އިންސާނުންގެ އަމަލުތަކުގެ ސަބަބުން ތަޣައްޔަރުވެފައި ވަނީ ހަމައެކަނި ދުނިޔޭގެ މާހައުލެއް ނޫނެވެ. ޖައްވު ވެސް ވަނީ އިންސާނުންގެ ސަބަބުން ތަޣައްޔަރުވެފައެވެ. އިންސާނުން ޖައްވުގެ ތެރެއަށް ތަފާތު އެއްޗެހި ފޮނުވަން ފެށުމުގެ ކުރިން ޖައްވު އޮތީ ވަރަށް ސާފުކޮށެވެ. ކުނިބުންޏެއް ޖައްވަކު ނެތެވެ. ނަމަވެސް 1957 ވަނަ އަހަރު ސޯވިއެޓް ޔޫނިއަނުން ޖައްވަށް ފޮނުވި "ސްޕާޓްނިކް-01 ނަމަކަށް ކިޔުނު ސެޓްލައިޓާއިއެކު ތާރީޚް ބަދަލުވެގެން ދިޔައީއެވެ.

މިއަދު ޖައްވުގައި ވަނީ ބޭނުންކުރާ ސެޓްލައިޓްތަކާއި އަދި ބޭނުން ނުކުރާ ސެޓްލައިޓްތަކުން ވެސް ފުރިފައެވެ. ތަފާތު ދިރާސާތަކަށް ޖައްވަށް އިންސާނުން ފޮނުވި އެތައް އެއްޗެއް މިހާރު ވަނީ ކުނިބުންޏަށް ވެފައެވެ. ޖައްވުގައި ކުނިބުނި ގިވަމުން އައުމަކީ ސައިންސްވެރިން އަބަދުވަސް ކަންބޮޑުވާ ކަމެކެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީން ނެރުނު އަހަރީ ރިޕޯޓެއްގައި ބުނީ ޖައްވުގައި ކުނިބުނި ގިނަވަމުން ދަނީ ބިރުވެރި ކަންތައްތަކެއް ހިނގާފާނެ މިންވަރަކަށް ކަމަށެވެ. "ދޫވެފައިވާ ކުނިބުނިތަކުގައި އެބަހުރި ބެޓެރިތަކާއި ތެޔޮ ވެސް، "މަރުވެފައިވާ" ބޮޑެތި ސެޓްލައިޓްތައް އެކަތި އަނެކައްޗާއި ޖެހި ބާރުގަދަ ގޮވުމެއް ގޮވުމުގެ ފުރުސަތު އެބައޮތް. އަދި އެތަކެތި އެއްވެ ބޮޑު ފުންޏަކަށް ވުމަށްފަހު ފަހުން ވެސް ބާރުގަދަ ގޮވުމެއް އެއިން އުފެދިދާނެ." ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ވެސް ޖައްވުން ބޮޑު ކުނިގަނޑެއް ޖެހިދާނެ ކަމަށް ލަފާކުރެވިގެން ފާއިތުވި އަހަރު ދުވަސްތެރޭގައި ތިން ފަހަރެއްގެ މަތިން މިސްރާބު ބަދަލު ކުރަން ޖެހުނެވެ.

ޖައްވުގައި ކުނި ގިނަވަމުންދާ ވާހަކަ 1960 ވަނަ އަހަރުން ފެށިގެން ސައިންސްވެރިން ދައްކަމުން އަންނައިރު އަދިވެސް މައްސަލައަށް ހައްލެއް ގެނެވޭނެ ސިޔާސަތުތަކެއް އެކުލަވާލުމުގައި ގައުމުތައް ފެއިލް ވެފައިވާކަން ފާހަގަކޮށް ރިޕޯޓްގައި ސައިންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޕޯޓްގައި ލަފާދީފައި ވަނީ ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގުމުގެ ކުރިން ޖައްވުގައި ކުނި ގިނަވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    އަހަރަކުގައުމަކުން ޖައްވުންކުނިނަގަންފަށަންވީ .. ދިވެހިރާއްޖޭގެފަރާތުން ވެމްކޯއިން ތިކަމާހަވާލުވެދާނެ .. ކޮންމެގޭބިސީއަކުން ފަސްވަރަކަށްރުފިޔާދޭންޖެހޭގޮތަށް މަޖިލީހުންވެސްނިންމަންވީ .. ޖާބޭއާއި ބޮޑުވަޒީރުގެ އެހީތެރިކަން ވަރަށްބޭނުން.

  2. ރިހާކުރުކުޑޭ

    ކޮންމެބަޔަކުވެސް އެބަޔަކުއަޅާކުނި ނަގަންޖެހޭގޮތަށް ޖާބިރުގާތުބުނެގެން ގާނޫނެއްހަދަންފެނޭ !!