އެމެރިކާގެ އިރުއިތުރުގައި އޮންނަ "މެއިން" ސްޓޭޓުގެ ރަށެއްގައި 90 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަންހެނަކު ވިހައިފިއެވެ.

މީގެ ދެ ވަރަކަށް ހަފްތާ ކުރިން "ލިޓްލް ކްރޭންބެރީ އައިލޭންޑް" ނަމަކަށް ކިޔާ އެރަށުގައި ވިހެއި ކުއްޖާއަށް ގިނަ ބައެއްގެ ސަމާލުކަން މިހާރު ލިބިފައި ވާއިރު، އޭނާގެ މައިންބަފައިން ބުނެފައިވަނީ ދަރިފުޅު ވިހެއުމަށް ދާން ހަމަޖެހިފައި އޮތީ އެހެން ރަށަކަށް ކަމަށާއި، ނަމަވެސް ކުއްލިއަކަށް ވިހަން ޖެހުމުން ގޭގައި ވިހެއީ ކަމަށެވެ.

"ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔައީ. ކުއްޖާ އާއި ކުއްޖާގެ މަންމަގެ ހާލުވެސް ރަނގަޅު،" އެ އާއިލާގެ މީހަކު ނޫސްތަކުގައި ބުނެފައި ވެއެވެ.

އެކުއްޖާގެ މައިންބަފައިން ބުނެފައިވާ ގޮތުން އެއީ އެހައި ގިނަ އަހަރުތަކަށް ފަހު ރަށުގައި ވިހެއި ކުއްޖާކަން އެނގުނީ ކުއްޖާ ވިހެއިތާ ހަފްތާއެއްވެސް ވީފަހުން ކަމަށެވެ. އެހެންކަމުން އެއީ އެ ޝަރަފު ހޯދަން ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން "ލިޓްލް ކްރޭންބެރީ އައިލޭންޑް" ގައި މީހަކު ވިހާފައި ވަނީ 1927 ވަނަ އަހަރުއެވެ. އޭނާ އަކީ އެންމެ ފަހުން ވިހެއި ކުއްޖާގެ މުނި ކާފައެވެ. އޭނާ މަރުވެފައި ވަނީ 2005 ވަނަ އަހަރު އެވެ.

ވަސީލަތްތައް މަދު އަދި ނިސްބަތުން މަދު ބަޔަކު ދިރިއުޅޭ "ލިޓްލް ކްރޭންބެރީ އައިލޭންޑް" ގައި އާންމުކޮށް ބޭސްފަރުވާ އާއި ވިހެއުމުގެ ކަންކަމަށް މީހުން ގޮސް އުޅެނީ އެ ރަށް އޮންނަ ސްޓޭޓުގެ އެހެން ރަށްރަށަށެވެ. އެމެރިކާގެ އެންމެ އިރުއުތުރުގައި އޮންނަ މެއިން ސްޓޭޓަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ސްޓޭޓެކެވެ. މިއީ ފަތުރުވެރިންގެ މެދުގައި ވެސް މަޤުބޫލު މަންޒިލެކެވެ.

ކިޔުންތެރިންގެ ހިޔާލު