ދެ އަހަރުގެ މެދުކެނޑުމަކަށްފަހު، ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޖޯން އަބްރަހަމް އަނެއްކާވެސް ސިލްވާ ސްކްރީނަށް އަންނަނީއެވެ. މިފަހަރު އޭނާ ފެނިގެން މިދަނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ޕާމަނޫ: ދަ ސްޓޯރީ އޮފް ޕޮހްރާން" އިންނެވެ.

މި ފިލްމުގެ ޓްރައިލާ ލޯންޗު ކުރުމަށް ބޭއްވި ހަފްލާގައި ޖޯން ބުނެފައިވަނީ އޭނާ އަބަދުވެސް ރަނގަޅު މަސައްކަތެއް ކުރުމަށް އިސްކަންދޭ ކަމަށާއި އެކަމަށް ގިނަ ވަގުތުވެސް ބޭނުންވާ ކަމަށެވެ. އަދި ދެ އަހަރު ދުވަހަށްފަހު މި ފިލްމުގެ މަސައްކަތް ކުރެވުމުން އުފާވާ ކަމަށްވެސް ޖޯން ބުނެއެވެ.

"އަހަރެން އަބަދުވެސް ކޮންމެ ހަ މަހަކުން ހަ މަހަކުން ތަފާތު ރޯލެއް ކުޅޭ ހިތްވަނީ. އަބަދު އެއްކަހަލަ ރޯލުތަކެއް ކުޅެންވީމަ އެހާ މޯޓިވޭޓް އެއް ނުވޭ. ހެނދުނު ހޭލާއިރުވެސް އެނގޭނެ ތަފާތު ރޯލެއް ކުޅިގެން ތަފާތު ތަޖުރިބާއެއް ކުރެވެން އުޅޭކަން. އެހެންވެ ވަރަށް އުފާވޭ. އަނެއްހެން ބުނަންޏާ އަހަރެން ޗުއްޓީއެއް ނުނަގާ އެކިއެކި ފިލްމުތަކުގައި މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ. ފިލްމަކަށް ތައްޔާރުވުމުގެ ގޮތުން ރޯލް އެނަލައިޒް ކުރުމަކީ އަހަރެން ވަރަށް ކުރާ ކަމެއް" ޖޯން ބުނެފައިވެއެވެ.

މިއަހަރުގެ މިނިވަން ދުވަހުގައިވެސް ޖޯންގެ އެހެން ފިލްމެއް ރިލީޒް ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.