ބޮލީވުޑުގެ މަޝްހޫރު ބަތަލް މިތުން ޗަކްރަބޯތީ ނުވަތަ ބޮލީވުޑުގެ މަޝްހޫރު ނަމުންނަމަ މިތުން ދާދާގެ އަންހެނުން ޔޮގީތާ ބަލީއާއި ފިރިހެން ދަރިފުޅު މާހާކްޝޭގެ މައްޗަށް ބިރުދެއްކުމާއި ރޭޕްގެ ތުހުމަތެއް އޮކްޓޫބަރު މަހުގެ 15 ދުވަހު ވަނީ ކުރެވިފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން މާހާކްޝޭއާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑުގެ އެކްޓްރެސް އަދި މޮޑެލްއެއް ކަމަށްވާ މަޑަލަސާ ސަރުމާ އެންމެ ފުރަތަމަ ފުލުހަށް މި މައްސަލަ ހުށަހަޅާފައި ވަނީ މުމްބާއީ ފުލުހުންނަށެވެ. ނަމަވެސް މިކަމާއި މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެހެންކަމުން އޭނާ ދިއްލީއަށް ދިރިއުޅުން ބަދަލު ކުރުމަށްފަހު އެ މައްސަލަ ވަނީ ދިއްލީ ފުލުހަށް ވެސް ހުށަހަޅައިފައެވެ.

މި އަންހެން މީހާ ބުނާގޮތުގައި މާހާކްޝޭ ވަނީ އޭނާ ސޮފްޓް ޑްރިންކްސްއަށް ޑުރަގު އަޅައިގެން އެ ބޯންދީފައެވެ. އަދި ގަދަކަމުން އޭނާއާއިއެކު ޖިންސީ ގުޅުން ހިންގައިފައެވެ. ތިން އަހަރު ވަންދެން މާހާކްޝޭ ވަނީ އޭނާއަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް ވެސް ބުނެފައިވެއެވެ. މާހާކްޝޭ ވަނީ 2018 ވަނަ އަހަރު އޭނާއާއި ކައިވެނިކޮށް ލިބުނު ދަރިފުޅު ވައްޓާލުމަށް ވެސް މަޖުބޫރު ކުރުވާފައެވެ.

މިކަމުގެ ބައިވެރިވިކަމުގެ ތުހުމަތުގައި މިތުންގެ އަންހެނުން ޔޮގީތާ އަށް ވަނީ އެފްއައިއާރް ރެޖިސްޓާ ކުރެވިފައެވެ. މި މައްސަލަ ދިއްލީގެ ކޯޓަކަށް ހުށަހެޅުމުން ލިބިފައިވާ ހެކިތަކަށް ބިނާކޮށް ވަނީ މާހާކްޝޭގެ މައްޗަށް ވެސް އެފްއައިއާރު ރެޖިސްޓާ ވަނީ ކުރެވިފައެވެ.

ޔޮގީތާގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ މާހާކްޝޭގެ މި ޢަމަލުތައް އެނގޭއިރު ވެސް ހަނު ހުރުމާއި، މަޑަލަސާ އަށް ޒަހަރު ދޭން އުޅުމާއި އަދި ބަނޑުގައިވާ ދަރިފުޅު އެބޯޓް ކޮށްލުމަށް މަޖުބޫރު ކުރުމުގެ ތުހުމަތެެވެ.

 

ކިޔުންތެރިންގެ ހިޔާލު