އުމުރުން އެންމެ 33 އަހަރުގެ ބޮލީވުޑް އެކްޓަރު ރާޖް ކުމާރް ރާއޯ، އޭނާގެ ކުރިއަށް އޮތް ފިލްމު "މެންޓަލް ހައި ކިއާ" ގެ ޝޫޓިން ފަށައި، ތަފާތު ގޮތްގޮތަށް ފިލްމަށް ތައްޔާރުވާން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ރާޖް ކުމާރް ވަނީ ތިން ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދެވުނު ވޯކްޝޮޕެއްގައި ވެސް ބައިވެރިވެ، އޭނާގެ ފިލްމަށް ތައްޔާރުވާން ފަށައިފައެވެ.

މި ފިލްމުގައި ރާޖް ކުމާރްއާއިއެކު އެކްޓްރެސް ކަންގާނާ ރައުނަޓް ހަރަކާތްތެރިވާއިރު، ޝޫޓިންގެ ފުރަތަމަ ދުވަހު ކަންގާނާއާއި ރާޖް ކުމާރް އާއި ދެމީހުން ވަކިން ވަނީ ރީޑިން ސެޝަންތަކެއް ކުރިއަށް ގެންގޮސް، ރޯލްތަކަށް ގެންނަން ޖެހޭ އުނިއިތުރުތައް ވެސް ފާހަގަކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ކޮންމެ ފިލްމެއްގައިވެސް އަހަރެން ކުޅެން ޖެހޭ ރޯލް އެނގޭ ހިސާބުން އެ ރޯލަކަށް ތައްޔާރުވާން ފަށަން. ބަރުދަން އިތުރުކޮށް ލުއި ކުރުން ކަމުގައި ވިޔަސް ވީވަރަކުން އެކަންވެސް ކުރަން. އަހަރެން ޤަބޫލްކުރާގޮތުގައި އެކްޓަރެއް ވެއްޖެއްޔާ އެމީހެއްގެ ރޯލަކަށް ދުރާލާ ތައްޔާރުވާން ޖެހޭނެ،" ރާޖް ކުމާރް ބުނެފައިވެއެވެ.

ކަންގާނާ އާއި ރާޖް ކުމާރް ފިލްމަކުން އެއްކޮށް މި ފިލްމުން ފެނިގެންދަނީ އަނެއްކާވެސް އަހަރު ތަކަކަށްފަހުގައެވެ. އެންމެ ފަހުން އެ ދެމީހުން އެއްކޮށް ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމް، "ކުއީން" އިންނެވެ.

ކިޔުންތެރިންގެ ހިޔާލު