ޖަންގިޔާ ތެރެއިން ގިނަ ޢަދަދެއްގެ ލާރިއާއި އެކު ބްރެޒިލްގެ މަޖިލިސް މެމްބަރަކު ހައްޔަރުކޮށްފި އެވެ. ބްރެޒިލްގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން މަޖިލިސް މެމްބަރު ހައްޔަރުކުރީ ކޮވިޑާއި ގުޅިގެން ލިބުނު ފަންޑުތައް ނަހަމަ ގޮތުގައި ބޭނުންކުރާތީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ބްރެޒިލްގެ ރޮރައިމާ ސްޓޭޓް ތަމްސީލުކުރައްވާ މެމްބަރު ޗިކޯ ރޮޑްރިގުއެސް ހައްޔަރުކޮށްފައި ވަނީ އޭނާގެ ގޭގައި ހުއްޓައެވެ. އޭނާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް އިންކާރު ކޮށްފައެވެ.

އެޤައުމުގެ ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އެއްގޮތަށް މަޖިލިސް މެމްބަރު ދިރިއުޅޭ ގެ ފުލުހުން ބަލާފާސްކޮށް ވީޑިއޯވެސް ކޮށްފައި ވެއެވެ. އަދި އެ މެމްބަރު ޖަންގިޔާ ތެރެއަށް ލާރި ލާތަންވެސް ފެނިފައިވާކަމަށް މީޑިޔާއިން ބުނެއެވެ.

ބްރެޒިލްގެ ފުލުހުންނާއި ހަވާލާދީ މީޑިޔާއިން ބުނެފައި ވަނީ މަޖިލިސް މެމްބަރުގެ ގެއިންނާއި ޖަންގިޔާތެރެއިން 5،800 ޑޮލަރު ހޯދާފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ކޯޓުން ވަނީ 90 ދުވަހަށް އޭނާ ސަސްޕެންޑު ކޮށްފަ އެވެ.

މީޑިޔާއަށް ދިން އިންޓަވިއުއެއްގައި ރޮޑްރިގުއެސް ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ އޭނާގެ އަގުވައްޓާލަން ބަޔަކު ކުރާ ކަމެއް ކަމަށެވެ. ރޮޑްރިގުއެސް ބުނީ އޭނާ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަން އޭނާ ޔަގީންކޮށްދޭނެ ކަމަށެވެ.

ކޮވިޑުގެ އަސަރު ކުރި ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ބްރެޒިލްވެސް ހިމެނޭއިރު އެޤައުމުން މިހާތަނަށް 5 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ފައްސި ވެފައެވެ. އަދި އެއްލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނގިޔާ

    އަދި ރާއްޖެ މިހިސާބަކަށް ނުދޭ ދޯ....

    10
  2. އަލިބެއްޔާ

    އަނެއްކާ ޑިފެންސް މިނިސްޓަރ ގެކޮޅުން ފިސްތޯލަ ނެގުން ކަހަލަ ކަމެއްބާ..

    10
  3. 😯

    🤣🤣🤣🤣🤣😂😂😂😂😂

    5
    2
  4. Anonymous

    😂😂😂😂😂😂😂👍😂🤣🤣🤣