ބޮލީވުޑްގެ ކިންގ ސަލްމާން ޚާން މިހާރު ވަނީ އޭނާގެ ޓެލެވިޒަން ޝޯވކަމަށްވާ ދުސް ކާ ދުމްގެ ސީޒަން 3 ފެއްޓޭނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ޝޯވގެ ޝޫޓިންގތައް މިހާރު ވަނީ ފަށާފައެވެ. އޯޑިއަންސްއަށްވެސް އެ ޝޯވގެ ޕްރޮމޯ ހަރަކާތްތައް ކަމުދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އެހެން ނަމަވެސް މިފަހަކުން އެ ޝޯވގެ ބައިވެރިއަކު ވަނީ ޝޯވ ކުރިއަށްދަނިކޮށް ހޭނެތިގެން ވެއްޓިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 40 އަހަރުގެ އެ ބައިވެރިޔާ ހޭނެތިގެން ވެއްޓުނީ ސަލްމާން ޚާން އާއި ވާހަކަދައްކަމުން ދަނިކޮށް މާ ބޮޑަށް ދެރަވެގެންނެވެ.

ސަލްމާންއަކީ އެ ބައިވެރިޔާ ވަރަށް ބޮޑަށް ސަޕޯޓް ކުރާ މީހެއްކަމަށް ވެއެވެ. އެ ބައިވެރިޔާ ސަލްމާން ޚާން ކައިރީ ދެއްކި ބައެެއް ވާހަކަތަކަށް ބަލާއިރު، އޭނާ އުޅެމުންދާ ނިކަމެތި ހާލާއި، އޭނާގެ ދަރި ސްކޫލުން މިހާރު ދަށް ގްރޭޑް ހޯދަނީ ފައިސާ ނެތިގެން ސްކޫލް ބަދަލު ކުރަން ޖެހުމުންކަމަށްވެސް ބުނެފައެވެ. މިގޮތަށް އޭނާ ވާހަކަދައްކަމުން ދަނިކޮށް އެ އަންހެން މީހާ ހޭނެތުނީއެވެ. އަދި ވަގުތުން ސަލްމާން ވަނީ އެ މީހާ ގާތަށް ގޮސްފައެވެ.

ސަލްމާން ވަނީ އެ މީހާގެ ދަރިފުޅަށް ކިޔެވުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އަދި ދިމާވި ހާދިސާއަށްފަހު ޝޫޓިންގވެސް ވަނީ އެ ވަގުތަށް މެދުކަނޑާލާފައެވެ.

ސަލްމާންއަކީ އަބަދުވެސް އޭނާގެ ފޭނުންނަށް ވަރަށް ގާތް މީހެއްކަމަށްވާއިރު، މިފަދަ ގޮތަކަށް ފޭނުން އެހީތެރިކަން ބޭނުންވެފައިވާ ހާލަތެއްގައި އެ މީހުންނަށް އެހީވާންވެސް އޭނާ ހުންނަނީ ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާސިމް

    ބޮލީވުޑްގެ ކިންގ ސަލްމާން ޚާން މިހާރު ވަނީ އޭނާގެ ޓެލެވިޒަން ޝޯވކަމަށްވާ ދުސް ކާ ދުމްގެ ސީޒަން 3 ފެއްޓޭނެކަމުގެ ޔަގީންކަން ދީފައެވެ.
    "ދުސް ކާ ދުމް" އެއްނޫން "ދަސް ކާ ދަމް"