާފައިވާއިރު، އެ ރޮބޮޓަކީ، ބަޓަނަކަށް ފިއްތާލުމުން އަމިއްލައަށް ކާރަކަށް ބަދަލުވުމުގެ ޤާބިލުކަން ލިބިފައިވާ ރޮބޮޓެކެވެ.

އުސްމިނުގައި 12 ފޫޓު ހުންނަ މި ރޮބޮޓު އޭގައިވާ ބަޓަނަށް ފިއްތާލުމުން ޑްރައިވަރު ނުވަތަ އިތުރު މީހެއްގެ އެހީއާއި ނުލައި ކާރަކަށް ބަދަލުވާއިރު، މިކަމަށް ހޭދަވަނީ 60 ސިކުންތެވެ. ދެ ޖާގައިގެ މި ކާރު ނުވަތަ ރޮބޮޓަކީ މިފަދަ ގިނަ ފީޗާތަކާއި އެކު ރަސްމީކޮށް ކުންފުންޏަކުން އުފެއްދި ފުރަތަމަ ކާރެވެ.

ބްރޭވް ރޮބޮޓިކްސްގެ މި އުފެއްދުމާއި އެކު މި ކާރު އިތުރަށް ފުރިހަމަކޮށްފައި ބާޒާރަށް ނެރޭނެކަމުގެ އިޝާރާތެއްވެސް އެކުންފުނިން ވަނީ ދީފައެވެ.