1990 ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން ގިނަ ބައެއްގެ މަގްބޫލްކަން ހޯދައިފައިވާ ކުޅަދާނަ އެކްޓަރ ޖެކީ ޝްރޮފް އޭނާގެ ދަރިފުޅު އަދި "ބާގީ" ފަދަ އެތަކެއް ފިލްމުތަކެއް ކުޅެދީފައިވާ ހުނަރުވެރި އެކްޓަރ ޓައިގާ ޝްރޮފް އާއި އެކު ފިލްމެއް ކުޅެން ނިންމައިފިއެވެ.

ފިލްމު އިންޑަސްޓްރީގައި 30 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ޖެކީ އަކީ މިހާރުވެސް އެތަކެއް ފިލްމުތަކެއް ކުޅެމުން އަންނަ ފަނޑުވުމެއް ނެތް އެކްޓަރެކެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ޖެކީ ބުނީ އޭނާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ދަރިފުޅު ޓައިގާ އާއި އެކު ފިލްމެއް ކުޅުން ކަމަށާއި ވަރަށް އަވަހަށް އެ ކަން ހަޤީގަތަކަށް ވެގެންދާނޭޭ ކަމަށެވެ. ނަމަވެސް އެއީ ކޮންއިރަކު ކަމެއްވެސް އަދި އެ ފިލްމަށް ކިޔާނީ ކޮން ނަމެއްކަމެއްވެސް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

"އަހަރެން ވަރަށް ބޭނުން ދަރިފުޅު ޓައިގާއާއި އެކު ފިލްމެއް ކުޅެން. ވަރަށް އަވަހަށް އެކަން ހަޤީގަތަށް ވެގެންދާނެ" ޖެކީ ބުނެފައިވެއެވެ.

އަދި ދަރިފުޅު ޓައިގާ ބޮލީވުޑްގައި ހޯދަމުންދާ ކާމިޔާބީއާއި މެދު ފަހުރުވެރިވާ ކަމަށްވެސް ޖެކީ ބުނެފައިވެއެވެ.

ޓައިގާ އާއި އެކު ފިލްމެއް ކުޅޭނެކަން ޖެކީ އިއުލާންކޮށްފައިވާއިރު މިހާރު އޭނާ ކުރަމުންދާ މަސައްކަތަކީ އޭނާ ދާދިފަހުން ކުޅުނު ފިލްމު " ފޭމަސް" އިސްތިހާރު ކުރުމުގެ މަސައްކަތެވެ. ޖޫން މަހުގެ ތެރޭގައި އެ ފިލްމު ރިލީސް ކުރާއިރު އެ ފިލްމަކީ ކަރަން ބުޓާރީ ޑައިރެކްޓް ކުރާ ފިލްމެކެވެ.

ކިޔުންތެރިންގެ ހިޔާލު