އެއާކްރާފްޓް ތަކުގެ ވެންޓިލޭޝަން ސިސްޓަމްގެ ޒަރިއްޔާއިން ކޮވިޑް-19 ވައިރަސް ނުފެތުރޭ ކަމަށާއި ވައިރަސް ފެތުރޭ ކަމަށް ބިރު ގަންނާކަށް ނުޖެހޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާއަކަށް ބާރުދީ އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްއިން ބުނެފައިވަނީ އެއާކްރާފްޓްތަކުގެ ވެންޓިލޭޝަން ސިސްޓަމްތަކުން ވައިރަހުގެ ކުދި ޕާޓިކަލްތައް އެންމެ އެދެވޭ ގޮތުގައި އެއާކްރާފްޓްއިން ބޭރުކޮށްދޭ ކަމަށެވެ.

ކަމުގެ އިތުރު މާހިރުން ރިވިއު ކޮށްވައި ނުވާ މި ދިރާސާގައި އިތުރު ގޮތަކަށް ބަޔަކަށް ބަލި ޖެހޭތޯ ބަލާފައެއް ނުވެއެވެ. އެގޮތުން މީހަކު ކެއްސައިގެން ނުވަތަ ސީދާ މީހެއްގެ ހަށިގަނޑަށް ނޭވާ ލުން އަދި ފާހަނާ ފަދަ ތަންތަނުގައި ވައިރަސް ފެތުރޯތޯ މި ދިރާސާގައި ބަލާފައެއް ނުވެއެވެ.

އެމެރިކާގެ ޓްރާންސްޕޮޓޭޝަން ކޮމާންޑް، ޑިފެންސް އެޑްވާންސްޑް ރިސާޗް ޕްރޮޖެކްޓް އޭޖެންސީ (ޑީއޭއާރުޕީއޭ) އަދި އެއާ މޮބިލިޓީ ކޮމާންޑުން ވަނީ މި ދިރާސާ ބެލުމަށް ބޮއިންގް 777-200 އަދި 767-300 މަރުކާގެ ބޯޓުތައް ބޭނުން ކޮށްފައެވެ.

އެ ބޯޓުތަކުގައި މާސްކު އަޅުވާފައިވާ ބުދެއްގެ އިތުރުން އާންމު މީހަކު ހުއްޓެވެ. ބޯޓު ތެރޭގައި އާންމުންގެ އެމީހާ ކެއްސުމުން ވައިރަސް ދަތުރު ކޮށްފައިވާ ތަންތަން ބެލުމަށް ޓްރޭސިން ވަނީ ހަދާފައެވެ. އެގޮތަށް ކެއްސުމުން ވެންޓިލޭޓަރުން ވައިރަސް މަތިންދާބޯޓުން ބޭރުކޮށްފައިވާ ކަމަށް ދިރާސާ ހެދި ފަރާތްތަކުން ވަނީ ބުނެފައެވެ.

"މިގޮތަށް ދިރާސާ ހެދި ނަމަވެސް މާސްކު އެޅުން އެއީ އެންމެ ރަނގަޅު ގޮތް. މަތިންދާ ބޯޓުގައި ވައިރަސް ފެތުރޭ އެހެން ގޮތްގޮތްވެސް ހުރެދާނެ. މިސާލަކަށް ފާހަނާ." ދިރާސާ ހެދި ފަރާތްތަކުން ބުނެފައިވެއެވެ.

ބައެއް ދިރާސާތަކުން ބުނެފައިވާ ގޮތުގައި ފްލައިޓްތަކަށް އަރާ ފަރާތްތަކަށް ބަލި ޖެހިފައިވަނީ މާސްކު ފަދަ ތަކެތި އަޅައިގެން ތިބެ ފާހަނާ ބޭނުން ކުރުމަށް މާސްކު ނެގުމުންނެވެ. ދުނިޔޭގެ ގިނަ އެއާލައިންތަކަކުން މިހާރު މާސްކު އަޅަން މަޖުބޫރު ކޮށްފައިވާއިރު، ބައެއް އެއާލައިންތަކުން ފްލައިޓު ތެރޭ މާސްކު ނާޅާ ފަރާތްތައް ފްލައިޓުން ބާލަމުން ގެންދާކަންވެސް ފާހަގަކޮށްލެވެއެވެ.