މަތީގައި އެވާ ފޮޓޯ އިން ފެންނަ ފަރުބަދަ މަތީގެ ކްލިފްގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އަޅުގަނޑުމެންނަށް، އެކި ވަސީލަތްތަކުން ފެނެއެވެ. ފެންނަ ފެނުމަށް، މި ފޮޓޯތަކަކީ ތަފާތު ފޮޓޯ ތަކެއްކަން އިހުސާސް ކުރުވައެވެ. ތަފާތު، އަދި ނުރައްކާތެރި ތަނެއްކަމަށް އިހުސާސް ކުރުވައެވެ. ހަމައެހެންމެ، މިއީ ކޮންމެ ކޮންމެ މީހަކަށް ނުދެވޭނެ ތަނެއްކަމުގެ އިހުސާސްވެސް ކުރުވައެވެ.

އެހެންނަމަވެސް، އެނގޭ ހެއްޔެވެ؟ ބްރެޒިލްގެ މަޝްހޫރު ރިއޯ ޑީ ޖެނީރޯގައި އޮންނަ މި ތަނަކީ ފޭކު ތަނެކެވެ. ކޮންމެ މީހަކަށްވެސް ގޮސް ފަސޭހައިން ފޮޓޯ ނެގޭގޮތަށް އޮންނަ ތަނެކެވެ.

މި ތަނުގެ ނަމަކީ ޕެޑްރާ ޑޯ ޓެލޭގްރާފޯ އެވެ. ބިމަށްވުރެ، އެތައް ތަނެއް މަތީގައި މިތަން އޮތްކަމުގައިވިޔަސް، މީހުން ބައްދާލައިގެން އެއޮންނަ ގަލުގެ ތިން ފޫޓު ދަށުގައި، އެގާތަކާ ނުލާހިކު ކައިރީގައި އޮންނަނީ ރައްކާތެރި ގައުތަކެކެވެ. ފޮޓޯގްރާފަރުން އެތަނުގައި ފޮޓޯ ނެގުމަށްފަހު، އެތަން ކްރޮޕް ކޮށްލަނީއެވެ.

ރިއޯގައި އޮންނަ މި ތަނުގެ ސަބަބުން، ތަފާތު ފޮޓޯތަކެއް ނަގަން ފުރުޞަތު ލިބޭއިރު، ނޭނގޭ މީހަކަށް މި ފޮޓޯތައް ނަގާފައިވަނީ ފަސޭހައިން ކަމެއް ނޭނގޭނެއެވެ. ކޮންމެއަކަސް، މި ކަހަލަ ތަންތަން ހުންނަކަމީވެސް ހަމަ ނަސީބެކެވެ.