ދުނިޔޭގެ ރިކޯޑު ފޮތުން ޖާގައެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ތިމާގެ ގައިގައި ހުރި ހުނަރެއް ނުވަތަ ޤާބިލުކަމެއް، އެންމެ ފުރިހަމައަށް ބޭނުންކުރަން ޖެހޭނޭ ކަމެކެވެ. އެހެންނޫންނަމަ، ނުހަނު ވަރުގަދަ އަޒުމަކާއި ނުގުޑާފަދަ ހިތްވަރަކާއެކު ކުރަން ޖެހޭނެ ކަމެކެވެ.

އުމުރުން 16 އަހަރުގެ ދުރުވް އަކީވެސް އެފަދަ މިސާލެކެވެ. ދުނިޔޭގެ ރިކޯޑު ފޮތް، ގިނިސް ވޯލްޑް ރިކޯޑްސް އިން ޖާގައެއް ހޯދުމަށް، އޭނާ މަސައްކަތް ފެށީ އުމުރުން އެންމެ ހަތަރު އަހަރުގައެވެ.

އަވަށްޓެރި އިންޑިޔާއަށް ނިސްބަތްވާ ދުރުވް މަސައްކަތް ކުރަމުންދަނީ، ދުނިޔޭގައި އެންމެ ގިނަ ކުޅޭ ކުޅޭ ކާރު ހުރި މީހާގެ މަޤާމު ހޯދުމަށެވެ. މި މަޤުޞަދަށްޓަކައި މިހާރުވެސް އޭނާވަނީ 700 އެއްހާ ކުޅޭ ކުޅޭ ކާރު އެއްކޮށްފައެވެ. އޭނާ އެއްކުރަމުންދަނީ ހަމައެކަނި ހޮޓް ވީލްސް ބްރޭންޑުގެ ކާރުތަކެވެ. އޭގެތެރޭގައި، ދުނިޔޭގެ މަޝްހޫރު ކާރު މޮޑަލްތަކުގެ ހޮޓް ވީލްސް ކާރުތައް ހިމެނެއެވެ.

ދްރުވް ބުނެފައިވާ ގޮތުގައި ހަމައެކަނި އެއް ބްރޭންޑަކުން މިފަދަ ކުޅޭ ކުޅޭ ކާރުތައް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެގޮތުން، ފިހާރަތަކުގައި އެތައް ބްރޭންޑެއްގެ އަދި އެއްގޮތަށް ހުންނަ އެއްޗެހިތަކެއްގެ ތެރެއިން މި ތަކެތި ހޯދަން ދަތިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގިނިސް ރިކޯޑު ފޮތް ބުނާގޮތުގައި މިހާރު، ދުނިޔޭގެ އެންމެ ބޮޑު ކުޅޭ ކުޅޭ އެއްޗެހީގެ ކަލެކްޝަނެއް އޮތީ ބްރުސް ޕަސްކަލް ނަމަކަށް ކިޔާ މީހެއްގެ އަތުގައެވެ. އޭނާގެ ކަލެކްޝަނުގައި 5000 ކުޅޭ ކުޅޭ ކާރު އެބަ ހުއްޓެވެ.