މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިހެން މުމްބާއީގައި ހުންނަ އިންޑިއާގެ ފިލްމީ ވިވެކް އޮބްރޯއީގެ ގެ، ބެންގަލޫރު ފުލުހުން ބަލައި ފާސްކުރީ ފަށައިފިއެވެ.

އޭނާގެ ގެ ބަލާ ފާސްކޮށްފައި ވަނީ ސެންޑަލްވުޑް މަސްތުވާތަކެތީގެ މައްސަލައެއްގައެެވެ.

ފުލުހުން މީގެ ކުރިން ވަނީ ކުރީގެ ކަންނާޑާގެ މިނިސްޓަރ ޖީވަރާޖު އަލްވާގެ ދަރި އާދިތުޔާ އާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި އެ މީހުންގެ ގެ ވެސް ބަލާ ފާސްކޮށްފައެވެ. އާދިތުޔާއަކީ ވިވެކް އާއި އާއިލީގޮތުން ގުޅުން އޮންނަ މީހެކެވެ.

އޭނައަކީ ކަންނާަޑާ ފިލުމު އިންޑަސްޓްރީގެ ފަންނާނުންނަށް ޑުރަގު ފޯރުކޮށްދިނުމުގައި ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ މީހެކެވެ. އޭނާ ވަނީ ޑުރަގު ޑީލަރުންނަށާއި، ކަންނާޑާ ފިލްމީ ފަންނާނުންނަށާއި އަދި ޑީޖޭ ޕާޓީތަކުގެ އޯގަނައިޒަރުންނަށް ޑުރަގު ފޯރުކޮށްދޭ ކަމަށް ކުރެވުނު ތުހުމަތުން ރެކުމަށް ވަރަށް މަސައްކަތް ކޮށްފައެވެ.

ބެންގަލޫރު ފުލުހުންގެ ޖޮއިންޓް ކޮމިޝަނަރ ސަންދީޕް ޕަޓޭލް އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ވަނީ އާދިތުޔާ މިކަމަށް އިންކާރު ކުރާކަމަށް ބުނެފައެވެ. އަދި ވިވެކް އޮބްރޯއީއަކީ އޭނާގެ އާއިލާގެ މީހެއް ކަމަށާއި ވިވެކްގެ ގޭގައި ވެސް އާަދިތުޔާ އުޅެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ސަންދީޕް ބުނެފައިވެއެވެ.

ވިވެކްގެ ގެ ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެ ކުރައިމް ބުރާންޗު މީހުން އެ ގެ ބަލައި ފާސްކުރަނީ އެ ތަނުގައި އާދިތުޔާ އުޅެފައިވާތީ ކަމަށް ވެސް ސަންދީޕް ފާހަގަކޮށްފައިވެއެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ ސެންޑަލްވުޑު ޑުރަގު ކޭސްތަކާއި ގުޅުންހުރި ގިނަ ޑީޖޭ ޕާޓީތައް ބާއްވާފައިވަނީ ހެބަލް ލޭކް ކައިރީގައި ހުންނަ އާދިތުޔާގެ ފާމް ހައުސްއެއްގައި ކަމަށާއި މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ކަންނާޑާ އެކްޓަރ ރާގިނީ ވިވޭޑީއާއި ސަންޖަނާ ގަލްރާނީ ވެސް ހިމެނޭ ކަމަށެވެ.

މި ދުވަސްވަރަކީ ބޮލީވުޑު ފަންނާނުން ވެސް ޑުރަގު ބޭނުން ކުރާކަމުގެ މައްސަލަތަކެއް ކުރިއަށްދާ ދުވަސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު