ބޮލީވުޑުގެ މަޝްހޫރު ފިލުމު ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލުމު ''ބައިޖޫ ބާވްރާ'' ފިލުމުގެ ވާހަކަ ރަސްމީކޮށް މިދިޔަ އަހަރު އިޢުލާނު ކުރެވުނުއިރު އާލިއާ ވަނީ މި ފިލުމަށް ސޮއި ކޮށްފައެވެ. އަދި އާލިއާގެ މިހާރުގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު ވެސް މި ފިލުމުގެ މުހިއްމު ރޯލެއް ކުޅޭނެކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

''ބައިޖޫ ބާވްރާ''ގައި އަންހެން ދެ ލީޑްރޯލާއި ފިރިހެން ދެ ލީޑް ރޯލު ހިމެނެއެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އިތުރުން ދެން މި ފިލުމުން ފެނިގެންދާނީ ރަންބީރުގެ ކުރީގެ ލޯބިވެރިޔާ، ދީޕިކާ ޕަދުކޯންއެވެ.

މި ފިލުމަކީ އާލިއާއާއި ދީޕިކާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލުމެވެ. މީގެ ކުރިން ރަންބީރުއާއި ދީޕިކާ އަދި ރަންބީރުއާއި އާލިއާ ވަނީ އެކުގައި ބައެއް ފިލުމުތަކުގައި މަސައްކަތް ކޮށްފައެވެ.

''ބައިޖޫ ބާވްރާ''އަކީ ވިޖޭ ބަޓް ޑައިރެކްޓްކޮށް 1952 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރެވުނު ފިލުމެކެެވެ. ސަންޖޭ ލީލާ ބަންސާލީ ތައްޔާރުވަނީ މި ފިލުމުގެ ރީމޭކަކަށެވެ.

މި ފިލުމުގެ ރަންބީރު ކަޕޫރުގެ ރޯލަށް އޭނާ ހުރީ މުޅިން ތައްޔާރުވެފައި ކަމަށާއި އަދދި އުމުރުން ދުވަސްވީ އިތުރު ދެ ފަންނާނެއް ވެސް މި ފިލުމަށް ބޭނުންވާ ކަމަށް ފިލުމުގެ ފަރާތުން ބުނެފައިވެއެވެ.

މި ފިލުމު ބެލުމަށް ގިނަ ބަޔަކު ކެތް މަދުވެފައި ތިބީ މި ފިލުމުގައި ރަންބީރު ކަޕޫރާއިއެކު އޭނާގެ މިހާރުގެ ލޯބިވެރިޔާ އާލިއާއާއި ކުރީގެ ލޯބިވެރިޔާ ދީޕިކާ ވެސް ހިމެނޭތީއެވެ.