އިންޑިއާގައި ހަތް މީހަކު ވެގެން އުމުރުން 28 އަހަރުގެ އަންހެނަކު ރޭޕްކޮށްލައިފިއެވެ. އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެެވެ. އޭނާ ރޭޕްކޮށްފައި ވަނީ ފަސް އަހަރުގެ ދަރިފުޅު މަރާލުމަށްފަހު ގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބުޒާރް ސިޓީގައި މި ހާދިސާ ހިނގިއިރު، އެކަން މުރާރް ފުލުހުންގެ ސަމާލުމަކަށް އައިސްފައި ވަނީ އެ އަންހެން މީހާގެ ބައްޕަ އިއްޔެ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުންނެވެ. އެ އަންހެން މީހާ ރޭޕް ކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކީ އެ މީހުން ދަންނަ ބައެކެވެ. އަނެއް ފަސް މީހުންނަކީ ކޮން ބައެއްކަން އެ އާއިލާއަކަށް ނޭނގެއެވެ.

"އެ އަންހެން މީހާ ދިޔައީ އޭނާގެ ދަރިފުޅާއެކު ބޭންކަށް މަސައްކަތަށް، އޭނާ އެނބުރި ނައުމުން، އާއިލާ މީހުން އޭނާ ހޯދަން ނުކުތީ، އާއިލާ މީހުންނަށް އެ އަންހެން މީހާ ފެނުނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 3:00 ޖެހި ހާއިރު ވިލޭޖްގެ ޕޮންޑެއް ކައިރިން. އޭނާގެ ދަރިފުޅު އޮތީ ޕޮންޑް ތެރޭގައި". ފުލުހުންނަށް އެ އަންހެން މީހާގެ ބައްޕަ ދިން ބަޔާނާއި ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

މިހާރު އެ އަންހެން މީހާއަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އަދި އަންހެން މީހާގެ ހާލު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ގިނަ ގައުމެކެވެ.