ވާހަކަ ލިޔުނީ: އައްބީ

ވެހެމުންދިޔަ ބޯވާރެއާއެކު އިރުއިރުކޮޅާ ބާރު ގުގުރިއެއް ޖަހާލައެވެ. ލިއުޝާހުރީ ކޮޓަރިތެރޭގައި، ބޭރަށް ހުޅުވާލާފައިވާ ކުޑަދޮރު ކައިރީގައި ބޭރު ބަލަހައްޓައިގެންނެވެ. ޖެހުމުން ދިޔަ ބާރުވަޔާއެކު ވެހެމުންދިޔަ ބޯ ވާރޭގެ ތިކިތައް ލިޔުޝާގެ މޫނުމައްޗަށް ފައިބަމުންދިޔައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ އަސަރެއް ލިޔުޝާއަށް ކުރާހެނެއް ހިޔެއްނުވެއެވެ. މޫނުމަތިން ފެންނަނީ ހިތްދަތިކަމާއި އުދާސްކަމާއި އަދި މާޔޫސް ކަމެވެ. ކުއްލިއަކަށް ޖެހި ގުގުރީގެ ބާރުކަމުން ލިޔުޝާވެސް ކޮންމެވެސް ވަރަކަށް ބިރުގަނެއްޖެއެވެ. މަޑުމަޑުން ކުޑަދޮރު ލައްޕާލުމަށްފަހު އަލަމާރިމަތީގައި އޮތް ދަބަހާއި ދިމާއަށް ބަލާލިއެވެ. އަދި މަޑު ހިނގުމެއްގައިގޮސް ދަބަސް ނަގައިގެން އަލަމާރި ހުޅުވާލުމަށްފަހު ލިޔުޝާގެ ހެދުންތައް ދަބަހަށް އަޅަމުންދިޔައެވެ. ލިޔުޝާ ބޭނުންވީ އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކަށާއި، އުދާސްތަކަށް ހަމަޖެހުމެއް ލިބޭތޯ އެގެއިން ނުކުމެގެން ދިޔުމަށެވެ. ދިރިއުޅުމާމެދު ގޮސްހުސްވެ ނާއުއްމީދު ވެފައިވާތީއެވެ. ހެދުންތައް ދަބަހަށް އެޅުމަށްފަހު ދަބަސް ހިފައިގެން ކޮޓަރިން ނުކުންނަށް ހިނގައިގަތްއިރު ކޮޓަރީގެ ދޮރުގައި ލެނގިލައިގެން މަފާޒު ހުރީ ލިޔުޝާ ހުއްޓުވާނެ ގޮތަކާމެދު ވިސްނާށެވެ.

"ލިޔުޝާ... ކީއްކުރަން ތިއުޅޭނީ.......! މަޑުކޮށްބަލަ.. ހަމަ ކަމެއްވާއިރަށް ގެއިން ނުކުމެގެން ދިއުމަކީ ހައްލެއް ނޫނެއްނު... " މަފާޒު މިހެންބުނީ އާދައިގެ ރާގެއްގައެވެ. އެއީ އެވަގުތު ކޮންމެހެން ބުނަންޖެހޭނެ އެއްޗެއް ކަމަށް ބަލައިގެންނެވެ.

"ތަންކޮޅެއް ދައްކާ.... އަހަރެން ދާން ވެއްޖެ... !" ދޮރު ކުރިމަތީގައި ހުރި މަފާޒާއި ދިމާއަށް ބަލާވެސްނުލާ ލިޔުޝާ ބުނެލިއެވެ.

"ލިޔުޝާ..! ޕްލީސް....! ނުދޭ... މަޑުކޮށްބަލަ... ! އެހެން ނޫންނަސް މިވެހޭ ބޯވާރޭގަ ކޮންތާކަށް ގޮސް ވަންނާނީ... ! މިރަށުގަ ދާނެތަނެއްވެސް ހުރީކީ ނޫނެއްނު... މަންމަމެންވެސް އެއުޅޭނީ މާލޭގައެއްނު.... ވަރަށް ބޮޑަށް ސޮރީ... ! މަށަށް މާއަވަހަށް ރުޅިގަދަ ކުރެވެނީއޭ... ދެން އަހަރެން ދުވަހަކުވެސް ލިޔުޝާއަކަށް އެއްވެސް އަނިޔާއެއް ނުކުރާނަން.... ޕްލީސް ލިޔުޝާ.. " މަފާޒު. ލިޔުޝާ އަތުގާ ހިފާލަމުން ބުނެލިއެވެ.

"މާފާޒު.. ދޫކޮށްލާ އަހަރެން އަތުން... އަހަންނަށް ވަރަށް ކެތް ކުރެވިއްޖެ.. ނިކަން ދެކިބަލަ މަށަށް ކޮށްލާފަހުރިވަރު... އެންމެ ސުވާލެއް ކޮށްލީމަ.. މީ އެސުވާލުގެ ޖަވާބުތަ.... އަހަރެން އަދިވެސް އަހާލަން ބޭނުން މިރޭ އެ ނަތާޝާއާ އެކީ ތުނިޑިއަށްގޮސް ކުރީ ކީއްތޯ... ؟ އިނގޭ މި ސުވާލުގެ ޖަވާބު އަދިވެސް ލިބުނަސް ލިބޭނީ މިގޮތަށް ހަމަ ހޫނު އެތިފަހަރަކުންކަން... " ލިޔުޝާގެ އޭނާގެ ގައިގެ އެތަންތަން މިތާނގައި ނޫފައިގެންފައިވާ ތަންތަން ދައްކާލަމުން އަސަރާއެކު ބުނިއެވެ.

ލިޔުޝާ، މަފާޒުގެ އަތް ފޮޅުވާލުމަށްފަހު ކޮޓަރިން ނިކުމެ ހިނގައިގަތެވެ.

"ޕްލީޒް ލިޔުޝާ... ލިޔުޝާ ދިޔާމަ އަހަންނަށްވާނެ ގޮތަކާމެދު ވިސްނާލިންތަ... ؟" މަފާޒު މަޑުމަޑުން ބުނެލިއެވެ.

މަފާޒު އެހެން ބުނުމާއެކު ލިޔުޝާ ކުރިއަށް އަޅަމުންދިޔަ ފިޔަވަޅަށް ކޮންމެވެސް ވަރެއްގެ ހުއްޓުމެއް އެރިއެވެ. ނަމަވެސް ފަސްއެނބުރި ބަލާލުމެއްނެތި އަނެއްކާވެސް ކުރިޔަށް ހިނގާގަތެވެ. މަފާޒު، ލިޔުޝާ ހުއްޓުވުމަށްޓަކައި ފަހަތުން ހިނގައިގަތެވެ.

"މިރޭ އަހަރެން ހުއްޓުވަން މަސައްކަތް ނުކުރޭ... އަހަރެން ދެން ބޭނުމެއް ނޫން މަފާޒާއެކު އިތުރަށް އުޅޭކަށް.. އަހަންނަށް ލިބިފަމިވާ އަނިޔާތަކުން އަހަންނަކީ މަފާޒަށް ކިހާ މުހިންމު މީހެއްކަން އެނގިއްޖެ.... މަފާޒަކީ ދުވަހަކުވެސް ބަދަލުވާނެ މީހެއްނޫންކަން މިހާރު އަހަންނަށް ވިސްނިއްޖެ... މަފާޒު އަބަދުވެސް ވިސްނަނީ މަފާޒުގެ އަމިއްލަ ނަފްސާ ދޭތެރޭ....." ފަސްއެނބުރި މަފާޒާ ދިމާއަށް ބަލާލަމުން ލިޔުޝާ ބުނެލިއެވެ.

ހިތުގެ އެދުންތައް ފުރިހަމަ ކޮށްދީ، އެ ހިތުގައި އުފެދޭ ލޯތްބާއި، ޝުޢޫރުތަކަށް އިޙްތިރާމްކުރާ ބައިވެރިއަކު ލިބުމަށް ނޭދޭނީ ކާކުހެއްޔެވެ؟ ކައިވެނީގެ މާތް ގުޅުމުން ލިޔުޝާ، މަފާޒާ ގުޅުނީ މި އުއްމީދުތައް ހަޤީޤަތަކަށް ހެދުމަށެވެ. ލިޔުޝާ އާއި މަފާޒަކީ ކުޑައިރުންސުރެ ވަރަށް އެކުގައި އުޅެމުންއައި ދެކުދިންނެވެ. އަންހެން ކުއްޖަކާއި، ފިރިހެން ކުއްޖެއްގެ ގުޅުމަށް ލޯބީގެ ނަންދީގެން އެކަކު އަނެކަކަށް ޚާއްޞަވަނީ ކީއްވެކަން އޭރު ނޭގުނަސް މި ދެކުދިން ރަށު ސްކޫލްގައި ގްރޭޑް 9 ގައި ކިޔަވަމުންދިޔައިރު އެ ދެކުދިންވެސް ވަނީ ލޯބީގެ ކަނޑަށް ޣަރަގުވެ އެކަކު އަނެކަކު ދެކެ ދީވާނާ ވާވަރަށް ލޯބިވެވިފައެވެ. ލިޔުޝާއަކީ ކިޔެވުމުގެ ގޮތުން ރަށުގައި ގުނާލެވޭފަދަ ތޫނުފިލިކުއްޖެކެވެ. ކުޑައިރުން ފެށިގެން އަބަދުވެސް އިމްތިހާންތަކުގައި އެންމެމަތިން މާރކްސް ހޯދާ ކުއްޖެކެވެ. ނަމަވެސް މިއާއި ޚިލާފަށް މަފާޒަކީ ކިޔެވުމަށް ކޮށި ކުއްޖަކަށްވާތީ، ގްރޭޑްތައް ރިޕީޓްކުރަންޖެހޭ ކުއްޖެކެވެ. އޭގެ ނަތީޖާއަކަށްވީ ރިޕީޓްވަމުން އައިސް ގްރޭޑް 9 އަކުން ސްކޫލުން ވަކިވާންޖެހުމެވެ.

ލިޔުޝާ ހިމެނުނީ އޯލެވެލްގައިވެސް މުޅި ދުނިޔޭންވެސް ފާހަގަކޮށްލެވުނު ދަރިވަރުންގެ ތެރޭގައެވެ. މިކަމާއި ލިޔުޝާގެ މަންމަ ވަރަށް އުފާކުރިއެވެ. ލިޔުޝާގެ މަންމަ ބޭނުންވީ ލިޔުޝާއަށާއި، ލިޔުޝާގެ އިތުރުން ކުޑައަށް ތިބި ތިން ކުދިންނަށް ކިޔަވައިދިނުމަށްޓަކައި މާލެ ބަދަލުވުމަށެވެ. ނަމަވެސް މަފާޒާއި ދުރުގައި ހުންނަން ބޭނުންނުވާތީ، ލިޔުޝާ އެކަމަށް އިންކާރު ކުރިއެވެ.

ލިޔުޝާ ގެއިން ބޭރަށް ނުކުތްއިރު ހިސާބަކަށް ވާރޭ ތުނިކޮށްލާފިއެވެ. ރޭގަނޑުގެ އެވަގުތު ދަބަސް ކޮނޑުގައި އަޅުވާލައިގެން ލިޔުޝާ ހިނގައިގަތެވެ. ދާނެވަކިތަނެއް އޮވެގެނެއްނޫނެވެ. އިސްޖަހާލައިގެން ހިނގަމުންދަނިކޮށް ކޮންމެވެސް މީހަކު ފަހަތުން އައިސް އަތުގައި ހިފުމާއެކު ލިޔުޝާ ދިޔައީ ސިއްސައިގެންނެވެ.

ލިޔު.... މިގަޑީގައި ދަބަސް ހިފައިގެން ކޮންތާކަން..؟ ތަނަކަށް ފުރަނީތަ..؟" ކައިރީގައި ހުރި ޝަމާހާ ބުނެލިއެވެ.

ޝަމާހާއަކީ ލިޔުޝާއާއެކު ސްކޫލްގައި މަސައްކަތްކުރާ ޓީޗަރެކެވެ. ލިޔުޝާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. މަޑުމަޑުން އިސްޖަހާލީ ލޮލުން ފައިބަމުންދާ ކަރުނަތައް ޝަމާހާއަށް ދައްކަން ބޭނުންނުވާތީއެވެ.

"ކިހިނެއްވެފަ މިހިރީ.... ނޭފަތް ކައިރީ މިހިރީ ހަލާކުވެފައެއްނު.. ލޭވެސް އެބައާދޭ....! ލިޔުޝާގެ ނޭފަތް ކައިރީގައި އަތް ޖައްސާލަމުން ޝަމާހާ ކަންބޮޑުވެފައި ބުނެލިއެވެ.

ލިޔުޝާއަށް ރޮވިއްޖެއެވެ. އަދި ޝަހާމާގެ ދެއަތުގައި ހިފާލިއެވެ.

"ހިނގާބަލަ ތިގެއަށް... އަހަރެން މިރޭ ތިގޭގައި ބަހައްޓާދީބަލަ.... " ރޮމުން ރޮމުން ލިޔުޝާ ބުނެލިއެވެ.

"ހިނގާ... އެކަމަކު ކިހިނެއްތަވީ....؟ ހާދަވަރެއްވެފައޭ މިހިރީ...! ލިޔުޝާގެ ގައިގައި ހިފަހައްޓާލާފައި ހިނގައިގަންނަމުން ޝަމާހާ އެހިއެވެ.

"ގެއަށްގޮސް ތިވާހަކަތައް ދައްކާނީ... " ލިޔުޝާ ބޭނުންވީ އަވަހަށް ދާށެވެ.

ޝަމާހާ، ލިޔުޝާ ގޮވައިގެން ގެޔަށްގޮސް ކޮޓަރިއަށް ވެއްދިއެވެ. އަދި ލިޔުޝާއަށް ވެފައިވާ ގޮތާމެދު ސުވާލު ކުރިއެވެ. މިހާތަނަށް އެއްވެސް މީހަކަށް ކިޔާދީފައިނުވާ ލިޔުޝާގެ ދިރިއުޅުން ވަރަށް ސާފުކޮށް ލިޔުޝާ ޝަމާހާއަށް ކިޔައިދިނީ ވަރަށް އަސަރާއެކުގައެވެ.

"ދެން ކިހިނެތް ހަދަން ގަސްތުކުރަނީތި...؟" ލިޔުޝާގެ ވާހަކަތައް އަޑުއެހުމަށްފަހު ޝަމާހާ ކުރީ ސުވާލެކެވެ.

"ދެން އެހެން އެއްވެސް ގޮތެއް ނެތިގެން އެގޭން ނިކުމެގެން މިއައީ... އެކަމަކު ދާނެ ވަކިތަކެއްވެސް ނެތް...! ރަށުގަހުރި ގެގަނޑުވެސް މީހަކު ނޫޅޭތީ އެހެރީ ވީރާނެވެގެން ގޮއްސަ... ! ހިތަށްއަރަނީ މާދަން މަންމަ ކައިރިއަށް މާލެ ދާންވީއޭ.. ! އެކަމަކު މަންމަ ދެން އަހަރެން ޤަބޫލު ކުރާނެ ކަމެއް ނޭނގެ... ! މަންމަމެންނާ ދެކޮޅަށް ކައިވެނިކޮށް، މިވީ 4 ވަރަކަށް އަހަރު ދުވަހުގެތެރޭގައި މަންމަމެންނާ އެއްވެސް ގުޅުމެއް ބޭއްވިފައެއް ނެތް... އެކަމަކު ދެން ނެތް އެނޫން އެއްވެސް ގޮތެއް...!" ލިޔުޝާ ގިސްލަމުން ވާހަކަ ދެއްކިއެވެ.

"މައިވަންތަކަމުގެ ލޯތްބަކީ ވަރަށް މާތްއެއްޗެއް.... ހާލުގަ ޖެހޭދުވަހު އެހީވާން ތިބޭނީ މައިންބަފައިން... އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ... ! ހިނގާ ނިދަން އުޅެމާ.. ވަރަށް ލަސްވެއްޖެ މިހާރު..!" ޝަމާހާ ގަޑިއަށް ބަލާލަމުން ބުނެލިއެވެ.

ޖެހިގެން އައިދުވަހު ހެނދުނު 9 ޖެހިއިރު ފުރި ފެރީގައި ލިޔުޝާ މާލެއައެވެ. ގަޑިން މެންދުރު 1 ޖެހުމަކާއި ގާތްވަނީއެވެ. ހިތާދެކޮޅަށް ނަމަވެސް ކާރަކަށް އަރައިގެން ލިޔުޝާ ދިޔައީ އޭނާގެ މަންމަ މާލޭގައި ދިރިއުޅޭ ގެއަށެވެ. ގެއަށްވަނުމަށްފަހު އެގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިންފަހަރު ޓަކިޖަހާލުމާއެކު ދުރުހުޅުވިއެވެ. ދޮރުހުޅުވީ ލިޔުޝާގެ މަންމަ އާޤިސާ އެވެ.

އެތައް ދުވަހަކަށްފަހު ލިޔުޝާ ފެނުމުން ޢާޤިސާހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލިޔުޝާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނުމުން ހައިރާންވެފައެވެ. ލިޔުޝާގެ އެރީތި މޫނުވަނީ މިލާމޯޅިވެފައެވެ. ހިކި އަނަރޫފަވެފައިވާ ހަށިގަނޑު ފެނުމުން ޢާޤިސާއަށް ވަރަށް އަސަރުކުރިއެވެ. ނަމަވެސް ޢާޤިސާ ބޭނުންވީ އެ އަސަރުތައް ފޮރުވާ ހަމަޖެހިލެވޭތޯއެވެ. ލިޔުޝާ ކަންތައްތައް ކޮށްފައިވާ ގޮތުން ޢާޤިސާހުރީ ހިތްހަމަ ނުޖެހިފައިކަން ލިޔުޝާއަށް ޔަޤީންވިއެވެ. ޢާޤިސާގެ ބެލުމުގައިވަނީ ބީރައްޓެހިކަމެވެ.

"މަންމާ......!" ލިޔުޝާ އަށް ރޮވުނެވެ.

ޢާޤިސާގެ ހިތަށް އަސަރު ކުރިއެވެ. ނަމަވެސް އެކަން ސިއްރުކުރުމަށް ޢާޤިސާ މަސައްކަތް ކުރިއެވެ.

"ބައެއް ޙާލަތްތަކުގައި ދަރިންނަކީ ދުރުހިލޭ މީހުންފަދަ ބައެއް...!" އަނެއްފަރާތަށް އެނބުރިލަމުން ޢާޤިސާ ބުނެލިއެވެ.

މީގެ އެތައް އަހަރެއް ކުރިން ޢާޤިސާ ކުރި ހުރިހާ އާދޭހެއް ބޮލާލާ ޖެހުމަށްފަހު ލިޔުޝާ ދިޔަ ދިޔުމަކީ އެހާހިސާބުން އޭނާގެތިބި ކުދިންގެ ތެރެއިން އެއްކުއްޖަކު ނިމިދިޔުން ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. ލިޔުޝާ ދުވަހަކުވެސް އެނބުރި އަންނާނެކަމަށް ޢާޤިސާ އުއްމީދެއް ނުކުރެއެވެ.

"މަ.... ން..... މާ.......... މަންމާ....! އަހަންނަށް....އަހަންނަށް..... މި....ގޭގަ ހުރެވިދާނެތަ؟" އެދެމެދުގައިވާ ހަމަހިމޭންކަން ފުނޑުފުނޑުކޮށްލީ ލިޔުޝާގެ އަސަރުން ފުރިގެންވީ އަޑެވެ.

ލަދުވެތިކަމުގެ ފަރުދާ ކަހާލުމަށްފަހު އުނދަގުލާއެކުވެސް ލިޔުޝާއަށް މިހެން ބުނަން މަޖުބޫރުވީ ދާނެ އިތުރު ތަނެއް، އަދި ހަދާނެ އިތުރު ގޮތެއް ނެތުމާއެކުގައެވެ.

"ކިހިނެތްވީ...؟ ކޮބާ އެމީހަކާ ދުވަހަކުވެސް ދުރުނުވެވޭނެ ކަމަށްބުނި މަފާޒު....؟ ދެމީހުން ވަރިވީތަ...؟ " ލިޔުޝާކުރި ސުވާލަށް ޖަވާބުދިނުމެއްނެތި، ޢާޤިސާކުރީ ސުވާލެކެވެ.

ލިޔުޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއްނެތި ބޭރުވާން ފެށިއެވެ.

"ނޫން... އަހަރަން އެގެއިން ނުކުމެގެން މިއައީ... މަންމާ... އަހަންނަން މާފުކުރޭ... !" އާދޭހުގެ ބެލުމަކާއެކު ލިޔުޝާ ބުނެލިއެވެ.

"މަފާޒަކީ ކިޔަވައިގެންހުރި މީހެއްނޫން.........." އެހެންވެ އޭނައާ ނީންނާށޭ އޭރުވެސް ބުނީ.... ވަޒީފާއެއްގަ އުޅޭނަމަތާ އަންބަކު ބެލޭނީވެސް... ވަދޭ ގޭތެރެއަށް.... " ޢާޤިސާ، ލިޔުޝާދެކެ ކިތަންމެ ރުޅި އައިސްފައިހުރި ނަމަވެސް އޭނާގެ ހިތުގައި އެވަގުތު އުފެދުނީ މައިވަންތަކަމުގެ ލޯތްބާއި ކުލުނެވެ.

ގޭތެރެއަށް ވަނުމަށްފަހު ކަންތައް ހިނގިގޮތް ލިޔުޝާ ޢާޤިސާ އަށް ކިޔައިދިނެވެ.

"ބުނަން ލިޔުޝާ...." މަފާޒަކީ އަތުން ފައިން މަސައްކަތެއްކުރާ މީހެއްނޫން... އެކަކު ކައިރިން އަނެކަކު ކައިރިން ދުވާމީހެއް.... އެހެންވެ އޭނައާ ނީންނާށޭ ބުނީ.... އެކަމަކު އެއަޑު ނާހާ އޭނަގެ ފަހަތުން ދިޔައިމަ ވީގޮތް... މަންމަ މީ މަންމަ ނޫން ކަމަށް ޢާއިލާގެ މީހުން މީ އާއިލާގެ މީހުން ނޫންކަމަށް މަފާޒާ ކައިވެނިކުރީ..... މިހާރު ތިހިރީ އެގޯސްވެސް ހެދިފަ.... ދެން ދެމީހުންގެ ދެމެދުގަ މައްސަލައެއް ޖެހޭއިރަށް ތިހެން ގެއިން ނުކުމެގެން އަންނަޖެހޭތަ..... ކިހިނެތް މި ކުޑަ ތަންކޮޅުގަ އުޅޭނީ... މިގޭގަ މިހުންނަކީ އެންމެ ތިން ކޮޓަރި.... އެއްކޮޓަރީގަ މި އުޅެނީ މަންމައާއި ބޭބެ... އަނެއް ކޮޓަރީގަ ކޮއްކޮމެން... މަންމަ ފައިސާހޯދަން ކުރާ މަސައްކަތަކީ ކިޔަވާކުދިން ބޭތިއްބުން... ދެން ހުރި ކޮޓަރީގައި ތިބޭނީ ކިޔަވަން ބައިތިއްބާފަ ތިބޭ ތިން ކުދިން..... " ޢާޤިސާ އޭނާގެ ހާލަތު ކިޔައިދިނެވެ.

"މަންމާ... އަހަންނަށް މަޢާފު ކުރޭ... އަހަރެން ދެން ރަށަކަށް ނުދާނަން... މަފާޒާއެކީ އުޅޭކަށް ބޭނުމެއްނޫން... ކޮންމެ ހާލެއްގައި ވިޔަސް އަހަރެން މަންމަ ކައިރީގައި ބަހައްޓާދީ.... ދެން ދުވަހަކުވެސް މަންމަ ދެރަވާވަރު ކަމެއް އަހަރެން ނުކުރާނަން... މަންމަ ލޯބިވާ ކަހަލަ ރަނގަޅު ކުއްޖަކަށްވާނަން... ޕްލީޒް މަންމާ.... އަހަންނަށް މަޢާފު ކުރޭ.... " ލިޔުޝާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"މިކޮޓަރީގައި ތިބޭނީ ކޮއްކޮމެން.... މިކޮޓަރިއަށް ވަދޭ...!:" ކުރިމަތީގައހުރި ކޮޓަރި ދައްކާލަމުން ޢާޤިސާ ބުނެލިއެވެ.

ޢާޤިސާ މާލެއަށް ބަދަލުވީ ކުދިންނަށް ކިޔަވައިދިނުމަށެވެ. ފިރިމީހާ މަރުވުމާގުޅިގެން އޭރު އެހީތެރިވަމުން ގެންދިޔައީ ފިރިމީހާގެ ޢާއިލާގެ ބޮޑުބޭބެއެވެ. ނަމަވެސް ބޮޑުބޭބެގެ ޢާއިލާއަކީވެސް ބޮޑު ޢާއިލާއަކަށްވާތީ، އާންމުދަނީ ހޯދުމަށްޓަކައި ޢާޤިސާ އޭރުވެސް ރަށުގައި ތަފާތު މަސައްކަތްތައް ކުރަމުން ގެންދިޔައެވެ. މިގޮތުން އެކަށީގެންވާ ވަރަށް ލާރިކޮޅެއް އެއްވެފައިވާތީ، ޢާޤިސާ ގަސްދުކުރީ މާލެއަށް ބަދަލުވުމަށެވެ. އޭރު ލިޔުޝާވަނީ މަފާޒާ ކައިވެނިކޮށްގެން މަފާޒުމެންގެއަށް ބަދަލުވެފައެވެ. ލިޔުޝާ މަފާޒާ ކައިވެނި ކުރުމަކީ ޢާޤިސާ ގަބޫލުކަމަށް ނުވާތީ، ޢާޤިސާއަކީ މަންމަ ނޫން ކަމަށް ބުނެ ލިޔުޝާ މަފާޒާ ކައިވެނިކޮށްގެންދިޔަ ދުވަހަކީ ޢާޤިސާ އެންމެ ހިތުގައި ޖެހުނު އެއްދުވަހެވެ. ޢާޤިސާ މާލެއައިސް ކައިވެންޏެއް ކުރިއެވެ. ޢާޤިސާގެ ފިރިމީހާ ރަމީޒަކީވެސް މާލޭ މީހަކަށް ނުވާތީ، ދެމީހުން ކައިވެނިކޮށްގެން އުޅެންފެށީ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ.

ލިޔުޝާ ގެއިން ނުކުމެން މާލެ ދިޔުމާއެކު ފުރަތަމަ ފަހަރަށް މަފާޒު ލިޔުޝާއާއި މެދު ވިސްނާލިއެވެ. ފޫހިކަމާއެކު އެދުގައި އޮށޯވެލައިގެން މަފާޒު އޮތެވެ. ލިޔުޝާ ދިޔުމާއެކު މަފާޒު އެކަނިވެރިވާން ފެށިއެވެ. ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނެތުމާއެކުގައެވެ. މަފާޒަކީ ވަޒީފާއެއް އަދާކުރާ މީހަކަށް ނުވާތީ، އޭނާގެ ހުރިހާ ޚަރަދުތަކެއް ހަމަޖައްސަމުން ގެންދިޔައީ ލިޔުޝާ މަސައްކަތްކޮށްގެން ހޯދާފައިސާއިންނެވެ. މަފާޒު ގަސްދުކުރީ ލިޔުޝާ ހޯދުމަށްޓަކައި މާލެ ދިއުމަށެވެ. ލިޔުޝާ ނެތިއްޔާ ފައިސާއެއްލިބޭނެ އެއްވެސް ގޮތެއް ނޯންނާތީއެވެ. މަފާޒު އެރޭ ނިދީ އަނެއްދުވަހު ހެނދުނު ފުރާ ފެރީން މާލެ ދިއުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ.

ރޭގަނޑުގެ ވަގުތެވެ. ބިންމަތީގައި އަޅާފައިއޮތް ގޮދަޑިމަތީ އުއްޑުން ފަންކާއަށް ބަލަހައްޓައިގެން އޮތް ލިޔުޝާއަށް އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ކޮއްކޮމެން ތިބީ ކޮޓަރީގައި ނިދާފައެވެ. އެހެން އޮތުމަށްފަހު ލިޔުޝާ ތެދުވީ ފެންފޮދެއްބޯލުމަށެވެ. ކޮޓަރިން ނިކުމެގެން ބަދިގެއަށްވަދެ ފެންފޮދެއް ބޯލުމަށްފަހު ލިޔުޝާ އައިސް ސިޓިން ރޫމުގައި އިށީނީ އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބޭތޯއެވެ. ކުޑައިރުކޮޅެއް ތެރޭގައި އޭނާއަށް އިވުނީ މަންމަގެ ކޮޓަރިން ވާހަކަ ދައްކާއަޑެވެ.

"އަކަމަކުވެސް ހެޔޮ... ލިޔުޝާ މިގޭގައި ބަހައްޓާކަށް މަށެއް ޤަބޫލެއްނޫން.... " އެއިވުނީ ލިޔުޝާގެ ދޮންބައްޕަ ރަމީޒުގެ އަޑެވެ.

"އެކީއްވެ....؟ އޭނަދެން މާލޭގައި ދާނެ ތަނެއްވެސް ނެތެއްނު....! ޢާޤިސާ މަސައްކަތްކުރީ ރަމީޒަށް ވިސްނާ ދެވޭތޯއެވެ.

"ތިން ފިރިހެން ކުދިން ނިދާކޮޓަރިއެކޭ އެއީ.... އެކުދިން މިހާރު އެދަނީ ބޮޑެތިވަމުން... ބޮޑުވަމުންދާ ފިރިހެން ކުދިންތަނެއް ނިދާ ކޮޓަރިއެއްގައި އަންހެން ކުއްޖަކު ނިދާކަށް އެކުދިންވެސް ހިތްހަމައެއް ނުޖެހޭނެއެއްނު... " ދައްތައެއްވީމާ ނުބެނެ ތިބެދާނެ.. އެކަމު ރަނގަޅު ގޮތެއް ނޫނެއްނު އެއީ...." ރަމީޒުވެސް ވާހަކަ ދެއްކީ ޢާޤިސާއަށް ވިސްނާ ދެވޭތޯއެވެ.

"އަހަރެން މާދަން ލިޔުޝާއާ ވާހަކަ ދައްކާނަން.. ދެން އޮންނާނެ ގޮތަކީ އޭނަ ރަށަށް ދިއުން.... މާލޭގަ ހުންނާނެ ތަނެއް ނޯންނާނެ... " ޢާޤިސާ މިހެންބުނީ އަސަރާއެކުގައެވެ.

ޢާޤިސާ އާއި ރަމީޒުގެ ވާހަކަތައް އަޑުއަހާނެ ހިތްވަރެއް ލިޔުޝާއަކަށް ނުލިބުނެވެ. މިގެއިންވެސް ޖާގައެއް ލިބެންނެތީއެވެ. މަޔެއްގެ ހިތުގައި ޖެއްސުމުގެ ހިތި އިޙްސާސް މިހާރު ލިޔުޝާއަށް ވާން ފަށައިފިއެވެ. ލިޔުޝާ ހަދާނެގޮތް ހުސްވެގެން މަޑުމަޑުން ހިނގާފައި ކޮޓަރިއަށް ވަނެއެވެ. އެނބުރި ރަށަށް ދާކަށް ލިޔުޝާ ބޭނުމެއްނޫނެވެ. ޚާއްޞަކޮށް މަފާޒާއެކު ދިރިއުޅޭކަށް ލިޔުޝާ ދެން ބޭނުމެއް ނޫނެވެ. ލިޔުޝާވަނީ މަފާޒާއެކު ދިރިއުޅެވޭތޯ ވަރަށް ގިނަ ދުވަހު ކެތްކޮށްފައެވެ. ކޮޓަރިއަށް ވަނުމަށްފަހު މޭޒުކައިރީ އިށީނދެ ލިޔުޝާ ނޯޓުފޮތް ނަގައިގެން ކޮންމެސް އެއްޗެއް ލިޔަން ފެށުމާއެކު މުޅި ކޮޓަރި އެނބުރޭހެން އިޙްސާސް ކުރެވުނެވެ. މުޅިމީހާވަނީ ދާހިތްލާ ފޯވެފައެވެ. ބޮލަށް އެނބުރުން އަރާކަހަލަ ގޮތެއްވާން ފެށުމުން ނޯޓްފޮތް ދަބަހަށްލުމަށްފަހު ދަބަސް ހިފައިގެން ލިޔުޝާ ނިކުތީ ބޭރަށެވެ. ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. މަގުމައްޗަށް ނިކުމެ ހިނގާގަތެވެ. ދެވޭ ނުދެވޭ ތަނެއް ނޭނގިއެވެ. އޭރު ލިޔުޝާގެ ހިތުތެރޭން އިވެމުންދަނީ މިރޭ ޢާޤިސާ އާއި އޭނާގެ ދޮންބައްޕަ ރަމީޒުގެ ވާހަކަ ތަކެވެ. އެއީ ދަންވަރުގެ ވަގުތު ކަމުން އެވަގުތަކީ މަގުމަތީ ވަރަށް މީހުންމަދު ވަގުތެވެ. ހިނގަމުން ހިނގަމުން ގޮސް ލިޔުޝާއަށް ނިކުމެވުނީ މަޖީދީމަގުން އާޓިފިޝަލް ބީޗާ ދިމާއަށެވެ. އެވަގުތު ބޮލަށް އެބުރުން އަރާހެން ހީވާތީ އާޓިފިޝަލް ބީޗުން ގޮނޑިއެއްގައި އިށީނުމަށްޓަކައި ލިޔުޝާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެވަގުތު ވީނުވީއެއް ލިޔުޝާއަކަށް ނޭނގުނެވެ.

މަފާޒު އޮތީ ރަށުން މާލެއަންނަ ފެރީގެ މަތީބައިގައި އޮށޯވެލައިގެންނެވެ. ފެރީ މާލޭގެ ފަޅުތެރެއަށް ވަންނަމުންދިޔައިރު މާލޭގެ ކާރޫބާރޫ ބޮޑު، ބޮޑުތަކުރުފާނުމަގުގައި ކާރުތަކާއި ލޮރީތަކާއި ސައިކަލްތައް ކޮޅުކޮޅަށް ދުއްވާތަން ފެނެއެވެ. އެވަގުތު މަފާޒުގެ ފޯނު ރިންގ ވާން ފެށިއެވެ. މަފާޒު ފޯނަށް ބަލާލިއެވެ. ޢާސިމްގެ ކޯލެކެވެ. ޢާސިމްއަކީ މަފާޒުގެ ގާތް ރައްޓެއްސެވެ.

"ހެލޯ... !" މަފާޒު ފޯނު ނެގުމަށްފަހު ބުނެލިއެވެ.

"މަފާޒު ކޮންތާކު ތިއުޅެނީ........" ހާސްވެފައިވާ އަޑަކުން ޢާސިމް ބުނެލިއެވެ.

"އައްދެ...! ހާދަ ހާސްވެފައި.... ކަމެއްދަމެއް ގޯސްވީތަ... މަ މާލެ އަރަނީޔޭ މިހަމަ....!" މަފާޒު މަޖާ ރާގަކަށް ބުނެލިއެވެ.

"އެހެންތަ...؟ އަވަހަށް އާދެބަލަ އޭޑީކޭ ހޮސްޕިޓަލްގެ އެމެޖެންސީ ރޫމް ކައިރަށް.... " ހާސްކަމާއެކު ޢާސިމް ބުނެލިއެވެ.

"ހާދަ ހާސްވެފަ...؟ ކިހިނެތްވީ....؟" މަފާޒު ސުވާލު ކުރިއެވެ.

"އަވަހަށް އާދެބަލަ... !" ޢާސިމް ފޯނު ކަނޑާލިއެވެ.

ވީގޮތެއް ނޭގުނަސް ފެރީން ފޭބުމާއެކު މަފާޒު އަވަސްވެގަތީ އޭޑީކޭ ހޮސްޕިޓަލާ ދިމާއަށް ދިއުމަށެވެ. މަފާޒު ހަލުވިކަމާއެކު އެމެޖެންސީ ރޫމާދިމާއަށް ދިޔައިރު އެމެޖެންސީ ރޫމް ކުރިމަތީގައި ލިޔުޝާގެ މަންމަ ޢާޤިސާ ހުއްޓާ ފެނުނެވެ. ޢާޤިސާ ހުރީ މަފާޒާއި ދިމާއަށް ބަލާށެވެ. މޫނުމަތީގައިވަނީ ނަފްރަތެވެ. މަފާޒަށް އިސްޖަހާލެވުނެވެ. އެވަގުތު އެތެރެއިން ނިކުތީ ޢާސިމެވެ.

"ޑޮކްޓަރ ވިދާޅުވި މިހާރު އެތެރެއަށް ވަނަސް އެންމެ ރަނގަޅު ކަމަށް... " ޢާސިމް، ޢާޤިސާއާއި ދިމާއަށް ބަލާލުމަށްފަހު މަޑުމަޑުން ބުނެލިއެވެ.

"ކިހިނެތްތަވީ........ ؟" އެމެޖެންސީ ރޫމަށް ވަދެގެންދިޔަ ޢާޤިސާއަށް ބަލަންހުރެ މަފާޒު ބުނެލިއެވެ.

"ނޭނގެ..... ! ލިޔުޝާ ވެއްޓިފަ އޮއްވަ ފެނުނީ... " ޢާސިމްގެ މޫނުމަތީގައިވަނީ ނުތަނަވަސް ކަމެވެ.

"އޭން... ވެއްޓުނީއޭ..... ކޮންތާކަށް.... ކިހިނެތްވީ... ؟" މަފާޒު އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

"ނޭނގެ މަށަކަށްވެސް... ! އަހަރެންވެސް އާޓިފިޝަލް ބީޗް ކައިރިން ދިޔައިރު މާ މީހުން ގިނަވެގެން އުޅޭތި ވީ ގޮތެއް ބަލާލަން މަޑުކުރީ... ! އޭރު ބަޔަކު ލިޔުޝާ ނަގައިގެން އެތާ ގޮނޑިއެއްގަ ބާއްވާފައޮތީ.. ޚަބަރު ހުސްވެފަ އޮތީ... އަހަރެން ހޮސްޕިޓަލަށް ގެނައީ... !" ޢާސިމް ބުނެލިއެވެ.

މަފާޒު އިސްދަށަށް ޖަހާލިއެވެ.

"ލިޔުޝާ އެކަނި ދަންވަރު އެތަނަށް ދިޔައީ ކީއްކުރަންތަ.. ؟ ތި ދެމީހުން މައްސަލައެއް ޖެހުނީތަ... ؟ މަފާޒުގެ މޫނަށް ބަލާލަމުން ޢާސިމް އެހިއެވެ.

މި ސުވާލަށްދޭނެ ޖަވާބެއް މަފާޒަކަށް ނޭގުނެވެ. އެވަގުތު މަފާޒަށް ފެނުނީ އެމެޖެންސީ ރޫމްގެ ތެރެއިން ރޮމުން ރޮމުން ނިކުތް ޢާޤިސާއެވެ.

"އަހަރެން ބޭނުން ލިޔުޝާ އާއި ބައްދަލު ކުރަން.. !" މަފާޒު ލޮލުން ފައިބަމުންދިޔަ ކަރުނަ ފޮހެލަމުން އަސަރާއެކު ބުނެލިއެވެ.

"އެތެރެއަށް ވަންނައިރު ވާތްފަރާތުގައި ތިންވަނަ އެނދުގަ" އެމެޖެންސީ ރޫމަށް ވަންނަ ފާސް ޖީބުން ނަގާ ދިއްކޮށްލަމުން އާސިމް ބުނެލިއެވެ.

މަޑުމަޑުން ހިނގާފައިގޮސް ލިޔުޝާ ބާއްވާފައިވާ އެނދުކައިރިއަށް މަފާޒު ހުއްޓުނެވެ. ލިޔުޝާގެ މޫނު ފިޔަވައި މުޅިހަށިގަނޑުވަނީ ހުދުފޮތިގަނޑަކުން ނިވާކޮށްފައެވެ. އޮކްސިޖަން ގުޅާފައިވާއިރު ލިޔުޝާގެ ހަށިގަނޑަށް ތަފާތު މެޝިންތައް ގުޅާފައިވެއެވެ. މޫނުމައްޗަށް ލިބިފައިވާ އަނިޔާ ތަކުން މޫނުގެ ކުލަވަރުވަނީ މިލާމޯޅިވެފައެވެ. މަފާޒުގެ ލޮލުން ކަރުނަ ފައިބާގަތެވެ. ލިޔުޝާގެ މޫނުމަތިން ފެންނަން އެހެރީ މަފާޒުގެ ފަރާތުން ލިޔުޝާއަށް ލިބިފައިވާ އަނިޔާކަން މަފާޒަށް އެނގެއެވެ.

"ލިޔު..... ! ކިހިނެތްވީ؟" ޚަބަރު ހުސް ވެފައިވާ ލިޔުޝާގެ ބޮލުގައި އަތް ޖައްސާލަމުން މަފާޒު ބުނެލިއެވެ.

މަފާޒުގެ އަތް ލިޔުޝާގެ ބޮލުޖެހުމާއެކު ލިޔުޝާ ފުންނޭވާއެއްލީ ކަމުގެ އިޙްސާސް މަފާޒަށް ކުރެވުނެވެ. އެވަގުތު ލިޔުޝާގެ ހިތުގެ ވިންދު ވަރަށްބޮޑަށް އަވަސްވެގެން ދިޔަތަން މެޝިނުން ފެންނަމުން ދިޔައެވެ. ކުއްލިއަކަށް ދެ ނަރުހަކާއި ޑޮކްޓަރަކު އައިސް ލިޔުޝާއަށް ފަރުވާދޭން މަސައްކަތް ފަށާއިފިއެވެ.

"ލިޔުޝާގެ ހާލުވަރަށް ސީރިއަސްވެއްޖެ.... ! އަޅުގަނޑުމެން ވަކިއެއްޗެއް ދަންނަވާލަންދެން ބޭރުގަ މަޑުކޮށްލައްވާ.." މަފާޒަށް އިޝާރަތްކޮށް ނަރުހަކު މަޑުމަޑުން ބުނެލިއެވެ.

މަފާޒު އިސްޖަހާލުމަށްފަހު އެމެޖެންސީ ރޫމުން މަޑުމަޑުން ބޭރަށް ނިކުތެވެ. ލިޔުޝާގެ ހާލު އިތުރަށް ގޯސްވެފައިވާތީ، އެވަގުތު އައިސީޔޫއަށް ބަދަލުކުރެވުނެވެ.

"މިއޮތީ ލިޔުޝާގެ ހޭންޑްބޭގް...!" އައިސީޔޫ ކައިރީ އިސްޖަހާލައިގެން އިން މަފާޒާއި ދިމާއަށް ހޭންޑްބޭގް ދިއްކޮށްލަމުން އާސިމް ބުނެލިއެވެ.

ވަގުތު ފާއިތުވަމުން ދިޔައެވެ. ފާއިތުވަމުން ދިޔަ ކޮންމެ ވަގުތުކޮޅަކާއެކު މަފާޒަށް ލިޔުޝާ ގެއްލިދާނެކަމުގެ ބިރު ހީވަމުންދިޔައެވެ. ގޮތް ހުސްވެ މާޔޫސްވެފައިވާ މަފާޒު، ލިޔުޝާގެ ހޭންޑްބޭގަށް ބަލާލިއެވެ. ބޭގް ޒިބު ކޮންމެވެސް ވަރަށް ނެއްޓިފައިވާތީ، ބޭގް ތެރޭގައި އޮތްކުޑަކުޑަ ނޯޓްފޮތެއް މަފާޒުގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އެނޯޓުފޮތް ނަގާ ހުޅުވާލިއެވެ. ލިޔުޝާގެ ރީތިރީތި ލިޔުމުން ލިޔެފައިވެއެވެ.

"ދިރިއުޅުމާދޭތެރޭ އަހަރެންކުރި ހުރިހާ ފޮނިފޮނި އުއްމީދުތައް ވިއްސިވިހާލިވެގެން ދިޔައީއެވެ. އަހަރެން މަފާޒާއި ކައިވެނިކުރީ ވަރަށް ލޯބިންނެވެ. ޢާއިލާގެ ނުގަބޫލުގައެވެ. މަފާޒަކީ އަހަރެން އެންމެ ލޯބިވި މީހާއެވެ. މަންމަ ދިން ނަސޭހަތް ޤަބޫލުނުކޮށް މަފާޒުގެ ކިބައިން ލޯބި ލިބޭނެކަމަށް އުއްމީދުކުރުން އެއީ އަހަންނަށް ހެދުނު އެންމެބޮޑު އެއްގޯހެވެ. އެކަން ކުރިން އެނގުނުނަމަ ޢިޝްޤީ ލޯބީގެ މައްޗަށް މައިވަންތަކަމުގެ ލޯބި އަހަރެން ހޯދީމުހެވެ. މަފާޒުގެ ކިބައިން ރަނގަޅު ސިފަތަކެއް ފެންނާނެ ކަމަށް އުއްމީދުކޮށްކޮށް އަހަރެން މުޅިން ވަރުބަލިވެއްޖެއެވެ. އަހަންނަކީ އެކަނިވެރިއެކެވެ. ލޯބިން ވާހަކަ ދައްކާލާނެ މީހަކުވެސް ނެތެވެ. މަފާޒު އެއްވެސް މަސައްކަތް ނުކުރާއިރު ދުވާލުދާ ހަތަރުދަމު އެތައް މަސައްކަތެއް ކޮށްގެން އަހަރެން ހޯދާލާރިކޮޅު އެހެން އަންހެން ކުދިންނަށް މަފާޒު ޚަރަދު ކުރަނީ އަހަންނަށް ކޮންކަމެއް ނުކޮށްދެވޭތީ ހެއްޔެވެ. އެކަމާ އެއްޗެކޭ ބުނާއިރަށް އަބަދު އަހަންނަށް އަނިޔާ ކުރަނީ ކީއްވެހެއްޔެވެ. އަހަންނާ ދޭތެރޭ މަފާޒުގެ ހިތުގައި އެއްވެސް ކުލުނެތް ނެތީ ކީއްވެބާއެވެ. މަފާޒަށް ވިސްނައިދެވޭތޯ އަހަރެން ނުކުރަނީ ކޮން މަސައްކަތެއްހެއްޔެވެ... ؟ "

އެލިޔުންކޮޅު ކިޔާނިމުމުން މަފާޒު އޭނާގެ އަމިއްލަ ދިރިއުޅުމާމެދު ވިސްނާލިއެވެ. ތެދެކެވެ. މިހުރިހާ ދުވަހު އޭނާ ލިޔުޝާ ބޭނުންކުރަމުން ގެންދިޔައީ ލާރިޖަހާ މެޝިނެއްގެ ގޮތުގައެވެ. އޭނާ އަންހެން ކުދިންނަށް ޚަރަދު ކުރަމުން ގެންދިޔައީ ލިޔުޝާ މަސައްކަތްކޮށްގެން ހޯދާ ލާރިންނެވެ. ރައްޓެހިންނާއެކު ކޮފީތަކަށްގޮސް މަޖާކުރަމުން ގެންދިޔައީ ލިޔުޝާ ގުދާރު ބިންދައިގެން މަސައްކަތް ކޮށްގެން ހޯދާ ފައިސާއިންނެވެ. ލިޔުޝާ އޭނާއަށް ވިސްނައިދޭން ކިހާ މަސައްކަތެއް ކުރިހެއްޔެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ލިޔުޝާއަށް އޭގެ ބަދަލު ލިބެމުންދިޔައީ އޭނާގެ ގޮއްމުށުގެ ބާރެވެ.

ނޯޓުފޮތުގެ އެހެން ގަނޑެއްގައި ލިޔެފައިވެއެވެ.

"އަހަރެން މިއަދު ވަންނާނެ ބޯހިޔާވަހި ކަމެއް ނެތެވެ. މަންމަ ކައިރިއަށް އައީ މަންމަގެ ފަރާތުން އެހީތެރިކަމެއް ލިބޭތޯއެވެ. ނަމަވެސް މަންމައާއި އަދި މުޅި އާއިލާއަށްވެސް އަހަރެންގެ ފަރާތުން ލިބުނު ހިތްދަތިކަމާއި ހިތާމައަކީ ދުވަހަކުވެސް އަހަންނަށް މަޢާފު ނުލިބޭނެ ކަމެއްކަން އަހަންނަށް އެނގެއެވެ. މަންމައެއްގެ ލޯތްބަކީ ވަރަށް މުހިންމު އެއްޗެއްކަން މިއަދު އަހަންނަށް އިޙްސާސް ކުރެއެވެ. މަންމަގެ ހިތުގަ ޖައްސާފަ އެއްވެސް މީހަކަށް އުފަލެއް ނުލިބޭނެއެވެ. އަހަންނަކީ މިއަދު އެކަހަލަ މީހެކެވެ. ކުރާނެ ކަމެއްނެތެވެ. ޢިޝްޤީ ލޯތްބެއްގެ ބޭނުމުގައި މައިވަންތަ ކަމުގެ މަތިވެރި ލޯބި އަހަންނަށް ދޫކޮށްލެވުނީއެވެ. އަހަރެން މަންމަ ކައިރީގައި ހުންނާކަށް ބޭބެ ޤަބޫލެއް ނޫނެވެ. މިއީ އަހަންނަށް ލިބުން ހައްޤު އަދަބެކެވެ. އަހަރެންގެ ކުށުގެ ސަޒާ އެވެ. އެކަމަކުވެސް އަހަރެން ހިތުގައި އެއްވެސް މީހަކަށް ނަފުރަތު ކަމެއް ނެތެވެ. ހިތް ސާފެވެ. ނޫނެކެވެ. އެކަމަކު މަފާޒު ފިޔަވައެވެ. އަހަންނަށް ދުވަހަކުވެސް މަފާޒަކަށް މަޢާފެއް ނުކުރެވޭނެއެވެ."

އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ނަރުހަކު ބޭރަށް ނިކުތީ އެވަގުތެވެ.

"ލިޔުޝާގެ ޢާއިލާގެ މީހަކު އެބައިންތަ... ؟ ނަރުސް ކުއްޖާ ސުވާލު ކުރިއެވެ.

އެވަގުތު ޢާޤިސާ އާއި، މަފާޒު އަދި އާސިމްވެސް ތެދުވެގެން ބާރަށް ހިނގާފައި ނަރުސް ކުއްޖާ ކައިރިއަށް ދިޔައެވެ.

"ލައްބަ.... ! އަޅުގަނޑުމީ ލިޔުޝާ މަންމަ... !" ހާސްވެފައި ޢާޤިސާ ބުނެލިއެވެ.

"ލިޔުޝާ ނިޔާވެއްޖެ.........! މޫނު ބަލައިލަން އެތެރެއަށް ވަދޭ.... !" އާޤިސާގެ ކޮނޑުގައި ހިފަހައްޓާލަމުން ނަރުސް ކުއްޖާ ބުނެލިއެވެ.

ޢާޤިސާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ.

"ނޫން... ! ނޫން... ! މަގޭ ދަ... ރި... ފު... ޅު... "

ޢާޤިސާ ޚަބަރު ހުސްވެގެން ވެއްޓުނެވެ. އެވަގުތު މަފާޒުގެ މޫނުމައްޗަށްވެސް އަދިވެގެން އަރިއަޅައިލިއެވެ. ނަމަވެސް އާސިމް ފަރުވާތެރިކަމާއެކު މަފާޒު ހިފަހައްޓާލިއެވެ...

"ހިނގާ މަޑުމަޑުން އެތެރެއަށް... ! ލިޔުޝާގެ މޫނު ދެކިލަން... " މަފާޒު ގައިގައި ހިފަހައްޓާލަމުން އާސިމް ބުނެލިއެވެ.

"އާސިމް... ކިހިނެތް އަހަރެން ލިޔުޝާއާނުލާ އުޅޭނީ... އަހަރެން ދިރިހުރުމުގެ އުއްމީދަކީ ކޮބާ؟ ލިޔުޝާ ހާދަ ކެތްކޮށްފިއޭ... ކީއްވެ ކުރިން އަހަރަންނަށް ނުވިސްނުނީ... " މަފާޒު ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"ދެންކުރާނެ ކަމެއް ނެތް... އޮތް ގޮތަކީ ލިޔުޝާއަށް ހެޔޮ ދުޢާ ކުރުން.. " އާޞިމް ބުނެލިއެވެ.

ލިޔުޝާގެ ކަށުކަމާކެމީގެ ހުރިހާ ކަމެއް ނިމުމުން އެދުވަހު މަފާޒު ދިޔައީ އާސިމް އާއެކު އާސިމްގެ ގެއަށެވެ.

"ދޭ ކުޑަކޮށް ހަމަޖެހޭތޯ ކޮޓަރީގައި އޮށޯވެލަން... ! މާދަން ރަށަށްދާނީ ދެން... " އާސިމް ބުނެލިއެވެ.

މަފާޒު ކޮޓަރިއަށްވަދެ އެދުގައި އޮށޯތެވެ. ނަމަވެސް އެއްގޮތަކަށް މަފާޒަށް ހަމަޖެހުމެއް ނުލިބުނެވެ. މަފާޒު ބޭނުންވީ އަނެއްކާވެސް ލިޔުޝާގެ ނޯޓުފޮތުން ޞަފްޙާއެއް ކިޔާލުމަށެވެ. އެފޮތް ނަގާ މަޑުމަޑުން ހުޅުވާލިއެވެ.

"ކޮންމެ ރެޔަކު އަހަރެން ރޯ ރުއިން މަފާޒަށް ނުފެންނަނީބާއެވެ. ނޫނީފެންނަން ބޭނުންނުވަނީ ބާއެވެ. ކޮންމެ ރެޔަކު އަހަންނަށްކުރާ އަނިޔާއަށް އަހަރެން ހަމަ ކެތް ކުރަންވީބާއެވެ. އެންމެފަހުން އަހަންނަށް ދިން އަނިޔާގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް ވަމުންދާގޮތް މަފާޒަށް ނުފެންނަނީބާއެވެ. އިންސާނަކަށް ކެތްކުރެވޭނީވެސް ކޮންމެވެސް ވަރަކަށެވެ. މިކަންކަން ހަނދާން ނައްތާލުމަކީ ދުވަހަކުވެސް އަހަންނަށް ވާނެ ކަމެއް ނޫނެވެ. އަހަންނަށް އެހީތެރިވާނީ ދެން ކާކު ހެއްޔެވެ.؟"

ލިޔުޝާގެ ހިތްދަތިކަމުގެ އެ ސަފްޙާތައް ކިޔަމުންދިޔައިރު މަފާޒުގެ ލޯ މަޑުމަޑުން ލެއްޕެމުންދިޔައެވެ. މަފާޒު ފޮތް ބާއްވާލުމަށްފަހު ފުން ނޭވާއެއް ނިލިޔެވެ. އަދި ހިތާހިތާ ބުނެލިއެވެ. އަހަންނަށް މަޢާފު ކުރާށެވެ. އަހަންނަށް ނުވިސްނުނީއެވެ...!

_________________________________

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ީހިޔާލު

  ބޮަޑު ގުޅަ ވައްތަރު ހުންނަނީ...

  1
  6
 2. ބޮޑުވަރު

  ބަލަ އައްބީއޭކޭ ބައްބީއެކޭ ލިޔެގެން ކާކުކަން އެނގޭތަ؟؟؟

  2
  2
 3. ޝިފޫ

  ވަރަށް ރީތި ވާހަކައެއް..... ލިޔުން ތެރިޔާގެ އިތުރު ވާހަކައަށް އިންތިޒާރް ކުރަން.