ގިނައިރުވަންދެން ޕަބްޖީ ނުކުޅުމަށް ބުނުމުން އިންޑިއާގައި ބައްޕައަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.އާމިރް ނަމަކަށް ކިޔާ ޒުވާނާ އޭނާގެ ބައްޕަ، އިރްފާން އަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ ވަޅިއަކުންނެވެ.

އަދި އާމިރް ވަނީ އޭނާގެ އަމިއްލަ ހަށިގަނޑަށް ވެސް ފަހުން އަނިޔާކޮށްފަ އެވެ.

އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، މިހާދިސާއާއި ގުޅިގެން އިރްފާންގެ ހާލު ސީރިއަސް ވެ އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފަ އެވެ. އަދި އަމިއްލަ ހަށިގަނޑަށް އަނިޔާކުރި އާމިރަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

އިންޑިޔާގައި ޕަބްޖީ ކުޅުން ވަނީ މަނާވެސް ކޮށްފަ އެވެ. ނަމަވެސް އެ ގޭމަށް ދެވިހިފާފައި އެތައް ޒުވާނުންެއް ތިބިއިރު އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ބައްޕައަށް ހަމަލާދިނުމަށް އާމިރު މަގުމައްޗަށް ނިކުމެ އަމިއްލަ ހަށިގަނޑަށް އަނިޔާކުރަން ފެށުމުން އެކަން ހުއްޓުވަން މަސައްކަތް ކުރި މީހުންނަށްވެސް އޭނާ ވަނީ ހަމަލާ ދީފަ އެވެ. އާމިރްގެ ހާލުވެސް ސީރިއަސް ކަމަށް ޚަބަރުތައް ބުނާއިރު އޭނާގެ އާއިލާއިން ބުނީ އާމިރަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށެވެ. އެޤައުމުގެ ފުލުހުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ޕަބްޖީއަކީ ދިވެހީންގެ ތެރޭގައިވެސް ގިނަ ބަޔަކު ކުޅޭ ވަރަށް ދެވިހިފާ ގޭމެކެވެ. މި ގޭމުގެ އަވައިގައި ޖެހިފައި ތިބޭ މީހުން މުޅި ދުވަސް ގޭމުގެ ތެރޭގައި ހޭދަކުރާއިރުވެސް އެކަން އިހުސާސް ނުކުރެވޭކަން ހިތާމަޔާއި އެކު ފާހަގަ ކޮށްލަން ޖެހެއެވެ.