ނެޓްފްލިކްސް ޑްރާމާ ސިލްސިލާ "ދަ ކްރައުން"ގެ ހަތަރު ވަނަ ސީޒަން އަންނަ ނޮވެމްބަރު މަހު ނެޓްފްލިކްސް އިން ދައްކާ ގޮތަށް ހަމަޖެހިފައިވާއިރު މި ސީޒަނުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބޭނެ އެއް ބަޔަށް ވެގެންދާނީ ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސް ލޯބީގެ ގޮތުން ގުޅޭ ހިސާބާއި އެމީހުން ކައިވެނި ކުރެވޭ ހިސާބެވެ. ޖުލައި 29 1981 ގައި ކުރި މި ޝާހީ ކައިވެނީގައި ޑަޔާނާ ލައިގެން ހުރި ވެޑިން ޑްރެސް(ކައިވެނީގެ ހެދުން) އަކީ މިއަދާ ޖެހެންދެން ގިނަ ބަޔަކު އެ ހެދުމުގެ ވާހަކަ ދައްކާ އެއް ހެދުމެވެ.

ޑަޔާނާގެ ކައިވެންޔަށް 39 އަހަރުވެފައިވާ އިރު ކައިވެނީގައި ޑަޔާނާ ލާފައިވާ ހެދުން މިއަދާ ހަމައަށްވެސް ރައްކާކުރެވިފައި އެބައޮތެވެ. ޑަޔާނާގެ ކައިވެނީގެ ހެދުން ފަރުމާކޮށްފައި ވަނީ އޭރުގެ މަޝްހޫރު ދެ ޑިޒައިނަރުން ކަމަށްވާ ޑެވިޑް އާއި އެލިޒަބަތް އެމަނުއެލްގެ ދެމަފިރިންނެވެ. މިދެމީހުން ބައްދަލުވެފައި ވަނީ ސްކޫލް ދައުރުގައެވެ. މި ދެމީހުންގެ ކައިވެންޏަށްފަހު 1977 ގައި ދެމީހުންގެ ފުރަތަމަ ފެޝަން ހައުސް އެމަނުއެލް ސެލޫން ހުޅުވިއެވެ.

ޑިޒައިނިންގެ ދާއިރާގެ ފުރަތަމަ ދުވަސްކޮޅު ޑެވިޑް މަސައްކަތް ކުރީ ޝާހީ ފެޝަން ޑެޒައިނަރު ހާޑީ އާމިސް އާއި އެކުއެވެ. އޭނާ އަކީ 1950 ވަނަ އަހަރުން ފެށިގެން ރާނީ އެލިޒަބަތް 2 އަށް ޑިޒައިން ކޮށްދޭ ފަރާތެވެ. ޑޭވިޑް 2016 ވަނަ އަހަރު ’ވުމެންސް އޯންސް‘ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެހެން މީހުން އޭނާއަށް ގުޅާ ގޮތަށް ޑަޔާނާވެސް އޭނާއަށް ވެޑިން ޑްރެސް ފެހުމަށް ގުޅި ކަމަށެވެ. އަދި އޭގެ ކުރީގައިވެސް ތިނެއް ނުވަތަ ހަތަރު ހެދުމަށް އޭނަ ލައްވާ ފެހުވިކަމަށް ބުންޏެވެ.

ޑަޔާނާ އަކީ ފެޝަނަށް އެހާ ލޯބިކުރާ މީހެއް ނޫނެވެ. އޭނާ ބުނާ ގޮތުން އެކަމަކީ މަޖުބޫރުން އޭނާ ލައްވާ ކުރުވާ ކަމެކެވެ. ޑޭވިޑް ބުނީ ޑަޔާނާގެ ވެޑިން ޑްރެސް ފެހުމުގައި އެ ޑްރެސް ތާރީހުގެ ތެރެއަށް ދާނޭ ކަމާއި ޑްރެސް އަކީ ޑަޔާނާ ގަޔާވާ ޑްރެސް އަކަށް ހަދަން ޖެހޭނޭ ކަމަށް ކަމަށް ވިސްނުނު ކަމަށެވެ.

އެލިޒަބަތް އެމަނުއެލް ބުނީ ޑަޔާނާގެ ކައިވެނީގެ ހެދުން ފެހުމަށް އެހާ ގިނަ އިރެއް ނުދާ ކަމަށާއި ވަގުތު ދިޔައީ ހެދުމުގައި އިތުރަށް ހަރުކުރަންޖެހޭ އެއްޗިސް ހަރުކުރުމަށް ކަމަށެވެ. އަދި ޑަޔާނާގެ އެންގޭޖްމެންޓާއި ދިމާކޮށް ޑަޔާނާ ހިކުމުން ހެދުމަށް ބަދަލުތައްވެސް ގެންނަން ޖެހުނުކަން އޭނާ ފާހަގަ ކުރި އެވެ.

ޝާހީ ކައިވެންޏަކަށް ލާ ހެދުމަކަށް ވުމުން ހުރިހާ ގޮތަކުންވެސް ފުރިހަމަ ހެދުމެއް ފެހުމަށް ޑިޒައިނަރުން މަސައްކަތް ކޮށްފައިވާކަން އެމީހުންގެ ވާހަކަތަކުން އެނގެއެވެ. އެ ހެދުން ފަހާފައި ވަނީ އައިވޮރީ ސިލްކް ޓަފެޓާ، ކަނދުރާގެ ބަޔާއި އަތުގައި ބޭނުންކޮށްފައި ވަނީ ލޭސް ފްލޯއެންސް ފޮއްޗެވެ.

ޑަޔާނާގެ ކައިވެނީގެ ހެދުމުގައި ރާނީ އެލިޒަބަތް 2 ގެ މާމަ ރާނީ މެރީގެ ހެދުމުގެ ބައިތައްވެސް ބޭނުންކޮށްފައި ވެއެވެ. ގިނަ ފަރާތްތަކެއްގެ ސަމާލުކަން މިއަދާ ހަމައަށްވެސް ލިބިފައިވާ މި ހެދުމަކީ 2018 ވަނަ އަހަރު ޓައިމްސް މެގަޒިން އިން ހޮވި އެންމެ މަގުބޫލު ޝާހީ ކައިވެނީގެ ހެދުމުގެ މަގާމު ލިބިފައިވާ ހެދުންވެސް މެއެވެ. މި ހެދުމަކީ މިހާރު އާންމުންނަށްވެސް ނުފެންނާނެ ގޮތަށް ރައްކާކޮށްފައިވާ ހެދުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަފަވާޒް

    ބޭކާރު ޚަބަރު ލިޔެ ނޫސްވެރިކަން އިސްރާފުނުކުރައްވާ.. މުޖުތަ މައުއަށް ރަނގަޅު އަދި ފައިދާހުރި ޚަބަރާއި މައުލޫ މާތު ލިޔުއްވާ..

    13
    4
  2. މަވެތި

    އިންސާނުންތަކެއް އަމިއްލަ އަށް މާމަތިވެގެން އަމިއްލަ އަށް ބޮޑާ ކިބުރުވެރި ގޮތްގަނޑު ދައްކަން ތިމާ ވަރެއްނެތިގެން އުޅޭ .. އިނގިރޭސި ރައްޔިތުންގެ އަތުންނަގާ ޓެކްސް ފައިސާއިން އިސްރާފުކުރުން ނޫންކަމެއް ތިބައިގަނޑު ނުކުރޭ..