މި ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) އިން ދުނިޔެއާއި ގާތުގައިވާ މިއްރީޚު (މާސް)، ފާއިތުވެދިޔަ 17 ވަރަކަށް އަހަރު ތެރޭގައި އެންމެ އަލިގަދަކޮށް ފެންނާނީ މި ހަފްތާ ތެރޭގައި ކަމަށް ސައިންސްވެރިން ވިދާޅުވެޖެއެވެ.

އެހެން ދުވަސްވަރުތަކާއި ޚިލާފަށް މި ހަފްތާ ތެރޭ މިއްރީޚު އަލިގަދަކޮށް ފެންނަނީ، އެ ގުރަހަ (ޕްލެނެޓް) ގެ ދައުރުވުމުގެ ތެރެއިން ދުނިޔެއާއި މި ނިޒާމުގެ ތަރި (އިރު) އާއި ސީދާ ދިމާވާތީއެވެ. މިގޮތަށް މިއްރީޚު ދައުރުވާއިރު، ދުނިޔެ ދައުރުވާނީ އިރާއި މި ގުރަހައާއި ދެމެދުން ކަމުން، އިރުގެ ދޯދިތައް މިއްރީޚަށް އެޅިފައި ހުންނައިރު ދުނިޔެއަށް ގުރަހަ އަލިގަދަކޮށް ފެންނާނެ އެވެ.

މިއްރީޚަކީ އާންމުކޮށް ރޭގަނޑުގެ ވަގުތުގައި އުޑުމަތިން ތަރިއެއް ފަދައިން ފެންނަ ގުރަހައެކެވެ. ނަމަވެސް މި ހަފްތާ ތެރޭގައި އޭގެ އަލި އިތުރަށް ގަދަވެފައި، ރަތްކަމެއް ހުންނާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އަދި ޓެލެސްކޯޕް މެދުވެރިކޮށް މި ދުވަސްވަރު މިއްރީޚު ފެންނަ ގޮތް ސާފުވާނެ ކަމަށާއި، އެ ގުރަހައިގެ ދެ ތަނޑީގައި ގަނޑުފެންކަމަށް ބުނެވޭ ހުދު ސަރަޙައްދުވެސް ފާޅުވާނެ ކަމަށް އެފަރާތްތަކުން ވިދާޅުވެފައި ވެއެވެ.

އެންމެ ފަހުން މިފަދަ ގޮތަކަށް މިއްރީޚު އަލިގަދަކޮށް ފެނިފައިވަނީ 2003 ވަނަ އަހަރުއެވެ. އެއަހަރަށްވުރެ މިފަހަރު މިއްރީޚުގެ އަލިކަން ގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ. ދެން އެންމެ އަވަހަށް އިރާއި ސީދާ ދިމާވެ އަލިގަދަކޮށް މި ގުރަހަ އެންމެ އަވަހަށް ވެސް ފެންނާނީ 2035 ވަނަ އަހަރުއެވެ. އެހެންކަމުން މި މަންޒަރު ބަލާލުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.

ސައިންސްވެރިން ވިދާޅުވާގޮތުން އެންމެ އަލިގަދަކޮށް މިއްރީޚު ފެންނާނީ އަންނަ އަންގާރަ ދުވަހުގެ ދަންވަރުގެ ވަގުތުގައެވެ. އަދި އެރޭ ދުނިޔޭގެ ގިނަ ސަރަޙައްދުތަކަށް (މޫސުން ގޯސް ނޫންނަމަ) މި މަންޒަރު ފެންނާނެ ކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ކޮންމެ ދެއަހަރަކުން އެއްފަހަރު މިއްރީޚު އާއި ދުނިޔެއާއި ކައިރިން ދައުރުވެއެވެ. ނަމަވެސް މިގޮތުން ދައުރުވާއިރު ދުރުމިން އެކި ފަހަރު ހުންނަ މިންވަރު ތަފާތު ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އެންމެ ފަހުން ދުނިޔެއާއި އެންމެ ކައިރިން އެ ގުރަހަ ދައުރުވީ 2018 ވަނަ އަހަރެވެ.

ހޯދުންތަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ކޮންމެ 15 ނުވަތަ 17 އަހަރަކުން ދުނިޔެ އާއި މިއްރީޚު އާއި އަންނަނީ ކައިރިވަމުންނެވެ. މިގޮތުން މިއަހަރު ދުނިޔެއާއި އެންމެ ގާތުން މި ގުރަހަ ދައުރުވާއިރު ދުރުމިނުގައި ހުންނާނީ 62.1 މިލިއަން ކިލޯމީޓަރު ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. މި ގުރަހަ ދުނިޔެއާއި އެންމެ ދުރުން ދައުރުވާއިރު ދުރުމިނުގައި ހުންނާނީ 63.8 މިލިއަން ކިލޯމީޓަރެވެ.

މިއްރީޚަކީ ސައިންސްވެރިން އެންމެ އިސްކަމެއް ދީގެން ދިރާސާތައް ކުރިޔަށްގެންދާ ގުރަހައެވެ. އެއީ އެ ގުރަހައަކީ އިންސާނުންނަށް އެކަށީގެންވާ މާޙައުލެއް އޮތްތަނެއް ކަމަށް ޤަބޫލުކުރެވޭ ގިނަ ހެކިތަކެއް ލިބިފައިވާތީއެވެ. އެ ގުރަހައިގެ ބިންފަދަ ފަށަލައިގައި މިވަގުތުވެސް ނާސާގެ އުޅަނދު، "ކިއުރިއޯ ސިޓީ ރޯވާ" ދަތުރުކޮށް ގުރަހައިގެ ފޮޓޯ އާއި މަޢުލޫމާތު ދުނިޔެއަށް ފޮނުވަމުން ދެއެވެ.

މީގެ އިތުރުން މިވަގުތު އެ ގުރަހައަށް ތިން އުޅަނދެއް ދަތުރުކުރަމުން ދެއެވެ. އޭގެތެރޭގައި އެމެރިކާގެ އުޅަނދަކާއި ޗައިނާގެ އުޅަނދެއްގެ އިތުރުން ޔޫއޭއީގެ "ހޯޕް މާސް ޕްރޯބް" ނަމަކަށް ކިޔުނު އުޅަނދެއް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުންޑުބޭ

    62.1 މިލިއަން މޭލު އެއީ ކިތައް ކިލޯމީޓަރ ތޯ އަދި 63.8 ކިލޯމީޓަރ އެއީ ކިތަށް މޭލުތޯ އެވެ.

  2. މަ

    ތި މަންޒަރު ބަަލަން އިންތިޒާރު ކުރަމެވެ ަ. އިރާދަ ކުރެއްވިޔާ ފެންނާނެ.