(ފުރަތަމަ ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ރަތް ލިބާސްލީ ޖިންނިއެއް ނޫނީ ހަންޑިއެއްގެ ވާހަކަ އެއީ އެތައް ބަޔަކުމެ ދަންނަ އަދިއަދަށް އަންނާދެއްވެސް ތުންތުންމަތިން އަޑުއިވޭ ވާހަކައެކެވެ. ކިޔުންތެރިންނަށް ކުރިން ފަހަރު ކިޔާދިން ހާލުގެ ވާހަކަ ކަމުދިޔަކަމަށް އުއްމީދުކުރަމެވެ. އަދި އެ ވާހަކާގައި އަހަރެން އައްޑޫއަށް ކުރި ދަތުރުގައި ޚުދު އަހަރެންނަށް ދިމާވި ރަތް ލިބާސްލީ ޖިންނިއެއްގެ ވާހަކަ ކިޔާދޭނެކަމަށް ބުނީމެވެ. މިއީ އެ ރަތް ލިބާސްލީ ޖިންނީގެ ވާހަކައެކެވެ. ހަސަންފުޅު ކިޔައިދިން ފިޔޮއް ކުކުޅުގެ ވާހަކަ ވަގުތެއް ވުމުން އަހަރެން ކިޔުންތެރިންނަށް ކިޔާ ދޭނަމެވެ.

މިއީވެސް ހަޤީޤީ ހާދިޘާއެކެވެ. އަހަރެންނަށް ހީވި ފަދައިން ހާލުގެ ވާހަކަވެސް އެއްބަޔަކު ޤަބޫލުކުރިއެވެ. އެނެއް ބަޔަކު އެ ވާހަކައަށް ޖެހީ ޖޯކެވެ. އެހެނަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެންގެ އެދުމަކީ މިފަދަ ހަޤީޤީ ވާހަކަތައް ލިޔެވި ރައްކާކުރުމެވެ. މި ވާހަކަތައް އަޑު އިވި މިކަމުން ޢިބްރަތް ހާސިލްކުރުމެވެ. އެންމެހާ ގޯސް ކަންކަމުން މި މުޖްތަމަޢު ރައްކާތެރިވުމެވެ.

އަހަރެންނަކީ އަބަދުވެސް ދަތުރު ކުރާ ހިތްވާ މީހެކެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް އެތަނެއްގައި އުޅޭ ދިވެހިންނާ ބައްދަލުވެ، އެ މީހުންގެ އާދަކާދަތައް ދެނެގަތުން އެއީ އަހަރެންގެ ބޭނުމެކެވެ. ދިވެހިރާއްޖޭގައި ހެދިފައިވާ ޗާލޫ ރަށްތަކުގެ ޤުދުރަތީ މަންޒަރުތައް މިއީ އަހަރެން ބަލައި ފޫހިނުވާ މަންޒަރުތަކަކަށް ވުމުންނެވެ. އެ ރަށްތަކުން އެ ލިބޭ މެހެމާންދާރީ އާއި ރަޙްމަތްތެރިން އެއީ އަހަރެންނަށް ދަތުރު ކާމިޔާބުވިކަން އަންގައިދޭ ދަލީލަކަށް ފުދެއެވެ.

އަހަރެން ހިތަދޫއަށް ދިޔައީ އެތަނުގެ ސުކޫލަށް ބޭނުންވާ މުދައްރިއްސެއްގެ މަޤާމް ފުރުމަށްޓަކައެވެ. ލިބުނު ފުރުޞަތުގެ ބޭނުން ހިފާ ދެކުނަށް ކުރެވުނު ފުރަތަމަ ދަތުރުގައި އެއްކޮށްލަން ބޭނުންވާ އެތަކެއް މައުލޫމާތެއް އަހަރެންގެ ހިތުގައި ބިންވަޅު ނަގަމުން ދިޔައެވެ. ދެކުނުގެ މީހުނާއި އުތުރުގެ މީހުންގެ ދިރިއުޅުމުގައި ތަފާތުތަކެއް ހުންނަކަން އެއީ އަހަރެންނަށް އަޑު އިވިފައި އޮތް ގޮތެވެ. އެ އިވޭ އަޑުތަކަކީ ސައްހަ އެއްޗެއްކަން އަހަރެން އަބަދުވެސް ކަށަވަރުކުރަމެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށުގެ ގިނަބަޔަކު އަހަރެންނާ ރަޙްމަތެރިވެގެން ދިޔައެވެ. އެއީ އަހަރެންގެ ހުންނަ ސަކަ މިޒާޖްގެ ސަބަބުން ކަމަށް ވެދާނެއެވެ. ނޫނީ އަހަރެން އެ މީހުންނާ ގުޅެނީ ކަމަށްވެސް ވެދާނެއެވެ. އެހެން ނޫނަސް އަހަރެން މިއީ ވަރަށް ފުޅާ ސިކުނޑީގެ ވެރިއެކެވެ. އެއީ ކޮންމެ މީހަކަވެސް އަހަރެންނާއެކު ކޮންމެ ފަދަ ވާހަކައެއްވެސް ދެއްކޭތީއެވެ. ކޮންމެ މައުޟޫއަކަށް އިންސާފުކުރަން ޖެހުނަސް އަހަރެންނަށް އެނގޭ މިންވަރަކުން އެ މައުޟޫއަކަށް ވާހަކަ ދައްކަމެވެ. އަދި އެނެއްކުން ދައްކާ ވާހަކަތައް ނިކަން ކަނުލައި އަޑުއަހަމެވެ. އެގޮތަށް ތިމާގެ ސިކުނޑި ބައްޓަން ކުރެވިއްޖެނަމަ މީހުން ތެރޭގައި އުޅުމަށް ފަސޭހަވެގެން ދާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

ކޮންމެ ހުކުރު ދުވަހަކީ އަހަރެމެން މުދައްރިއްސުންނަށް ލިބޭ ބޮޑު ބަންދު ދުވަހެއްކަމުން، އެ ދުވަހަކީ ކޮންމެވެސް ކަމެއް ކުރުމަށް ރާވާ ދުވަހަކަށް ވަނީވެފައެވެ. އެއްފަހަރު މަސް ފިހެއްޖެނަމަ އެހެން ފަހަރަކުން ކޮންމެވެސް ކާ އެއްޗެއް ހަދާނެއެވެ. ނޫނީ ކޮންމެވެސް ކުޅިވަރެއް ކުޅޭނެއެވެ. އެ ދުވަހު ޖަހާ ސަކަރާތެއް ޖެހުމަށްފަހު ހޮނިހިރު ދުވަހަކީ މުދައްރިއްސުން ބުރަކޮށް މަސައްކަތްކުރާ ދުވަހެކެވެ. އެއީ އާދިއްތަ ދުވަހަށް ތައްޔާރުވުމުގެ ގޮތުންނެވެ. އާދިއްތަ ދުވަހު ކިޔަވާ ދިނުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރަނގަޅަށް ކިޔަވާ ދޭން ތައްޔާރު ނުވެވިއްޖެނަމަ އެކަމުގެ ހިތި ނަތީޖާ ފެންނާނީ ކިޔަވާ ކުދިންގެ ރިޕޯޓުންނެވެ.

މިއަންނަ ހުކުރު ދުވަހުގެ ރޭޔަށް ރޭވިފައި އޮތީ މަސްދަތުރެއް ދިއުމަށެވެ. އެއީ ގައުކެނޑި އަތިރިމައްޗަށެވެ. އެތަނުގައި މަސްބާނާ ފިހެ ކައިގެން އެނބުރި ހިތަދޫއަށް ދާ ގޮތަށެވެ. ހިތަދޫއާއި މަރަދޫގެ ދެމެދުގައި ތިން ފަޅުރަށެއް އޮވެއެވެ. އެއީ އަބޫހެރައާއި ރުއްޖެހެރައާއި ގައުކެނޑިއެވެ.

ހިތަދޫން ފެށިގެން ގައުކެނޑި އަތިރިމައްޗަށް ސައިކަލުގައި ދުއްވާފައި ދެވެއެވެ. އެއީ އޭރު އިނގިރޭސީން އެތަނުގައި އުޅުނުއިރު ކޮންމެ ރަށެއް ގުޅިގެން ދާނެހެން ހަދާފައި ހުރި ފާލަންތަކެއްގެ ސަބަބުންނެވެ. އެ ފާލަންތައް ހުރީ ވަރުގަދަ ލަކުޑިންނެވެ. އެހެންވުމުން ފަސޭހަކަމާއެކު ސައިކަލުގައި އަބޫހެރައާއި ރުއްޖެހެރައާއި ގައުކެނޑި ހުރަސްކޮށް ގައުކެނޑި އަތިރި މައްޗަށް ފޭބެއެވެ.

އަތިރިމައްޗަށް ޖެހެމުން ދިޔަ ވައިން މީހާއަށް ފުން ނިންޖެއް ގެނުވައެވެ. ތެތްފިނި ވައެކެވެ. އަތިރިމަތީގެ ދޮންވެލިގަނޑުވެސް ހުރީ ފިނިވެފައެވެ. އަހަރެން ހުންނަ ހިތްވީ ފައިތިލަ ދޮންވެލިގަނޑު ތެރެއަށް ކޮށްޕާލައިގެންނެވެ. އެކަމުން ސިކުނޑިއަށާއި ހިތަށް ފުން އަސަރެއް ކުރުވައެވެ.

މަސްބާނަން ތިބި މުދައްރިސުން ވަރަށް ފޯރީގައި މަސް ބޭނިބޭނިހެން، މަސް ފިހެން ތިބި މުދައްރިސުން މަސްތައް ފިހުމުގެ މަސައްކަތް ކުރިއަށް ގެންދިއެވެ. މަސްތައް ފިހެ ކައިބޮއެ ހަދައިންގެ ސައިކަލުތަކުގައި ހުރިހާ އެންމެން ހިތަދޫއަށް ދިއުމަށް އަވަސްވެގަތެވެ. އަހަރެންވެސް އަހަރެންނާއެކު އައި އިބްރާހިމް ސައިކަލު ފަހަތަށް އެރުމުން ހިތަދޫއާ ދިމާއަށް ސައިކަލު ދުއްވައިލީމެވެ.

"އިބްރާހިމް ހާދަ ބޮޑު ފާހާނާއަކަށް ތި ދިޔައީ؟" އަހަރެން ސައިކަލު ދުއްވަން ފެށިއިރު ދެން އައި ބަޔަކު ސައިކަލުތަކުގައި ގޮސް އޮބާލަނީއެވެ. "ވަރަށް ބާރަށް ދުއްވައިގެން ދެން އެ މީހުން އަތުވާނީ."

ކަންދިމާކުރި ގޮތުން އިބްރާހިމް އަކީ އަހަރެންނާއެކު އައްޑޫ ދަތުރުގައި އައި މީހެކެވެ. ހއ. ތުރާކުނަށް ނިސްބަތްވާ މީހެކެވެ. އަހަރެންނަށް ނޭނގޭ މަގެއް ތަނެއް އެނާއަކަށްވެސް ނޭނގެއެވެ. ކުރިއަށް އޮތް މަގުން އަހަރެން ބާރު ދުވެލީގައި ސައިކަލު ދުއްވާލީމެވެ. އޭރު އަހަރެންގެ އެކުވެރިންގެ ސައިކަލު ލައިޓްތައް ފެންނާން ހުއްޓެވެ. ބާރު ދުވެލީގައި ސައިކަލު ދުއްވަމުން ދަނިކޮށް ރަތް ލިބާހެއް ލައިގެން ހުރި އަންހެނަކު މަގު މެދުގައި ހުއްޓައި އަހަރެންނަށް ފެނުނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާމިނަތު

    ކޮބާ މިދިޔައަހަ ރު ރޯދަމަހު ލިޔުން އަހުލާމް ވާހަކަ

  2. ބުރޯ

    ތި ތީނަގެ ލައިފް ސްޓޯރީތަ ކިޔާ ކިޔާ ރަތް ލިބާސް ވާހަކަ ނައިސްގެން ނިންމާލާފިން