ގދ. ތިނަދޫ ބުންނަރު ސްޓޫޑިއޯ އާއި ޗައްޕަލާ ސްޓޫޑިއޯގެ ފަރާތުން އާންމުން ސާފު ތާހިރު ކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ވަރަށްވެސް ތަފާތު ހިތްގައިމު ލަވައެއް ނެރެފިއެވެ.

ތިނަދޫ ބަހުން ނެރެފައިވާ މި ލަވައަށް ކިޔަނީ "މެންސާ މަދުއްރާ" އެވެ. މަޖާ ކޮންސެޕްޓަކަށް ގެނެސްދީފައިވާ މި ލަވައިން އިބުރަތްތެރި މެސެޖުތައް މުޖުތަމައުއަށް ވަނީ ފޮނުވާފައެވެ.

ލަވައިގައި ފާހަގަ ކޮށްފައިވާ ބައެއް ތަންކޮޅު ތަކަށް ބަލާއިރު، ސާފުތާހިރުކަން ގެއްލި ތަންތަނުގައި ފެން ހަރުލާފައި ހުންނަ ނަމަ މެއްސާއި މަދިރި ގިނަ ވާނެ ކަމަށް ލަވައިގައި ވަނީ ފާހަގަ ކޮށްފައިވެއެވެ. އެކަމުގެ ސަބަބުން އެކި ބަލިތައް ޖެހޭ ކަމަށްވެސް ވަނީ ލަވައިން ބުނެދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ބުންނަރު ސްޓޫޑިއޯގެ އޯނަރު، އަބްދުލް ބާތިން މުހައްމަދު ވިދާޅުވީ، "މެންސާ މަދުއްރާ" ލަވައަކީ ހާޒިފް މުހައްމަދު ޑިރެކްޓް ކޮށް ބުންނަރު ސްޓޫޑިއޯގެ އިސްނެންގުމުގެ މަތިން ޗައްޕަލާ ސްޓޫޑިއޯގެ އެހީތެރިކަމާއި އެކީ ހަދާފައިވާ މުޖުތަމައަށް ބޭނުންތެރި މެސެޖުތައް ލިބިގެންދާނެ ލަވައެއް ކަމަށެވެ.

"ލަވައަކީ ހޭލުންތެރި ކުރުމުގެ ގޮތުން ހަދާފައިވާ ލަވައެއް އަސްލު. މިސާލަކަށް ފަރުދީ ޒިންމާ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫން ސާފުތާހިރު ކުރުމަކީ ތަންތަން. މިއީ ހުރިހާ ގޮތަކުންވެސް މެސެޖެއް ގޮތަށް ފޮނުވާފައިވާ ލަވައެއް" ބާތިން ވިދާޅުވިއެވެ.

https://www.facebook.com/281096565320161/posts/3446049435491509/

މިލަވަ ނެރެފައިވަނީ ރޭގެ ވަގުތެއްގައެވެ. މިހާތަނަށް 45,000 އަށްވުރެ ގިނަ މީހުން މި ލަވަ ބަލައި 1,300 އަށްވުރެ ގިނަ މީހުން ލަވަ ފޭސްބުކުގައި ޝެއާކޮށްފައިވާ ކަމަށް ބާތިން ވަނީ ވިދާޅުވެފައެވެ.

ބާތިން ވިދާޅުވީ، މި ލަވައަކީ ދެ ހަފްތާގެ މަސައްކަތުން ނިންމާލެވިފައިވާ ވަރަށްވެސް ފުރިހަމަ ލަވައެއް ކަމަށެވެ.

"ލަވައިގެ އޯޑިއޯއަށް ދިޔައީ އެއް ހަފްތާ. ވީޑީއޯއަށް އެއް ހަފްތާ. ޖުމްލަ ދެ ހަފްތާ އެއްކޮށް ދިޔައީ." ބާތިން ވިދާޅުވިއެވެ.

މިލަވަ ކިޔާފައިވަނީ ޝަފީގް އާއި މޯލްޑިވިއަން އައިޑޮލްއިން އާއްމުންގެ ބޮޑު ސަމާލު ކަމެއް ހޯދި ތިނަދޫއަށް ނިސްބަތްވާ މުހައްމަދު ޒަލީފެވެ. މިލަވައިގެ ލިރިކްސް ހަދާފައިވަނީ އަބްދުﷲ އަފީފް (އަފީފްބެ) އެވެ. އަދި ލަވައިގެ މިއުޒިކް އުފައްދާފައިވަނީ އަބްދުލް ބާތިންއެވެ.

މިލަވައިން އިން ފެނިގެން ގޮސްފައިވަނީ ހާޒިފް، މާޖިދް، އަރުޝަމް، ހައިޝަމް، ވިޝާން، އަބާން، ރަޔާން، މޯޑް (ޓެކްސް)، ޔައީޝް (ކޮކީ)، ޝާކިރް، ރަހުމާން، ޝަފީގު އަދި ޒަލީފެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ޓިކްޓޮކްގައިވެސް މަޝްހޫރުކަން ހޯދާފައިވާ މީހުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ލަވައިގެ ބޮޑުބެރު ކުޅެފައިވަނީ މަތީން، ވާއު، ޒާހިލް އަދި ދަންމާނު ބޮޑުބެރުގައި ހަރަކާތްތެރިވަމުން އަންނަ ސައިފްއެވެ. ކެމެރާގައި ހިމެނެނީ މާޖިދް، މުހައްމަދު އަބުދުﷲ (ޗިކު)، އަހުމަދު ހަސަން (ސާމީ ޕިކްޗާސް) އަދި ހާޒިފްއެވެ.

މިލަވަ ތިނަދޫ ރައްޔިތުންނާއި ހަމައަށް ގެނެވުމުގައި ބުރަކޮށް މަސައްކަތް ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ބާތިން ވަނީ ޝުކުރު އަދާކޮށްފައެވެ.