މި މަހުގެ އަށްވަނަ ދުވަހު ކުރިވިގެން ދިޔަ ބޮލީވުޑް އެކްޓްރެސް ސޯނަމް ކަޕޫރްގެ ކައިވެންޏަށްފަހު، އޭނާ މިހާރު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވީރް ޑީ ވެޑިން"ގެ މަސައްކަތް ތަކުގައި އަވަދިނެތިއެވެ.

ޖޫން މަހުގެ ފުރަތަމަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ސޯނަމް އާއިއެކު، އެކްޓްރެސް ކަރީނާ ކަޕޫރް ޚާނާއި ސާރާ ބަސްކާއާއި ޝިހާ ޓަލަސްނިއާ ފެނިގެންދާއިރު، ލީޑް ދެ ތަރިން ކަމުގައިވާ ސޯނަމްއާއި ކަރީނާގެ ގުޅުން މާ ރަނގަޅު ނޫން ކަމަށް ވަރަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ދާދިފަހުން ސޯނަމް ދިން އިންޓަވިއުއެއްގައި އޭނާ މި ވަނީ އެކަން ދޮގު ކޮށްފައެވެ.

"އަހަރެމެން ދެމީހުންގެ ދެމެދުގައި އެއްވެސް ވަރަކަށް ހަސަދަވެރިކަމެއް ނޯންނާނެ. އަހަރެންނާއި ކަރީނާގެ ރަހުމަތްތެރިކަމަށް ވެސް 15 އަހަރުވެއްޖެ. އަހަރެންނާއި ކަރީނާއާއި ރިއާ އަދި ކަރިސްމާ ހިމެނޭ ގޮތަށް، "ކަޕޫރް ގާލްސް" ނަމަކަށް ކިޔާ އަހަރެމެންގެ ވަޓްސް އެޕް ގްރޫޕެއްވެސް އޮންނާނެ. މި ގްރޫޕްގައި އެންމެންވެސް ވާހަކަ ދައްކައި ފޮޓޯ ފޮނުވާ ހަދާނެ." ސޯނަމް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

"މީހުން އެކަހަލަ އެއްޗެހި ކިޔަސް އަހަރެންނާއި ކަރީނާއާއި ދެމެދު އޮތް ގުޅުމަކަށް ހީނަރު ކަމެއް ނާންނާނެ. އަހަރެމެން މިއީ މި އާއިލާގެ ތިންވަނަ ޖެނެރޭޝަންގެ އެކްޓްރެސްއިން. އެހެންވީމަ މީޑިއާގެ ކަންތައްތައް ހުންނަ ގޮތް ވަރަށް ރަނގަޅަށް އެނގޭ" ސޯނަމް މީހުން ދައްކަމުންދާ ވާހަކަ ތަކަށް ރައްދުދެމުން ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ކަރީނާއާއި ދެމީހުން އެއްކޮށް ފެނިގެން ދާ "ވީރް ޑީ ވެޑިން"ގެ ޝޫޓިންގައިވެސް އެދެމީހުން ނުލާހިކު ރއްޓެހި ކަމަށާއި މިފަދަ ފިލްމެއް ދެމީހުންނަށް އެއްކޮށް ކުޅެވޭތީ ވަރަށް އުފާވާ ކަމަށެވެ.

"ވީރް ޑީ ވެޑިން"ގެ ޓްރައިލާ ލޯންޗުކުރުމަށް ބޭއްވުނު ހަފްލާގައިވެސް ސޯނަމް ވަނީ ކަރީނާއަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ.