ބޮލީވުޑު ފަންނާނުންގެ އެތައް ދަރިންނެއް އެ ކުދިން ބޮޑެތިވުމުން ފިލްމީ ދާއިރާއާއި ގުޅިފައިވެއެވެ. ބައެއް ފަންނާނުން ކުދިން ކުޑައިރު ބުނަނީ އެ ކުއްޖަކު ބޭނުން ދާއިރާއަކުން ކުރިއަށް ދިޔުމަށެވެ. އަނެއް ބަޔަކު ބޭނުންވަނީ އެ މީހުންގެ ދަރިން އެ މީހުންގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ.

މިގޮތުން ސައިފު ޢަލީ ޚާނާއި ކަރީނާ ކަޕޫރު ޚާންގެ ދަރިފުޅު ތައިމޫރު ޢަލީ ޚާންވެސް ފިލްމީ ދާއިރާއަށް ނެެރެން އެތައް ބަޔަކު ބޭނުން ވެއެވެ. ތައިމޫރަކީ މިހާރު ވެސް އެތައް ބައެއްގެ ލޯބި ލިބިފައިވާ ކުއްޖެކެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސައިފް ޢަލީ ޚާން ބުނެފައިވާގޮތުގައި، އޭނާ ބޭނުންވަނީ އެންމެ ކުޑައިރުއްސުރެ ވެސް ''ކިއުޓު''ކަމުން މަޝްހޫރުވެފައިވާ ތައިމޫރު ވެސް އެކްޓަރަކަށްވާށެވެ.

ތައިމޫރަކީ އުމުރުން ތިން އަހަރުގައި ވެސް މަޝްހޫރު ފަންނާނުންނެކޭ އެއްފަދައިން މަޝްހޫރުކަން ލިބިފައިވާ ކުއްޖެކެވެ. ބޮލީވުޑުގެ އެތައް ފަންނާނުންނެއް ވެސް ތައިމޫރުގެ ''ކިއުޓު''ކަމަށް ތަޢުރީފު ކުރެއެވެ.

ތައިމޫރުއަކީ އަކްޝޭ ކުމާރުގެ ކެރިއަރއަށް އޮތް ހުރަހެއްކަމަށް ކަރީނާ ކަޕޫރު ބުނެފައިވެއެވެ. މަޖަލަކަށް ހަދައިފައި ކަރީނާ މި ބުނި ބުނުމުގައި އިތުރަށް ބުނެފައިވަނީ އަކްޝޭ ކުމާރާއި ތައިމޫރު އެކުގައި ފިލުމެއް ކުޅޭނަމަ އަކްޝޭއަށް ވުރެ ބޮޑަށް ތައިމޫރުގެ ސަބަބުން ފިލުމު ހިނގާނެ ކަމަށެވެ.

ސައިފް ޢަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ޢަލީ ޚާނަކީ ވެސް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަންނާނެކެވެ. މީގެ އިތުރުން އަނިލް ކަޕޫރުގެ ސޯނަމް ކަޕޫރާއި، ޝަކްތީ ކަޕޫރުގެ ޝްރަދާ ކަޕޫރާއި، ޖެކީ ޝްރޯފްގެ ޓައިގަރ ޝްރޯފާއި ޗަންކީ ޕާންޑޭގެ އަނަނިޔާ ޕާންޑޭ ފަދަ އެތައް ފަންނާނުންގެ ދަރިން މިހާރު ވަނީ ފިލްމީ އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްފައެވެ.