ވެހެމުންދިޔަ ވާރޭގައި ތެމިގެން ހިނގާފައި ދާ އެކަނިވެރި އަންހެން ކުއްޖެއް މަޖީދީ މަގުގެ ސޯސަން މަގާ ވީ ފަރާތަށް ހުރި މީހަކަށް ނަމަ ފެންނާނެއެވެ. މަޑު ނޫ ކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރި އިރު އަތުން ދިޔައީ ފޮށްޓެއް ދަމަމުންނެވެ. ހިނގަމުން ދިޔައީ އިސްޖަހައިގެން ހުރެ މަޑުމަޑުންނެވެ. ޖައިޝާންއަށް އަލްފާ ފެނުނީ ވާރޭ ވެހޭ ވަރުން ސައިކަލު ނުދުއްވިފާ ހުއްޓައެވެ. އެއްލި ކަޅިއަކުން ފެނުނު މި އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތަސް އެއީ އަލްފާ ކަން އިނގުނީ ޝައްކެގައި ހުރެ ނަމަވެސް ގޮވާލި ގޮވުމަށް އޭނާގެ މޫނު ޖައިޝާންއާ ދިމާލަށް އަނބުރާލުމުންނެވެ. އެ ދޮން މޫނުން ސިފަވަނީ ހިތާމައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވާރޭ ފެން ތިކި ތަކާ އެއްވަމުން ދިޔަޔަސް ޖައިޝާނަށް އަލްފާ ރޮނީ ކަން މާ ރަނގަޅަށް ވެސް އެނގެއެވެ.

“އަލްފާ؟”

ޖައިޝާނަށް ކުރެވުނީ ސުވާލެކެވެ. އޭނާ ފެނުމުން އަލްފާގެ ދެލޯ ބޮޑުވިއެވެ. އިސްޖަހައިގެން ހުރެ ބާރު ބާރަށް ރޮވުންފެށިއެވެ. ފުން ހިތާމަޔަކާ ތިމާ ކުރިމަތިލަމުންދާ އިރު ގާތް މީހެއް ފެނުމުން ކަރުނަތައް ބަންޑުން ވާ ގޮތަށެވެ.

ވަރަށް މަސައްކަތުން އަލްފާ ގެ ރުއިން ހުއްޓުވުމަށްފަހު ޖައިޝާން ކުރިން ހުއްޓި ހުރި ގަހުގެ ހިޔާވަހި ކަމަށް ގެނެއްސިއެވެ. ޖައިޝާންގެ ގަމީހުގައި ވާރޭގެ އަސަރު ހުރީ ކުޑަކޮށް ނަމަވެސް އަލްފާ ހުރީ ތެމި ފޯ ވެފައެވެ. އަތުގައި އޮތް ފޮއްޓަށް އިޝާރަތް ކޮށް ޖައިޝާން ސުވާލު ކުރުމުން އަލްފާގެ ފަރާތުން ލިބުނު ޖަވާބު ވަރަށް ކުރެވެ.

“ގެއިން ނެރެލީ”

އިތުރު ވާހަކައެއް ދައްކާ ކަށް ޖައިޝާން ނުހަދައެވެ. އަލްފާގެ އަތުގައި ހިފާ ސައިކަލާ ދިމާލަށް މިސްރާބު ޖެހިއެވެ. އެ ބޯހަރު ކުއްޖާ ގަދަ ހެދިއެވެ. ނުދާނަމޭ ކިޔާ އާދޭސް ކުރިއެވެ. ނަމަވެސް އަލްފާގެ އާއިލާއެއް ކީއްކުރަން ގާތް ރައްޓެއްސެއްވެސް މާލޭގައި ނުހުންނާނެކަން ޖައިޝާންއަށް އެނގެއެވެ. އެހެންކަމުން އެއް އިރެއްގައި ޖައިޝާންއާ އަލްފާގެ ދެމެދުގައި އޮތް ގާތް ގުޅުމަށްޓަކައި އޭނާ އަށް އެހީތެރި ވާން އޭނާ ނިންމީއެވެ.

ގޭގެ ދޮރުގެ ބެލް ދެތިން ފަހަރު ޖަހައިފިއެވެ. ނަޝްވާ ގެ ހިލަމެއް ނުވެއެވެ. ކައިވެނި ކޮށްގެން ޖައިޝާންއާ ނަޝްވާ ބަދަލުވީ އަމިއްލަ އެޕާޓްމަންޓަކަށެވެ. ނަޝްވާގެ ކޮއްކޮ ނަފްހާ އަށް އެ އެޕާޓްމަންޓްގައި ދެން ހުރި ކޮޓަރި ދީފައެވެ. ނަމަވެސް ނަފްހާ ވަނީ އިހަކަށް ދުވަހަކު ބޭރަށް ކިޔަވަން ފުރާފައި ކަމުން އެ ކޮޓަރި ހުންނަނީ ހުސްކޮށެވެ. އަލްފާ ޖައިޝާންގެ ގެއަށް ގެނައި އެއް ސަބަބަކީ އެއީއެވެ. ޖައިޝާންގެ އަމިއްލަ ގޭގެ ހިޔާވަހިކަމުން ޖާގަ އޮއްވާ ވެހެމުންދާ ވާރޭގައި މާލޭގެ މަގުތަކުގައި އެކަނި މާ އެކަނި ހިނގަން އޭނާ ދޫކޮށްލަން ޖައިޝާންގެ ޒަމީރު ތަން ނުދޭތީއެވެ. ޖައިޝާންގެ މި ނިންމުމަށް ނަޝްވާ އެއްބަސް ވާނެކަމެއް ވެސް ނުވާނެކަމެއް ވެސް ނޭނގެއެވެ.

“ބޭބީ ހާދަ..”

ބޮޑު ހިނިތުން ވުމަކާއެކު ގޭގެ ދޮރު ހުޅުވި ނަޝްވާގެ އަޑު ވަކި ހިސާބަކުން ކެނޑިގެން ގޮއްސިއެވެ. ޖައިޝާންގެ ކައިރީގައި އަންހެން ކުއްޖެއް ހުރީމަ ކަންނޭނގެއެވެ. އުފެދިފައިވާ ސުވާލުތަކުގެ ޖަވާބަކަށް އެދި ޖައިޝާންއާ ދިމާލަށް ބަލާލާ އެއް ބުމަ އަރުވާލިއެވެ. އަލްފާ ގޮވައިގެން އަވަސް އަރުވާލާފައި އައި އިރު ކުރިމަތިލާން ޖެހޭނީ އަންހެނުންނާ ކަން އޭނާ ހަނދާން ނެތުނީއެވެ. ނަޝްވާ ސުވާލު ކުރާނެއެވެ. ރުޅިވެސް އަންނާނެއެވެ. އަދި އަމުދުން އަލްފާ އަކީ އެއް ޒަމާނެއްގައި ޖައިޝާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުއްޖެއްކަން އެނގިއްޖެއްޔާ ގެއިން ވެސް ނެރެލަފާނެއެވެ.

ނަޝްވާ ގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތަށް ނުފެންނަ ކަމަށް ހަދާ ޖައިޝާން އަލްފާ ގޭތެރެއަށް ވެއްދީމެވެ. އޭނާ ހުރީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. ގަނެފައި ހުރި ލަދެއްގެ ބޮޑު ކަމުން ޖައިޝާންއާ ހަތަރު ކަޅި ހަމަކޮށް ނުލައެވެ. ޖައިޝާން ވާހަކަ ދައްކާ ނިމެންދެން އަލްފާ ހުރީ އިސްޖަހައިގެންނެވެ. ނަފްހާ ކުރިން އުޅުނު ކޮޓަރި ދައްކާ އެ ކޮޓަރީގައި އިހަށް ހުރެލާށޭ ބުނުމުން ޖައިޝާން އިޝާރަތް ކުރި ކޮޓަރިއާ ދިމާލަށް ނަޒަރު ހިންގާލިއެވެ. ތެމިގެން ހުރި އެއްޗެހި ބަދަލުކޮށްލުމަށް ފަހު ތާޒާ ވެލައިގެން ނިކުމެލާށޭ ޖައިޝާން ބުންޏެވެ. ބޯ ޖަހާލުމަށްފަހު އަލްފާ ގޮސް ކޮޓަރިއަށް ވަނެވެ. ދެމީހުންގެ މި ހަރަކާތްތައް ދާދި ގާތުން ބަލަން ނަޝްވާ ހުރި އިރު ބޮލުން އަރަމުން ދިޔައީ ހަސަދައިގެ ދުމެވެ.

“އެ ކާކު؟”

އަލްފާ ކޮޓަރިއަށް ވަދެ ދޮރު ޖެހުމާއެކު ނަޝްވާ ސުވާލު ކުރިއެވެ. އަލްފާ އަށް އަޑު އިވޭ ހިސާބުގައި މި ވާހަކަ ދައްކަން ބޭނުން ނުވާތީ ޖައިޝާން ނަޝްވާގެ އަތުގައި ހިފައިގެން ގެންގޮސް އެ ދެމީހުންގެ ކޮޓަރި އަށް ވަނެވެ. އަދި މަޑު މަޑުމަނުން ގެންގޮސް ނަޝްވާ އެނދުގައި ބައިންދާ އޭނާގެ ދެ އަތުގައި ހިފިއެވެ.

“އެއީ އަލްފާ. އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އޭ.ލެވެލް ކިޔެވީ އެއްކޮށް. ދެންމެ ވާރޭގަ ޖެހިފަ ހުއްޓަ މީހަކު ފޮށްޓެއް ދަމުމުން ދާތަން ފެނިގެން ބަލާލި އިރު އޭނަ. އޭލެވެލް ކިޔެވި އިރުވެސް ކުދިން ބަހައްޓާ ގެތަކުގަ އޭނަ އުޅުނީ ވަރަށް ހާލުގަ. މިރޭ ހަމަ އެއްވެސް ކަމަކާ ނުލާ އޭނާ ގެއިން ނެރެލައިފި. އަލްފާ ގެ ނުހުރެ އެއްވެސް އާއިލާ މީހެއްވެސް. މަންމަ އާ ބައްޕަ ވަނީ ނިޔާވެފަ. ބޭބެ އެއް ހުރި. ނޭނގެ މަށަކަށް އޭނަ ވީ ތަނެއްވެސް”

ވާހަކަ ދައްކާ ނިމުމަށްފަހު ޖައިޝާން ނަޝްވާ ގެ މޫނަށް ބަލާލި އެވެ. ނަޝްވާ އިނީ ދުރު ޚިޔާލަކަށް ގެއްލިފައެވެ. އަލްފާ ގެ ވާހަކައަކީ އޭނާ އަމިއްލަ އަށް ތަޖުރިބާ ކޮށްފައިވާ ކަންތަކެވެ. އޭނާގެ މައިންބަފައިންގެ ވެސް މާލީ ފެންވަރު ނެތުމުން ކިޔަވަން ގެނެސް ބަހައްޓާފައި ހުރީ ބައެއްގެ ގޭގައެވެ. އެއް ގެއިން އަނެއް ގެއިން އޭނާ ވެސް ވަނީ ބަދަލުވެ އެކަމުގެ އުނދަގުލާ ވޭނުގަ އުޅެފައެވެ. ބައެއް މީހުން ހަމަ ނުލަފައީއެވެ. އެހެން ގޮސް ތިބޭ ކުދިންނާ ދޭތެރޭ ކަންތައް ކުރަނީ ނޯކަރުން ހެންނެވެ. މިހެން ބުންޏަސް ބައެއް މީހުން ރަނގަޅެވެ. ޖައިޝާން އާ ދިމާވި އިރު ނަޝްވާ ހުރި ގޭގެ މީހުން އޭނާ އަށް ވަރަށް ހެވެވެ. ނަމަވެސް އޭގެ ކުރީގެ ގެތަކުން ނަޝްވާ އަށް ލިބުނީ އަނިޔާއެވެ. ނަފްސާނީ އަނިޔާއެވެ. އެހެންކަމުން އަލްފާ ގެ ހާލަތަށް ނަޝްވާ ހަމްދަރުދީވިއެވެ. އަދި އަލްފާ އެ ގޭގައި ބެހެއްޓުމަކުން ނަޝްވާ އަށް އެއްވެސް މައްސަލައެއް ނެތް ކަމުގައި ޖައިޝާން ގާތުގައި ބުންޏެވެ.

“އިނގެ އެންނު ނަޝް ޖޭ ވާ ވަރު. ޕޮސެސިވް ވަނީކީ ނޫން އިނގޭ. ހަމަ ޖޭ ވަނީ. ޖައި އަކަށް ނޭނގޭނެ މި ޒަމާނުގެ އަންހެން ކުދިންގެ ގޮތެއް. ހަމަ ފުރުސަތެއް ނުލިބިފަ ހުންނާނި ޖަހައިގަންނަން. މީހެއްގެ ފިރިއެއް ކަމަކު އެމީހުންނަށް ހެޔޮ ވާނެ. ބަޓް އައި ލައިކް އަލްފާ. އައިމް ޝުއާ ޝިޒް ނޮޓް ލައިކް ދެޓް”

ޖައިޝާން ހިނިތުން ވެލިއެވެ. ނަޝްވާ ދެކެ އޭނާ ނުލާހިކު ލޯބިއެވެ. އެ ނޫން އަންހެނަކާ ދިމާލަށް ލޯބީގެ ނަޒަރަކުން ރައްޓެހިވީންސުރެ ޖައިޝާން ބަލާލާފަވެސް ނުހުންނާނެއެވެ. ނަމަވެސް އަލްފާ އާއި ޖައިޝާންގެ މާޒީ ގެ ހަގީގަތް އެނގިއްޖެއްޔާ ނަޝްވާ ޝައްކު ކުރަން ފަށައިފާނެއެވެ. އަލްފާ އާ ޖައިޝާން ގެ ހިތުގައި އެކަކު އަނެކަކާ ދޭތެރޭ އެއްވެސް ކަހަލަ ލޯބީގެ އިހުސާސުތަކެއް ނެތަސް، ނަޝްވާ ނަގާނީ ނެގެން އޮތް އެންމެ ނުބައި ގޮތަށެވެ. އެހެންކަމުން ޖައިޝާން ނިންމީ އެވާހަކަ ނަޝްވާ އާ ހިއްސާ ނުކުރާށެވެ. ދުވަސްކޮޅަކަށް ފަހު ތަނެއް ލިބުމުން އަލްފާ ހިނގައިދާނެއެވެ. ކިތަންމެ މަޑު ކުރަން ބުންޏަސް އަލްފާ ނުހުންނާނެ ކަން ޖައިޝާން އަށް އެނގެއެވެ.

މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން ޖައިޝާން ނަޝްވާގެ އުނގުގައި ބޯ އަޅާލިއެވެ.

“ވަރަށް ބަނޑުހައި. ކޯއްޗެއް ކާން ހުރީ”

“ޗީޑި، ދެން ޖައިޝާން. ދޭބަލަ ތި ތެތް އެއްޗެހި ބަދަލޮކޮށްގެން އަންނަން. އެހާ އިރަށް ކާން ހަދާފަ ބަހައްޓާނަން”

ނަޝްވާ ޖައިޝާން ގެ ބޯ އޭނާގެ އުނގުން ނަގަމުން ބުންޏެވެ.

“ބޯ ވެސް ދޮންނާތި. ތަންމުޑު ވަސް ދުވާނެ”

ޖައިޝާން ފުސް މޫނު ހަދާލިއެވެ. ބޮލުގައި އަތް ހާކާލާ ފެންތައް ކަހާލީ ނަޝްވާގެ މޫނާ ދިމާލަށެވެ. ދެމީހުންނަކީ ވެސް މިފަދައިން އެކަކު އަނެކަކަށް ސަމާސާ ކުރާ ބައެކެވެ. ނަޝްވާ އަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޖައިޝާން ދުވެފައި ގޮސް ފާޚާނާ އަށް ވަަދެއްޖެއެވެ. ބޯހޫރަމުން ހުރެ ނަޝްވާ ނިކުތީ ހިނިތުން ވުމަކާއެކުއެވެ.

ޖެހިގެން ހުރި ކޮޓަރީގައި އިން އަލްފާ ގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެެވެ. މިފަދަ ނިކަމެތި ހާލެއްގައި ޖަައިޝާން އާ ކުރިމަތިލާން ޖެހުމުން އިނީ ލަދުވެސް ގަނެފައެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ޖައިޝާން މަތިން ހަނދާނެއް ނުނެތެއެވެ. އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޖައިޝާން ކިޔަވަން ބޭރަށް ފުރުމަށްފަހު ވާހަކަ ދެއްކުން މަދުވީއެވެ. އޭނާ ކިޔެވުމުގައި މަސްޣޫލުވީއެވެ. އަލްފާ ވެސް އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު ތަކުގައި ޖެހުނީއެވެ. އަލްފާ އާ ޖެހުނު ފިރިހެނެއްގެ ސަބަބުން ހުރިހާ ސޯޝަލް މީޑިއާ ތަކުން ނިކުންނަން ޖެހުނީއެވެ. އޭގެ ފަހުން ޖައިޝާން އާ އެއްވެސް ގޮތަކަށް ވާހަކައެއް ނުދެއްކެއެވެ. ނަމްބަރު ތައް ބަދަލުވެއްޖެއެވެ. އުޅުނު ގެ ބަދަލު ވެއްޖެއެވެ. ފަސް އަހަރު ކޮށްފައި ޖައިޝާން އެނބުރި މާލެ އައި އިރު އަލްފާ ގެއްލިއްޖެއެވެ. ހޯދަން މަސައްކަތް ކުރިއެވެ. އެއްވެސް ސޯޝަލް މީޑިއާ އަކުން ނުފެނުނެވެ. އަލްފާ އަކީ ޖައިޝާން ފިޔަވާ އެކުވެރިން މަދު ކުއްޖެކެވެ. ނަމަވެސް ދަންނަ އެކަކަށް ވެސް އޭނާ ވީ ތަނެއް ނޭނގެއެވެ. މިއޮށް ބޮޑު މާލޭގައި ފިލައިގެން އެއުޅެނީ ކީއްވެ ކަމެއް ޖައިޝާން އަކަށް ނޭނގެއެވެ.

އަލްފާ ފިލީއެއް ނޫނެވެ. ގެއްލުނީއެއްވެސް ނޫނެވެ. ދުނިޔެ މަތިން ފޫހި ވީއެވެ. އަލްފާ ގެ ބައްޕަ ވަނީ އުމުރުން ދެ އަހަރުގައި ނިޔާވެފައެެވެ. މާ ގިނަ އަހަރުތަކެއް ނުވެ މަންމަ ވެސް މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ. އާއިލާ މީހަކަށް ދެން ހުރީ ބޭބެ އެކަންޏެވެ. ބޭބެ ވަނީ އޭނާގެ ކުޑަ އާއިލާ އާއެކު ކެނެޑާއަށް ބަދަލުވެފައެވެ. އަލްފާއަށް ގުޅާ ނުލާ ތާނގައި ދިރިހުރި ތޯ ވެސް ބަލާނުލައެވެ. އޭލެވެލް ކިޔަވަން ހުރި އިރު ދިން އެއްޗެއް ދިނީ ބޭބެއެވެ. ބާރަ ނިމުމުގެ ކުރިން ކެނެޑާއަށް ފުރައިފިއެެވެ. މިވީ ހަތް އަހަރު ދުވަހުގެ ތެރޭގައި ބޭބެގެ އެއްވެސް ހަބަރެއް ނުވެއެވެ. އެހެންކަމުން އަލްފާއަކީ އަކީ އާއިލާ އެއް، މާ ގާތް ރައްޓެއްސެއް ހުރި މީހެއް ނޫނެވެ. މިހެން އުޅެނިކޮށް ދިމާވީ އާތިފް އާއެވެ. އެއީ އެހެން ދުވަަހަކަށް އޮތް ވާހަކައެކެވެ. އެ ޚިޔާލުތަކުގެ ތެރެއަށް އަނބުރާ ދާކަށް އަދި އަލްފާ ތައްޔާރެއް ނޫނެވެ.

އެންމެ ފަހުން އޭނާ ނެރެލި ގެއަކީ މީގެ އަހަރެއް ކުރިން ބަދަލުވި ގެއެކެވެ. ފުރަތަމަ މަހެއްހާ ދުވަސް ވޭތަވީ އަމާން އޮމާން ކޮށެެވެ. ދުވަސްކޮޅެއް ނުވެ އަންނަން އުޅޭ ތޫފާނުގެ ރޯޅިތައް އޭނާގެ ދިރިއުޅުމަށް އެޅެން ފަށައިފިއެވެ. އެއްވެސް ކަމަކާ ނުލާ އަބަދު ގޭތެރޭގައި ޒުވާބު ކުރުމާ، ގޭގައި ބައިތިއްބާ ކުދިންނަށް މަލާމާތް ކޮށް އެއްޗެހި ގޮވުން ގިނަ ވެއްޖެއެވެ. ކިޔަވަން ތިބޭ ކުދިންނަށް ވެސް މަސައްކަތް ޖައްސާ ހަދަނީ ގޭގައި ގެންގުޅޭ ނޯކަރުންތަކެއް ހެންނެވެ. ވަޒީފާ ނިންމާފައި ގެއަށް އައުމަށްފަހު ވެސް އަލްފާ އަކަށް ނޭވާއެއް ލެވޭކަށް ނޯވެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާ ބޭރަށް ނެރޭނެއެވެ. ކޮންމެވެސް ކަމެއް ޖައްސާނައެވެ. މާލޭގެ ގެތަކުގައި މަހަކު ތިންހާސް ރުފިޔާ ދީގެން ބައިތިއްބާ ކުދިންނާ ދޭތެރޭ އެ ގެ ތަކުގެ މީހުން ކަންތައް ކުރަނީ ހާދަ އިހާނެތި ގޮތްގޮތަށެވެ. އަލްފާ ވަނީ އެ ހުރިހާ ކަމެއް މާ ރަނގަޅަށް ވެސް ތަޖުރިބާ ކޮށްފައެވެ. އެންމެފަހުން ކުރިން ބުނެވެސް ނުލާ ވިއްސާރަ ރެއެއްގައި އޭނާ ގެއިން ނެރެލީއެވެ. އާއިލާ މީހަކު ގެންނަން ޖެހިގެންނޭ ކިޔާފައެވެ.

އަލްފާ ސިއްސައިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖަހާ އަޑަށެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފުހެލުމަށްފަހު ލޯގަނޑުން މޫނު ބަލާލިއެވެ. ފެންވަރައިގެން ހުރުމުން މޫނު މަތިން މިހާރު ފެނިގެންދަނީ ތާޒާ ކަމެވެ. އަވަސް އަވަހަށް ގޮސް އޭނާ ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ހިތްހެޔޮ ހިނިތުންވުމަކާއެކު ހުރި ޖައިޝާން ގެ އަންހެނުން ނެވެ.

“ހޭ. ކާން އަންނަން ވީނު؟”

ނަޝްވާ އަހާލިއެވެ. އަލްފާ ހުރީ ހެނދުނު ބުއި ކޮފީ ތަށްޓެއްގެ ބާރުގައި ކަމުން ހިނިތުން ވެލައިފައި ބޯ ޖަހާލިއެވެ. އަދި ނަޝްވާ އާއެކު ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.

***

އަލްފާ ޖައިޝާން މެންގެ ގެއަށް ބަދަލުވިތާ ދެތިން ދުވަސް ވެއްޖެއެވެ. އެތަކެއް ފަހަރަކު އާ ގެއަކަށް ބަދަލުވާން ބޭނުން ވާ ވާހަކަ ޖައިޝާން ގާތު އޭނާ އަށް ދެއްކިއްޖެއެވެ. ނަޝްވާ ގޯސްވީމައެއް ނޫނެވެ. ހަމަ އުޅެން ބޭނުން ނުވަނީއެވެ. އަލްފާ އާ ޖައިޝާން އަކީ އެއް އިރެއްގައި ދެލޯބިވެރިން ކަމުން ނަޝްވާ އާއި ޖައިޝާންގެ ގުޅުމަށް އަރާފާނެ ހުރަހަކަށް ވާން ބޭނުން ނުވާތީއެވެ. އަލްފާ ހީކޮށްގެން ހުރީ ނަޝްވާ އަށް ހުރިހާ ކަމެއް އެނގޭ ކަމަށެވެ. ނަމަވެސް ނަޝްވާ ގެ ފަރާތުން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް އަލްފާއަށް ނުފެންނާތީ ހައިރާން ވެއެވެ. ގޭ ތެރޭގެ މަސައްކަތް ތަކުގައި ދެމީހުންވެސް އުޅެނީ ވަރަށް އެއްކޮށެވެ. އަލްފާ އަކީ ވަރަށް މީރު ކޮށް ކައްކަން އެނގޭ ކުއްޖެއްް ކަމުން އެގޭގައި މުޅިން ހެން ފަހަކަށް އައިސް ކައްކަނީ އޭނާއެެވެ. ނަޝްވާ ހުންނަނީ އަލްފާ އަށް ބޭނުންވާ ކުދި ކުދި އެހީތައް ފޯރުކޮށްދޭށެވެ. ދެމީހުންވެސް އުޅެމުންދިޔައީ ވަރަށް ހިތް ހަމަޖެހިގެންނެވެ. އެކަމާ ޖައިޝާން ހުންނަނީ ވަރަށް އުފަލުންނެވެ. އަލްފާ އަށް އެކަށީގެންވާ ގެއެއް ހޯދުމުގެ މަސައްކަތް އޭނާ ދަނީ ކުރަމުންނެވެ. އެކި އެކި ތަންތަން ބެލިއްޖެއެވެ. އޭނާ ހިތްހަމަނުޖެހެނީއެވެ. ކުރިން އަލްފާ އުޅުނު ހާލަތަށް އަލުން ފޮނުވާލާކަށް ބޭނުމެއް ނުވެއެވެ.

އެހެން ދުވަސް ތަކެކޭ އެއްގޮތަށް މިއަދުވެސް އަލްފާ އާ ނަޝްވާ އުޅެމުން ދިޔައީ ބަދިގޭގައެވެ. ގޭގެ ބެލް ޖެހި އަޑަށް ކުޑަ ތުުވާލިކޮޅަކުން ފުހެމުން ނަޝްވާ ދިޔައީ ދޮރާ ދިމާލަށެވެ. ހުޅުވާލި އިރު ކުރިމަތީގައި ތިބީ އޭނާގެ ދެ ރައްޓެހިން ކަމުގައިވާ ސައުސަން އާއި ރީހާންއެވެ. ދެމީހުން ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު ފެނުމުން ނަޝްވާގެ މޫނުމަތި އުޖާލާވިއެވެ.

“ވަދޭ ވަދޭ. އަމިއްލަ ގެއެންނު”

ނަޝްވާ ދޮރު ރަނގަޅަށް ނުުހުޅުވަނީސް ރީހާން ވަދެގެން ދިޔުމުން މަލާމާތް ކޮށްލިއެވެ. ވަދެގެން އައި ރީހާންގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އަލްފާ އެވެ. ދޮން މޫނެކެވެ. ރަން ކުލައިގެ އިސްތަށި ތަކާ އެކުވެ ހުރި ކަޅުކުލައިގެ ބޯ އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި ހަށިގަނޑުގެ ވަނާތައް ފުރިހަމައެވެ. އަލްފާގެ ތުނި ހަށިގަނޑަށް އިސާހިތަކު ރީހާން ގެ ހިތް ކިޔައިފިއެވެ. ރީހާން ގެ ފަރާތުން އަޑެއް ބަޑެއް ނީވިގެން ނަޝްވާ ބަލާލި އިރު ފެނުނު މަންޒަރުން އޭނާ ގާތަށް ހިނިވެސް އައެވެ. ގަބު ކައިފާ ބަލަހައްޓައިގެން އެ ހުރީ އަލްފާ އާ ދިމާލަށެވެ.

“ހާ ނޭމް އިޒް އަލްފާ” ރީހާން އަށް އެކަނި އިވޭ ވަރަށް މަޑުމަޑުން ނަޝްވާ ބުނެލިއެވެ. އަދި އަލްފާ އަށް ގޮވާ، ގެނެސް އޭނާގެ ދެ ރައްޓެހިން ތައާރަފް ކުރިއެވެ. ސައުސަން އަކީ ފާޑެއްގެ މީހެއްކަމުން އޭނާގެ ދެއްކީ ފިނި ހަރަކާތްތަކެކެވެ. އަލްފާ އޭނާ އަށް ކަމުނުދަނީ ކަންނޭނގެއެވެ. ނަމަވެސް ހަގީގަތަކީ ރީހާން ގެ ފަރާތުން އަލްފާ އަށް ލިބެމުންދާ ސަމާލުކަން ސައުސަން އަށް ހަޖަމް ނުވީއެވެ. ސައުސަން ގެ ހިތުގައި ރީހާން އަށް އަށަގަނެފައިވާ އިހުސާސު ތަކެއްގެ ސަބަބުންނެވެ.

“ހޫނ ދެން ހިނގާބަލަ ކޮޓަރިއަށް. އެބަ ހުއްޓޭ ބައިވަރު ވާހަކަ ދައްކަން ވެފަ” ސައުސަން ބޭނުންވީ ވީހާވެސް އަވަހަކަށް އަލްފާ ނުފެންނަ ހިސާބަކަށް ދާށެވެ.

ރީހާން އާ ސައުސަން ގޮވައިގެން ނަޝްވާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އަލްފާ ވެސް ގޮސް އޭނާ ކުރަން ހުރި މަސައްކަތް ނިންމަން އަވަސް ވެގަތެވެ.

“ހަމަ ސިޓިންގ ރޫމް ގައި ތިބެ ވެސް ތި ތަޅަން ބޭނުންވާ އަނގަ އެއް ތެޅޭނެ ދޯ؟”

ހިތްހަމަ ނުޖެހިފައި ހުރެ ރީހާން ވާހަކަ ދެއްކިއެވެ. އޭނާ ބޭނުންވީ އަލްފާ ފެންނަ ހިސާބުގައި ހުންނާށެވެ. އަލްފާ އާ ވާހަކަ ދައްކާ އޭނާ ދެކެފަރިތަ ވާށެވެ. ރީހާން ގެ މި ބަސްތަކުން ސައުސަން އިތުރަށް ރުޅިއައެވެ.

“ތިހާ ހުންނަ ހިތް ވަންޏާ ދޭބަލަ ގޮސް ބޭރުގަ ހުންނަން.”

ސައުސަން ރައްދު ދިނެވެ. ދެމީހުންގެ ދެމެދުގައި ޒުވާބެއް ނުފަށަނީސް ނަޝްވާ ވާހަކަ ބަދަލުކޮށްލިއެވެ. ނަމަވެސް ވާހަކައިގެ މިސްރާބު ދިޔައީ ހަމަ އެއް ދިމާލަކަށެވެ. އަލްފާ އާ ދިމާލަށެވެ. އަލްފާ އާ ބެހޭގޮތުން އަހަން ބޭނުންވާ ސުވާލުތައް ރީހާން ފައްޗަކަށް އަމުނާލިއެވެ. ސައުސަން އިނީ އާދަޔާ ޚިލާފަށް މަޑުންނެވެ. ނަޝްވާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމެންދެން މަޑުން އިނީއެވެ.

“އެ ދެމީހުންގެ ދެމެދުގަ އެއްވެސް ކަމެއް ނެތްކަން ހަމަ ޔަގީންތަ؟”

ސައުސަން ކުރި ސުވާލަށް ނަޝްވާ ޔަގީން ކަމާއެކު ޖަވާބުދިނެވެ.

“ޔެޕް. އެއީ ހަމަ ގާތް ދެ ރައްޓެހިން. އައި ޓްރަސްޓް ޖައިޝާން ކޮމްޕްލީޓްލީ. އަނެއްކާ އަލްފާ އަކީ ވެސް ނުލާހިކު ޗިލް ކުއްޖެއްް. ވަރަށް ގެވެހި، އެހާ އޯޕަން މައިންޑެޑް، ނުލާހިކު މީރުކޮށް ކައްކާ. އޭނަ އައި ފަހުން އަހަރެން ކައްކާ ހަދާކަށް ނުޖެހެ. ޝީ އިޒް ސޯ ނައިސް”

“ދެ އަންބަށް އިންނަން ޕާފެކްޓް ކުއްޖެކޭ ދޯ ތިބުނީ؟”

ސައުސަން ދިޔައީ އަލިފާން ގަނޑަށް ދަރުއަޅާ ފުރަމުންނެވެ. އެކަން ނަޝްވާ އަށް ވެސް ރީހާން އަށް ވެސް ރޭކާނުލައެވެ. އަލްފާ އަކީ ސައުސަން އާ ދެންމެ ދިމާވި މީހެއް ނަމަވެސް މާ ގިނައިން އެ މޫނެއް ދެކެން ބޭނުންވާ މޫނެއް ނޫނެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް އެމީހުންގެ ދިރިއުޅުމުން އަލްފާ ބޭރުކޮށްލަނަ ސައުސަން ބޭނުންވެއެވެ. ނަޝްވާ ގެ ގޭގައި މާ ގިނަ ދުވަހު އަލްފާ ބަހައްޓައިފިއްޔާ ރީހާން މި ގެއަށް އަންނަލެއް ގިނަ ވާނެއެވެ. އެހެން ހުއްޓާ ފެންނާނީ ރީހާން ގެ ހިތް އަލްފާ ޖަހައިގަންނަ ތަނެވެ. މިއޮށްހާ ދުވަހު ސައުސަން މަސައްކަތް ކުރަމުން އައީ ރީހާން އޭނާގެ މީހަކަށް ހެދޭތޯއެވެ. އެކަން ނާކާމިޔާބު ވިޔަކަ އޭނާއެއް ނުދޭނެއެވެ.

“އެ ބުނާހެން. މަ މީ ޖައިޝާން ނަމަ އެހާ ހޮޓް ކުއްޖެއް ގޭގަ ހުންނަ ނަމަ ހަމަ ރަނގަޅަށް ވެސް ޖައްސާނަން. އެހެރަ ރީތި ކަމެއް، މާޝާ ﷲ މާޝާ ﷲ”

ރީހާން ސަމާސާ ކޮށްލިއެވެ. ސައުސަން ގެ ހިތަށް އޭނާގެ ބަސްތަކުން ކިތަންމެ އަސަރެއް ކުރިއަސް އެ ސަމާސާގައި ބައިވެރިވިއެވެ. ނަޝްވާ އަށް ވަސްވާސް ދެވޭނީ ރީހާން އޭނާގެ ސައިޑްގައި ބަހައްޓައިގެން ކަން އެނގޭތީއެވެ.

“ނޫން ދޯ. ލައިކް އައި ސެއިޑް އެއީ ހަމަ ދެ ރައްޓެހިން. ޖައި ކީއްވެ އެހެން މީހަކާ އިންނަން ބޭނުން ވާނީވެސް ފުރަތަމަ ކަމަކަށް؟ ވީ އާ ޕާފެކްޓް”

ނަޝްވާ ހުރީ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ޝައްކުގެ އުދަބާނިތައް އޭނާގެ ރައްޓެހިންނަށް ނުދައްކާށެވެ. އެމީހުންވެސް ހީކުރާނީ ނަޝްވާ އޭނާގެ ފިރިމީހާއަށް އިތުބާރު ނުކުރަނީ ކަމަށެވެ. ނަމަވެސް އޭނާ އިތުބާރު ކުރެއެވެ. ކުޑަކޮށް އަމިއްލަ ނަފްސަށް އިތުބާރު ނުުކުރެވެނީއެވެ. އަމިއްލަ ސިފަތަކާމެދު އިންސެކިއުރ ވަނީއެވެ.

“ހަމަ ނަޝް ގެ ކުށެއް ނެތަސް ދެ އަންބަށް މީހަކާ އިނދެދާނެ އެންނު. ރަނގަޅު މީހުން ދެ އަންބަށް އިންނަނީ ހަމަ އެކަނި އެ މީހުންގެ ދިރިއުޅުމުގައި މައްސަލަ ހުރެގެންނެއް ނޫނޭ. އެހެން އަންހެނުންނަށް އަޅާލަން ވެސް އިނދޭ. ދޯ ރީ؟”

“ޔެސް. އަދި އަލްފާ ކަހަލަ ހޮޓު ޗިކެއް ނަމަ މާ ވަރަކަށް ވިސްނާކަށް ވެސް ނުޖެހޭނެ. މަ މި ހުރީ މިހާރުވެސް ހަމަ އިންނަން ތައްޔާރަށް”

ސައުސަން އާ ރީހާންގެ ވާހަކަތަކުން ނަޝްވާގެ ހިތަށް ނުތަނަވަސް ކަން ވެރިވިއެވެ. އަލްފާގެ އެއްވެސް ހަގީގަތެއް ނަޝްވާ އަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްްޗަކީ އެއީ ޖައިޝާން ގެ ގާތް އެކުވެރި އެއް ކަމެވެ. އިނދެގެން މިއޮށްހާ ދުވަސް ވިއިރުވެސް އަލްފާގެ ނަން ވެސް ނަޝްވާ އެއް ނާހައެވެ. ޖައިޝާން ގެ އޭލެވެލް ދުވަސް ވަރުން ހަމަ އެކަނި އެނގޭ ވާހަކަ އަކީ އެލީ ކިޔާ ބިޓެއް ހުރި ކަމެވެ.

“ދެން ލެޓްސް ނޮޓް ޓޯކް އެބައުޓް އިޓް.”

ނަޝްވާ ބޭނުންވީ ވީހާވެސް އަވަހަކަށް ވާހަކަ ބަދަލުކޮށްލާށެވެ. އޭނާގެ އަވަސް ހަރަކާތްތަކުން ސައުސަންގެ ބޭނުން ހާސިލް ވެއްޖެކަން އެނގުމުން ހިނިތުން ވެލިއެވެ. އޭނާ މި ރޯ ކޮށްލި އަލިފާން ގަނޑު ދެން އަމިއްލަ އަށް ފެތުރިގަންނާނެކަން އޭނާއަށް ޔަގީންވިއެވެ. އިތުރަށް ދަރުއެޅުމުގެ ބޭނުމެއް ދެނެއް ނުޖެހޭނެއެވެ.

***

ސައުސަން އާ ރީހާން ނަޝްވާ އަށް ބައްދަލުކުރަން އައި ފަހުން ދެތިން ދުވަސް ވެއްޖެއެވެ. ނަޝްވާ ގެ ހިތުގައި ކިތަންމެ ސުވާލުތަކެއް އުފެދފައި ހުރި ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ޖައިޝާން ގާތަކު ނުދައްކައެވެ. އަލްފާ އާ ދޭތެރޭ އޭނާ ކަންތައް ކުރަމުން ދިޔައީ ހަމަ ކުރިން ވެސް ކަންތައް ކުރަމުން އައި ގޮތަށެވެ. އަލްފާ އާއި ޖައިޝާން ގެ އުޅުމުން ޝައްކު ކުރެވޭފަދަ އެއްވެސް ކަންތަކެއް ނުފެނުމުން ނަޝްވާ ކުޑަކޮށް ހަމަޖެހުނެވެ. ނަމަވެސް އޭނާގެ މި ހިތް ހަމަޖެހުން ހިތް ނުތަނަވަސް ކަމަށް ބަދަލުވެގެން ދިޔައީ ހީޥެސް ނުކުރާހާ އަވަހަށެވެ.

އަލްފާ އެ ގެއަށް ބަދަލުވި ފަހުން އައި ފުރަތަމަ ހުކުރު ދުވަހު ގޭގައި ކައްކަން ބޭނުންވީ ނަޝްވާ އެވެ. އަލްފާ ކައްކާތާ މާ ގިނަ ދުވަސް ވެއްޖެއޭ ކިޔާ ޖައިޝާން އޭނާގެ ކެއްކުމުގެ މަތިން ހަނދާން ނެތުމުގެ ކުރިން ކޮންމެވެސް އެއްްޗެއް ހަދަން ވާނެއެއް ނޫން ހޭ ބުނެ ކެއްކުމުގެ މަސައްކަތް ފެއްޓިއެވެ. އަލްފާ ދިޔައީ އެހީތެރި ވަމުންނެވެ. ބޭނުންވެއްޖެ ހާލުގައި އެއްޗެހި ކިޔައިދެމުންނެވެ. މީރު ރަހަ ތައް ގެނުވަން އަޅަން ޖެހޭނެ އެއްޗެއްސާ އެއްވެސް ގޮތަކަށް ބޭނުން ކުރަން ނުޖެހޭނެ އެއްޗެހި ކިޔައިދެމުން ދިޔައެވެ. އަލްފާގެ އަތުން އެ ދުވަހު ހެދީ ސަޓަންޏެއް އެކަންޏެވެ. ކައްކާ ނިމުމުން ނަޝްވާ ގެ މަސައްކަތާ ދޭތެރޭ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ޖައިޝާން ގެ ތައުރީފް ގެ ކޮމެންޓަކަށް އޭނާ ހުރީ އިންތިޒާރު ކޮށްގެންނެވެ. ނަމަވެސް ސުފުރާ މައްޗަށް ކާން އަރާ، ކާން ފެށުމަށްފަހު ކަންތައް ވެގެން ދިޔައީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ.

“އަލްފާ މިއަދު ހާދަ ވައި ކޮށް ކައްކާފަ؟ އެހެން ދުވަސް ތަކުގަ ހުންނަ މީރުކަމެއް ނެތް. މީހަކު ދެކެ ރުޅި އައިސް ހުރެތަ ކެއްކީ؟”

ޖައިޝާން ސަމާސާ ކޮށްލިއެވެ. އަލްފާގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި ނަޝްވާ ގެ މޫނަށް ބަލާލެވުނެވެ. އޭނާގެ މޫނު މަތީގެ ކުލަވަރު ހުރީ އާދައިގެ ގޮތަކަށެވެ. ނަމަވެސް އަލްފާ އަކީ އަންހެނެކެވެ. ނަޝްވާ ހުންނާނީ ކެކި އަރަ އަރާ ކަން އޭނާ އަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. އެހެންކަމުން ލޮލުގެ އިޝާރާތުން އެއީ ތިމަންނަ އެއް ނޫނޭވެސް އެތަކެއް ފަަހަރަކު ބުނެވޭތޯ މަސައްކަތް ކުރިއެވެ. ޖައިޝާން އަށް ރޭކާލި ހެން ވެސް ހިޔެއް ނުވެއެވެ.

ޖައިޝާން ކައި ނިމެންދެން އެއްވެސް އެއްޗެކޭ ނުބުނެ ނަޝްވާ އިނެވެ. ހިތްހަމަ ނުޖެހިފައެވެ. ދެރަވެފައެވެ. ފިރި އެއް އެހެން އަންހެނަކަށް ތައުރީފް ކުރާ އަޑު އެހުން އެއީ އަންބެއްގެ ހިތަށް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. އަދި އަމުދުން އޭނާ އަތުން ކެއްކި އެއްޗެހި ކަމުނުގޮސް ގެން އެ ވާހަކަ ވެސް ދައްކައިފިއެވެ. ކާ އެއްޗެހި ކެއްކީ ނަޝްވާ ކަން އެނގުނު ނަމަ ޖައިޝާން އެފަދަ އެއްޗެެއް ނުކީހެވެ. އަލްފާ އާ އޭނާ އާ މެދު އޮންނަ ރައްޓެހި ކަމަކުން އެކަކު އަނެކަކަށް މަލާމާތް ކޮށް ހަދާތީ މިއަދު އޭނާގެ ކެއްކުަމުގައި އާންމުކޮށް ހުންނަ މީރުކަން ނެތުމުން މަލާމާތް ކޮށްލާ ހިތްވީއެވެ.

ނަޝްވާ އެންމެ ދެރަވީ ހެދި ހުރިހާ ކާ އެއްޗެހި ތަކުގެ ތެރެއިން ވެސް އޭނާއަށް ކަމުދިޔައީ ސަޓަނި އެކަނި ވީމައެވެ. އޭނާގެ ހިތުގައި އެކި އެކި އިހުސާސްތައް އުފެދެމުން ދިޔައެވެ. ޖައިޝާން ވެސް މީރު އެއްޗެހި އޭނާއަށް ކާން ދީ ހަދާނެ މީހެއް ބޭނުން ވާނެއެވެ. އަނެއްކާ ހަމަ އަސްލަށް ވެސް އަލްފާ އާ ދެ އަންބަށް އިންނާނީ ބާވައެވެ. މިފަދަ ސުވާލުތަކާ ހުރެ އޭނާއަށް އެރޭ ރަނގަޅަށް ނުވެސް ނިދެއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ފެނުނީ އަދި އެއަށް ވުރެ ހިތަށް އަސަރު ކުރި މަންޒަރެކެވެ. ނިދާ ހޭލައިގެން ކޮޓަރިން ނިކުތް އިރު އަލްފާ ހުރީ ޖައިޝާން ގެ ގަމީސް އިސްތިރިކުރާށެވެ. ކައިރީގައި ޖައިޝާން ހުރީ ފާރެއްގައި ލެނގިލައިގެން ހުސް ގަޔާއެވެ. ޖައިޝާން ގެ ކޮންމެވެސް ޖޯކަކަށް އަލްފާ ދިޔައީ ހެމުންނެވެ. ނަޝްވާ އަށް އެ ދެމީހުން ސިފަވީ ދެ ލޯބި ވެރިން ގޮތުގައެވެ. އިނދެގެން އުޅޭ ދެމީހުން ގޮތުގައެވެ. އޭނާގެ ހިތް ވާން ވެ ބާރުވާން ފަށައިފިއެވެ. އަވަސް އަވަހަށް ގޮސް އެނދުގައި އޮށޯވެއްޖެއެވެ. ހޭލާ އުޅޭކަން ޖައިޝާން އަށް ނާންގާށެވެ. އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ނުދައްކާށެވެ.

ޖައިޝާން ހެނދުނު ތެދުވިއިރު އަލްފާ އޮތީ ގަދަ ނިދީގައި ނިދާފައެވެ. ހޭލާތޯ އެތަކެއް ފަހަރު ގޮވިއެވެ. އޮފީހަށް ދާން ގަމީހެއް އިސްތިރި ކުރާށެވެ. ނަމަވެސް ރޭ ތަންކޮޅެއް ލަހުން ނިދީ އޭ ހިތާ އިތުރަށް އުނދަގޫ ނުކޮށް ބޭއްވީއެވެ. އިސްތިރި ކުރާ މޭޒު ހުންނަނީ ސިޓިން ރޫމުގައި ބަހައްޓާފައި ކަމުން އޭނާ ހުރީ ބޭރުގައެވެ. އަލްފާ ހެނދުނު ސައިބޯން ހަދަން ނިކުތް އިރު ޖައިޝާން ހުރީ އިސްތިރި ކުރާށެވެ. ގަދަ ކަމުން އޭނާގެ އަތުން އިސްތިރި ނެގީ އޭނާ ހުންނަ ތަނެއްގައި ފިރިހެނަކު އަމިއްލަ އަށް އިސްތިރި ކުރާތަން ދެކެން ބޭނުން ނުވާތީއެވެ. ހާއްސަ ކޮށް ޖައިޝާން އަމިއްލަ އަށް މަސައްކަތް ކުރަން އޭނާ ބޭނުން ނުވެއެވެ. އެވެސް އަގަކާ ނުލާ އޭނާ އެ ގޭގައި ބަހައްޓާފައި ހުންނާތީވެސް ކުރެވެން އޮތް ހާ ވަރަކަށް ގޭތެރޭގެ މަސައްކަތްތައް ކޮށް ދީ ހަދައެވެ. ކުރާ ހިތުންނެވެ.

މަންޒަރު ފެނުނު ނަޝްވާ މުޅި ދުވަހު ވެސް ހުރީ ހިތް ނުތަނަވަސް ވެފައެވެ. އޭނާ މަސައްކަތް ކުރީ އަލްފާ ބޭރުގައި އުޅޭ ވަގުތަކު ބޭރަށް ނުނިކުމެ އުޅޭށެވެ. ނަމަވެސް އަލްފާ އޭނާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމުން އޭނާ އަށް ޖެހުނީ ބޭނުން ނުވިޔަސް ވައްދާށެވެ.

“ބަލިވެތަ؟ މިއަދު ހަބަރެއް ނުވާތީ.”

އަލްފާ ސުވާލުކޮށްލިއެވެ. މުޅި ކޮޓަރިއަށް ނަޒަރު ހިންގާލަމުންނެވެ.

“ނޫނޭ. ކުޑަކޮށް ބޮލަށް ތަދުވާތީ އޮތީ ހަމަ.”

ނަޝްވާ ޖަވާބު ދިނެވެ. ކޮޓަރީގައި ބަހައްޓާފައި ހުރި ފޮޓޯ ލޯގަނޑުތަކަށް ބަލަމުން ގޮސް އަލްފާގެ ލޮލުގައި އަޅާގަތީ އެތަނުން ފޮޓޯއެކެވެ. އެއީ އޭނާ ދަންނަ ފޮޓޯ އެކެވެ. މަޑު މަޑުން ހިނގާފައި ގޮސް ފޮޓޯ ލޯގަނޑު ނެގިއެވެ. އަދި ހިނިތުން ވެލައިގެން ހުރެ ފޮޓޯ ގައި އަތްކާއްތާލިއެވެ. މާޒީ ގެ އުފާވެރި ހަނދާން ތައް އާކުރަމުންނެވެ. އަލްފާ ގެ ހަރަކާތްތައް ދާދި ގާތުން ނަޝްވާ ބަލަމުން ދިޔައެވެ.

“އޯ އެމް ޖޭ އަތުގަ އަދިވެސް މި ފޮޓޯ އެބޮތްތަ؟”

ހައިރާންވެ ހުރެ އަލްފާ ސުވާލު ކުރިއެވެ. އެ ފޮޓޯ ގަނޑު ޖައިޝާން ރައްކާ ކޮށްފައިވާ ކަމުން ވެސް އެނގެނީ އޭނާގެ ރަހުމަތްތެރިކަން ޖައިޝާން އަށް މުހިންމު ވަރެވެ. ފޮޓޯ އިން އެއީ އަލްފާކަމެއް ނޭނގޭނެއެވެ. އޭނާގެ އަތުން މޫނު ފޮރުވާފައި އިނީމައެވެ. އެއީ އޭލެވެލް ގެ އެންމެ ފަހު ދުވަހު އެ ދެމީހުން ނަގާފައިވާ ފޮޓޯއެކެވެ.

އަލްފާގެ މި ސުވާލުން ނަޝްވާ ދިޔައީ ސިއްސައިގެންނެވެ. އެ ފޮޓޯ އަކީ ކުރިން ޖައިޝާން ރައްޓެހިވެގެން އުޅުނު އެލީ އާ އެކު ނަގާފަ އިން ފޮޓޯ އެކެވެ. އޭގެ ތިރީގައި “ޖޭ އެންޑް އެލީ- ފްރެންޑްސް ފޯ އެވަރ” ޖަހާފަ ވެސް އިނެވެ. ޖައިޝާން އެ ދައްކާ އެލީ އަކީ އަލްފާ ހެއްޔެވެ؟

“އަލްފާ އަށް ކިހިނެތް މި ފޮޓޯ އެނގެނީ؟”

ނަޝްވާ ސުވާލު ކޮށްލިއެވެ.

“އޮހ، ކުރީގަ އެންމެން ވެސް އަހަރެންނަށް ކިޔަނި އެލީ. އެއީ އަސްލު އަހަރެންގެ ނަމަކީ އަލްފާ އަލީ ވީމަ. ކިޔަވައިދޭން އައި ބްރިޓިޝް ޓީޗަރެއް އަހަރެންނަށް ކުލާހުގެ ފުރަތަމަ ދުވަހު ގޮވީ އެލީ އޭ ކިޔާފަ. އޭނާ ހީކުރީ ސެކަންޑް ނޭމް އިންނޭ މިތާގަ ވެސް ގޮވަނި. އަދި އަލީ އެކޭވެސް ނޫން ގޮވުނި. އެލީ އޭ ކިޔާފަ. އެފަހުން ހުރިހާ އެންމެން އަހަރެންނަށް ކިޔަނީ އެލީ. ޖައިޝާން އަށް އޭނަ ކިޔަނި ޖޭ. އެހެންވެ އޭނަ އަށް ވެސް ޖޭ ކިޔަން ފެށީ”

އަލްފާ އަށް ހެވުނެވެ. މާޒީގެ ހަނދާން ތައް އާވުމުންނެވެ. ނަމަވެސް ނަޝްވާ ގެ މޫނަށް އަރައިގެން ދިޔަ ކުލަ ވަރު ފެނި އޭނާގެ ހުނުން ހުއްޓުނެވެ.

“އަހަރެން ބޭނުމެއް ނޫން އަލްފާ އެންމެ ހިނދުކޮޅަަކަށްވެސް މި ގޭގަ ހުންނާކަށް.”

ނަޝްވާ އަލްފާ އާ ދިމާލަށް ހަޅޭލަވައިގަތެވެ. ކުއްލިއަކަށް ހުރެ ނަޝްވާ ގެ ފަރާތުން މިފަދަ ސިފައެއް ފެނުމުން އަލްފާ ހުރީ ސިހިފައެވެ. ވާ އެއް ނުވާ އެއް ނޭނގިފައެވެ.

“ތިއީ އެންނު އެ އެލީ އަކީ؟ ޖައިޝާން އޭލެވެލް ހެދި އިރު ރައްޓެހި ވެގެން އުޅުނު އެލީ އަކީ! ތި ދެމީހުން ހީކުރީ ތި ގަންނަ ގަނޑެއް އަހަރެންނަށް ނޭނގޭނެ ކަމަށްތަ؟ އަަހަރެންނަށް ހުރިހާ ކަމެއްވެސް އެނގިއްޖެ! ފުރަތަމަ ދުވަހު ވެސް އަހަރެންގެ ހިތަށް އެރިޔޭ މި ކަހަލަ އަންހެނުން ހަމަ އުޅޭނީ ފިރިން ޖަހައިގަންނާށޭ”

ނަޝްވާ އަށް ބުނެވޭ ނުބުނެވޭ އެއްޗެއް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ކޮންމެވެސް މީހަކު އޭނާއަށް ބޭވަފާތެރި ވެއްޖެކަމެވެ. ޖައިޝާން އަށް ކުރި އިތުބާރުގައި އޭނާ ކޮޅު ފައިން ޖެހީއޭ ހިތަށް އަރަމުން ދިޔައެވެ. އެ ދެ މީހުންގެ މެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނެތޭ ބުނެ ނަޝްވާ އަށް ވިސްނައި ދެވޭތޯ އަލްފާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ނަޝްވާ ހުރީ އަޑުއަހަން ތައްޔާރަކަށް ނޫނެވެ. އޭނާ ބޭނުންވަނީ ސާފު ހިތަކާއެކު މިކަމާ ދޭތެރޭ ވިސްނާށެވެ. އެ ކޮޓަރީގައި ދެން އޭނާއަކަަށް ނުހުރެވޭނެއެވެ. އޭނާ ބޭނުންވަނީ އެ ގެއިން ވެސް ނިކުމެގެން ދާށެވެ. ހާސް ވާ ވަރުންނެވެ.

“ނިކުމޭ. އަހަރެންގެ ލޯޯ މަތިން ދުރަށް ދޭ…”

“އެކަމަކު ނަޝް…”

“ނިކުންނާށޭ!”

ނަޝްވާ ހަޅޭލަވައިގަތުމުން އަވަސް އަވަހަށް ގޮސް އަލްފާ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ ހުރީ ގޮތް ހުސްވެ ކުރާނެ ކަމެއް ނޭނގިފައެވެ. އަވަސް އަވަހަށް ޖައިޝާން އަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޖައިޝާން ގެ ފޯނު އޮތީ ނިއްވާލާފައެވެ. ވަރަށް ވިސްނުމަށް ފަހު އަލްފާ ނިންމީ އެ ގެއިން ނިކުމުގެން ދާށެވެ. ނަޝްވާ އާ ޖައިޝާންގެ ގުޅުން ސަލާމަތްވާނީ އޭނާގެ މޫނުވެސް ނުފެންނަ ހިސާބަކަށް ގޮސްގެންނެވެ.

ފޮށްޓައް އެއްޗެހި އެޅުމަށް ފަހު ފޮތަކުން ގަޑެއް ނައްޓާލިއެވެ. އަދި ލިޔަން ފެއްޓިއެވެ.

“ޖޭ،

ވަރަށް ބޮޑަށް އަހަރެންނަށް މައާފް ކުރޭ. އަހަރެން މި ގެއަށް އައީ އެއްވެސް ހާލެއްގައި ޖޭ އާ ނަޝް އާ ދެމެދަށް ވަންނާކަށް ނޫން. މިގެއަށް އައި ދުވަހުން ސުރެ މިއަދާ ހަމައަށްވެސް އަހަރެން ނަޝް އާ ދޭތެރޭ ދެކެމުން އައި ނުލާހިކު ގާތް ކޮށް. ހާލު ގައި ޖެހުނު ދުވަހު އަހަރެންނަށް އަޅާލީތީ އަހަރެން ތި ދެމީހުންނަށް އަބަދު ވެސް ޝުކުރުވެރިވާނަން. އަހަރެންނާ ޖޭ އާ ދެމެދު އޭލެވެލް އޮތް އިރު ހިނގާ ދިޔަ ކަންތައް އެއީ މާޒީ. އަހަރެންގެ ހިތުގައިވެސް އަދި ޖޭ ގެ ހިތުގައިވެސް ރަހުމަތްތެރިކަމުގެ ލޯބި ފިޔަވާ އިތުރު އެއްޗެއް ނުވާކަން އަހަރެންނަށް ޔަގީން. އޭލެވެލް ދުވަސް ވަރު ރައްޓެހިވެވުނީ މީހުން ކިޔާވަރުން. ބްރޭކް އަޕް ވީ އަހަރެމެން ދެމީހުން ބޭނުން ވެގެން. އެވާހަކަ ތައް ނަޝް އަށް ކިޔައިދިން ނަމަ މިއަދު މިދުވަހެއް ނާންނާނެ. އަންހެނުންނަކީ ފާޑެއްގެ ބައެއް. ކިރިޔާ ވެސް ޝައްކު ކުރެވޭ ކަހަލަ ކަމެއް އޮތިއްޔާ ޝައްކު ކުރާނެ. ނަޝް މިއަދު އެ ހުރީ ވަރަށް ރުޅި އައިސް. ނަޝް ހީކުރަނީ އަހަރެމެން ދެމީހުން ދެމެދު ގުޅުމެއް އޮންނަ ކަމަށް. އެކަމް އަހަރެން ދެކެނީ ތިއީ އާއިލާ މީހެއްގެ ގޮތުގައި. އަހަރެންގެ ހުރި ހަމަ އެކަނި އާއިލާއަކީވެސް ތިއީ. އެހެންކަމުން އަހަރެން މިއަދު ނިކުމެގެން މިދަނީ ޖޭ ގެ ގެއިންނާ ދިރިއުޅުމުމުން. ނަޝް އަށް ހުރިހާ ކަމެއް އެނގި، އަހަރެން އެކްސެޕްޓް ނުކުރަނީސް އަހަންނެއް ޖޭ ގެ ދިރިއުޅުމަކަށް ނާންނާނަން. އަދިވެސް އެއްފަހަރު ވަރަށް މައާފަށް އެދެން.

އެލީ”

އަލްފާ ސިޓީ ނިންމާލިއެވެ. އަދި ޑްރެސިންގ ޓޭބަލް މޭޒުމަތީގައި ބޭއްވުމަށްފަހު ގެއިން ނިކުމެގެން ދިޔައީ އެވެ. ފަސް އެނބުރި ބަލާވެސް ނުލައެވެ.

***

ނަޝްވާ ދެކޮޅަށް ހިނގަމުން ހިނގަމުން ދިޔައީ ގޮތް ހުސް ވެ ހުރެއެވެ. އޭނާގެ ރަހުމަތްތެރިޔާ ސައުސަން އަށް ގުޅާ ކަންތައް ވީ ގޮތް ކިޔަިއދީފިއެވެ. ސައުސަން ގެ ޚިޔާލަކީ ނޯޓެއް ލިޔުމަށް ފަހު އިހަށް އެ ގެއަށް އަންނާށެވެ. ޖައިޝާން ސިއްސުވާލާށެވެ. އޭނާއަށް ކުރެވުނު ކަންތައް ގޯސް ކަން ހަނދާން ކޮށް ދޭށެވެ. ނަމަވެސް ނަޝްވާ ހިތުން އެއީ ކަންތައް މާ މައްޗަށް ގެންދިޔުމެވެ. ވާހަކަ ދައްކައިގެން ވެސް މިކަންތައް ހައްލު ކުރެވިދާނެއެވެ. އަދި ވެގެން އުޅޭ ގޮތެއް ޖައިޝާން ގެ ކައިރިން އޮޅުން ފިލުވަން އޭނާ ބޭނުން ވިއެވެ. ނަމަވެސް ގުޅާ ގުޅާ ޖައިޝާން އާ ދިމާވާގޮތެއް ނުވިއެވެ. ފޯން އޮތީ ނިއްވާލާފައެވެ. އަނެއްކާ އަލްފާ ޖައިޝާން އަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ބާވައެވެ. ނަޝްވާ އިތުރަށް ކަންބޮޑުވެެއްޖެއެވެ. އޭނާ ކަންބޮޑު ވާން ވީ ކީޢްވެ ހެއްޔެވެ؟ ކުއްވެރިޔަކީ ޖައިޝާން އެވެ. އަދި އެ ނުލަފާ އަލްފާއެވެ. އައިސް ހުރި ރުޅީގައި ނަޝްވާ ގަނޑެއް ނަގާ ނޯޓެއް ލިޔަން ފެށިއެވެ،

“ޖައިޝާން،

ކައިވެނި ކޮށްގެން މި ވީ ހާދުވަހުވެސް އަހަރެންނަށް ތިޔަހެން ހަދާފާނެ ކަމަކަށް ދުވަހަކުވެސް ހީ ނުކުރަން. އަހަރެން ޖައިޝާން ދެކެ ކޮން ލޯތްބެއް ނުވަނީ؟ އަލްފާ އަކީ ޖައިޝާން ގެ އެކްސް ކަން އަހަރެންނަށް ސިއްރު ކުރީ ކީއްވެ؟ އިތުބާރު ނުކުރެވެންޏާ ކިހިނެއް އެކަށް އުޅޭނީ؟

ނަޝް”

ހަމަ އެކަނި މިހެން ލިޔެލުމަށްފަހު ނަޝްވާ ތެދުވިއެވެ. ފެންވަރާލާ އެއްޗެހި ބަދަލު ކޮށްލުމަށްފަހު އޭނާ ނިކުތީ އެކުވެރި ސައުސަން މެން ގޭގައި މިރޭ މަޑުކުރާށެވެ. ޖައިޝާން ގެ މޫނު ފެންނަ ހިސާބަކު ހުންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނިކުމެގެން ދިޔައީ އަލްފާ އުޅޭތޯ ވެސް ބަލާނުލައެވެ.

***

މުޅި ދުވަހު އޮފީހުގެ މަސައްކަތްތަކުގައި ވަރުބަލި ކަމާއެކު އުޅުމަށްފަހު ޖައިޝާން ގެއަށް އައީ ނަޝްވާ އާ އެކު އިތުރަށް ވަގުތު ހޭދަކޮށްލަން ޖެހިގަން އަންނަ ދެދުވަސް ވެސް ޗުއްޓީ އަށް ހަދާފައެވެ. ފަހަަކަށް އައިސް ނަޝްވާ ތަންކޮޅެއް ގެއްލިފައި ހުންނަކަން އޭނާ އަށް ފާހަގަ ކުރެވެއެވެ. އޭނާ ހީކުރީ އެއީ ނަޝްވާ އަށް ބޭނުންވާ ވަގުތު ނުދެވޭތީ ވާ ގޮތެއް ކަމަށެވެ. އެހެންކަމުން ގެއަށް ދިޔަ މަގުމަތީގައި ދިޔައީ މާ ބޮނޑިއެއް ވެސް ހިފައިގެންނެވެ.

 

ފޯން ނިވިފައި އޮތުމުން އަލްފާއަށް ވެސް އޭނާއަށް ގުޅައެއް ނުލެވެއެވެ. އަލްފާ ކަމުދާނެ ކަހަލަ ގެއެއް އޭނާ ވަނީ ހޯދާފައެވެ. އެމީހުންގެ ގެއާ މާ ދުރު ނޫން ހިސާބަކުންނެވެ. އެއް ކޮޓަރީގެ އެޕާޓްމަންޓެެކެވެ. ސެކިއުރިޓީވެސް ރަނގަޅުވެފައި އެކަށް ފާނިޝް ކޮށްފައި ހުރި ތަނެކެވެ. އެއީ ޖައިޝާންގެ ރައްޓެއްސެއްގެ ތަނެއް ކަމުން އާންމުކޮށް ކުއްޔަށް ދޭ އަގު ނޫން ކުޑަ އަގެެއްގައި ލިބުނީއެވެ. އަލްފާ އެހެން ގެއަކަށް ބަދަލު ވާން ބޭނުންވާ ވާހަކަ ދައްކާތާ ވެސް ދުވަސް ގަނޑެއް ވެއްޖެއެވެ. އެހެންކަމުން އޭނާ ބޭނުންވީ މި ކަންތައް ތަންކޮޅެއް ކުލަ ގަދަ ކޮށް ފާހަގަކޮށްލާށެވެ. ނަޝްވާ އާ ވާހަކަ ދައްކައިގެން ހައުސް ވާމިންގ ޕާޓީއެއް ވެސް ބާއްވަން އޭނާ ހުރީ ރާވައިގެންނެވެ. އަލްފާ އަށް ސަޕްރައިޒް ދޭށެވެ. ނަމަވެސް ގެއަށް އައުމުން ސަޕްރައިޒް ލިބުނީ ޖައިޝާން އަށެވެ.

– ނިމުނީ –

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލާ123

    ވާހަކަ ރީތި! މިޖީލުގެ ލިޔުންތެރިންގެ ތެރެއިން މަދު ބައެއްގެ ލިޔުން އަޅުގަނޑަށް ކަމުދަނީ!
    އެކަމަކު މަރިޔަމްގެ ވާހަކަތައް އަބަދުވެސް ޝައުގުވެރިކަމާއެކު ކިޔައިލެވޭ!ތިގޮތުގައި ކުރިޔަށް!