ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ރިލީސްކުރި އާދިތުޔާ ޗޯޕްރާ ޑައިރެކްޓްކޮށް، ޝާހުރުކް ޚާނާއި ކާޖޮލް ލީޑް ރޯލުން ފެނިގެން ދިޔަ ''ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ އަށް މި އަހަރު 25 އަހަރު ފުރެނީއެެވެ. ނަމަވެސް ފިލުމަށް އޮތް ތާއީދު އަދި ވެސް އެހާމެ ބޮޑެވެ.

ރާޖު އާއި ސިމްރަންގެ ލޯބީގެ ވާހަކަތައް ކިޔައިދޭ މި ފިލުމުން ޝާހުރުކް ޚާނާއި ކާޖޮލްއަށް އެމީހުންގެ ކެރިއަރުގައި ކުރިއަށް ދިޔުމަށް އިތުރު މަގުތަކެއް ހުޅުވިގެން ދިޔަ ފިލްމަކަށެވެ. އިންޑިޔާގައި މިހާތަނަށް އެޅުވުނު ފިލުމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލުމަކީ މިއީއެވެ.

މި ފިލުމުގައި ޝާހުރުކް ޚާނާއި ކާޖޮލުގެ ކެމިސްޓްރީގެ ސަބަބުން މިއަދާއި ހަމައަށް ވެސް ބޮލީވުޑުގެ އެންމެ ކަމުދާ އޮން ސްކްރީން ޖޯޑަކީ ވެސް މި ދެ ފަންނާނުންނެވެ.

ޒަމާނަށް އެތައް ބަދަލެއް އައިސްފައިވީ ނަމަވެސް ރާޖުއާއި ސިމްރަންގެ ލޯބީގެ ވާހަކައަކީ އަދިވެސް ވަރަށް ތާޒާ އަދި އެހާމެ ގިނަ މީހުން އަދިވެސް ބަލަައި ފިލުމެކެވެ. ބައެއް މީހުން މި ފިލުމު 100އަށްވުރެ ގިނަ ފަހަރަށް ބަލައިފައިވެއެވެ.

ފިލުމުގައި ދައްކައިދީފައިވާ ލޯބީގެ ވާހަކައިގެ އިތުރަށް މި ފިލުމުގެ ލަވަތަކަކީ ވެސް މިއަދާއި ހަމައަށް އައިއިރުވެސް ވަރަށް ކާމިޔާބު އަދި އެހާމެ ގިނަ ބަޔަކު ފޫހިކަމެއް ނެތި އަޑުއަހަމުން އަންނަ ލަވަތަކަކެވެ. ޔޭޝް ޗޯޕްރާގެ ދަރި، އާދިތުޔާ ޗޯޕްރާ ފުރަތަމަ ޑައިރެކްޓްކުރި ފިލުމަކީ ވެސް މިއީއެވެ. އެއަށްފަހު އޭނާ ވަނީ ލޯބީގެ އެތައް ފިލުމެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

އިންޑިއާގެ ސިނަމާތަކުގައި މިހާރު ވެސް މި ފިލުމު އަޅުވައެވެ. މި ފިލުމަށް ތާއީދު އޮތްކަން އެނގެނީ ސިނަމާތަކަށް މި ފިލުމު ބަލައިލުމަށްދާ މީހުން ގިނަކަމުންނެވެ.