ބަރުދަން ލުއި ކުރަން އެކި މީހުން އެކި އުކުޅުތައް ބޭނުންކުރާ އިރު މިކަމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުރާ ކަމެކެވެ. ބަރުދަން ލުއިކުރަން ބޮޑު ހަރަދެއް ކުރާ މީހުންނާއި އެއްވެސް ހަރަދެއް ނުކޮށް އެމަސައްކަތް ކުރާމީހުންވެސް އުޅެއެވެ. މިހާރު މިގެނެސްދެނީ ފެންބޮއިގެން ބަރުދަން ލުއިކުރާނެ ފަސޭހަ ގޮތެކެވެ.

ހަމައެކަނި ފެންބޮއިގެން ބަރުދަން ލުއިކުރަން މަސަައްކަތް ކުރުމަކީ މޮޔަ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ ވިޓަމިނަކާއި ޕްރޮޓީނެއް ފެނުން ނުލިބުމުގެ ސަބަބުން ހުސް ފެން ބޮއެގެން ބަރުދަން ލުއިކުރަން ކުރާ މަސަައްކަތް ކާމިޔާބު ނުވެ އޭގެ ސަބަބުން ހަށިގަނޑު ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ދެއެވެ. ބަލިތައް ޖެހުމުގެ އިތުރުން މީހާގެ ގައިގައި ކޮޅަށް ހުންނާނެ ވަރެއް ވެސް މިކަމުގެ ސަބަބުން ނުހުންނާނެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ކާނާ ކެއުމުގެ އިތުރުން ދުވާލެއްގެ މައްޗަށް މަދުވެގެން އަށް ތަށި ފެން ބުއިމަށް ސައިންސުވެރިން އިރުޝާދު ދޭއިރު މި އަދަދަށް ފެންބޯން ޖެހެނީ އެމީހެއްގެ ޖިންސަށާއި މަސައްކަތް ކުރާ މިންވަރަށް ބަލާފައެވެ.

ކެއުމުގެ ކުރިން ފެންބުއިން

ކެއުމުގެ 20 މިނެޓު ނުވަނަ 30 މިނެޓު ކުރިން ދެ ތަށި ފެން ބުއިމަކީ ބަނޑު ފުރިފައި ހުރިކަން އިހުސާސް ކުރެވޭނޭ ކަމެކެވެ. އަދި ގިނައިން ކެއުމުން ދުރުކޮށް ބަރުދަން ލުއިކުރަން ފަސޭހަކޮށްދިނުމުގެ އިތުރުން ހަޖަމް ކުރަންވެސް ފަސޭހަވެގެންދާނެއެވެ.

ގިނައިން ފެން ބުއިމުން ކުރިމަތިވެދާނެ މައްސަލަތައް

އިންސާނާގެ ހަށިގަނޑުގެ 66 އިންސައްތަ އަކީ ފެނެވެ. ހަށިގަނޑުގައި ގިނަ އަދަދަކަށް ފެން ހުންނައިރު ދުވާލެއްގެ މައްޗަށް ބޯންޖެހޭ ވަރަށްވުރެ އިތުރަށް ފެން ބުއިމުން ލޭގައި ލޮނު ހުންނަ މިންވަރަށް އަސަރުކޮށް ހޮޑުލެވޭ ގޮތް މެދުވެރިވެ ބޯ އަނބުރާ ގޮތްވެއެވެ.

ބަރުދަން ބެލުން

ކަމެއް ހާސިލުކުރަން މަސައްކަތް ކުރާ ނަމަ އެކަމަކާ ގުޅޭ މައުލޫމާތު ހޯދައި އަމިއްލައަށް އެކަން ތިމާ ވަޒަންކުރަންވެސް ޖެހޭނެއެވެ. އެގޮތުގެ މަތީން ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ބަރުދަން ލުއިވަނީ ކިހާވަރަކަށްތޯ އަމިއްލައަށް ބަލަން ޖެހޭނެއެވެ. ތިމާ އެކަމެއް ހާސިލުކުރުމަށް ކުރާ މަސައްކަތް އޭރަށް ތިމާއަށް ތަޖުރިބާ ކުރެވޭނެއެވެ.

ފެން ލިބޭނެ އިތުރު ގޮތްތައް

ތަފާތު އެކި ގޮތްގޮތަށް ހަށިގަނޑަށް ފެން އެތެރެ ކުރެވިދާނެއެވެ. އޭގެ ތެރޭގައި ފެންބުއިމުގެ އިތުރުން ގިނަ އަދަދަކަށް ފެން އެކުލެވިގެންވާ ތަރުކާރީއާއި މޭވާގެ ޒަރިއްޔާއިންވެސް ހަށިގަނޑަށް ފެން ލިބޭނެއެވެ. މިފަދަ ބައެއް ތަރުކާރީގެ ތެރޭގައި ބްރޮކަލީ، ކެރޮޓު، ކިއުކަމްބާ، ޕީޗެސް އަދި ކަރާ ހިމެނެއެވެ.

މި ޑައިޓުގެ އަޖުމަ ބަލާލާނެ ކަމަށް އުންމީދު ކުރަމެވެ. މިއީ ރަނގަޅު ގޮތުގައި ކޮށްފިނަމަ ހަށިގަނޑަށް ފައިދާހުރި ތަފާތު ތަޖުރިބާއެއް ކޮށްދޭނެ ޑައިޓަކަށް ވެގެންދާނެއެވެ.