އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި އުމުރުން 12 އަހަރުގެ މަންމަން ކުއްޖަކު ރޭޕް ކުރުމަށްފަހު މަރާލައިފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެކުއްޖާ ރޭޕް ކޮށްފައިވަނީ އެސްޓޭޓް ކައިރީގައި އޮންނަ ޑީސާ ނަމަކަށް ކިޔާ ހިސާބެއްގައި ދިރިއުޅެމުން އައި އެކުއްޖާގެ އާއިލީ މީހެއް ކަމަށެވެ.

ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ މީހުން ދިރިނޫޅޭ ދުރު ހިސާބަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހިއްސާ ކުރެވޭނީ ޕޯސްޓު މޯޓަމް ރިޕޯޓަށް ބެލުމަށްފަހު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

"ފެންނަ ފެނުމަށް 12 އަހަރުގެ އެ ކުއްޖާ ވަނީ ރޭޕް ކޮށްފައި. އޭގެ ފަހުން އާއިލާ މީހާ ކަމަށް ބުނާ މީހާ އެ ކުއްޖާ މަރާލީ. މިހާރު ކުއްޖާގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހެދުމަށް ވަނީ ފޮނުވާފައި" ފުލުހުންގެ ޑެޕިއުޓީ ސުޕްރިޑެންޓް ކުޝަލް އޮޒާ ބުންޏެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ އުމުރުން 25 އަހަރުގެ ފިރިހެން މިހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލު ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގައި އަންހެނުންނަށް ލިބެމުން އަންނަ އަނިޔާތައް މަދުކުރުމަށް އެކި ކަހަލަ ކަންކަން ވަނީ ކުރަން ފަށާފައެވެ. އެގޮތުން އަންހެނުންގެ ހާއްސަ ހެލްޕް ޑެސްކް ތަކާއި ބޫތު ތަކާއި، ފޯނު އެޕްލިކޭޝަންތަކުގެ އިތުރުން ނައިޓް ސެކިއުރިޓީތައްވެސް ވަނީ ތައާރަފް ކޮށްފައެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން އަންހެނުންނާއި ކުޑަކުދިންނަށް އެކި ކަހަލަ ހާދިސާތައް ކުރިމަތިވަމުން އަންނަ ގައުމެކެވެ. އެގައުމުން ކޮންމެ ދުވަހަކު ގޮތަކަށް އަންހެނުންނަށް އަނިޔާ ލިބޭ މައްސަލަ މީސްމީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު