ޒީ ޓީވީގެ ކާމިޔާބު ޑުރާމާ ''ކުމްކުމް ބާގިޔާ''އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ޒަރީނާ ރޯޝަން ޚާން މަރުވެއްޖެއެވެ. ރިޕޯޓްތަކުން ބުނާގޮތުން ޒަރީނާ މަރުވެފައިވަނީ ކާޑިއަކް އެރެސްޓެއްގައެވެ. އޭނާ މަރުވިއިރު އުމުރަކީ 54 އަހަރެވެ.

ކުމްކުމް ބާގިޔާގައި އިންދޫ ދާދީގެ ރޯލު އަދާކުރަމުންދިޔަ ޒަރީނާ މިދިޔަ މަހާއި ހަމައަށް ވެސް ޝޫޓިންތައް ކުރިއަށް ގެންދިޔައެވެ. ޒަރީނާ ޚާނަކީ މި ޑުރާމާގައި ހިމެނޭ އެންމެން ވެސް ވަރަށް ލޯބިވާ އަދި އެހާމެ އިހުތިރާމް ކުރާ ފަންނާނެނެކެވެ.

ކުމްކުމް ބާގިޔާގެ ލީޑް ރޯލު އަދާ ކުރަމުންދާ ޝަބިރު އައްލުވާލިޔާ (އަބީ)އާއި ސްރުތީ ޖާ (ޕްރަގިޔާ) ވަނީ ޒަރިނާ ޚާން މަރުވުމުގެ ހިތާމައިގައި އޭނާއާއިއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ.

ޝަބިރު އައްލުބާލިޔާއާއި ޒަރީނާ ޚާންގެ ފޮޓޯއެއް ހިއްސާކޮށް ޝަބިރު ލަވައެއްގެ ތަންކޮޅެއް ހިއްސާކޮށްފައިވަނީ ހަލާކުވެފައިވާ ހިތެއްގެ އިމޯޖީއަކާއި އެކުގައެވެ.

ސުރުތީގެ އިންސްޓަގުރާމުގައި ޒަރީނާ ޚާނާއި ސުރުތީގެ ފޮޓޯއެއްގެ އިތުރުން ޒަރީނާ ޚާން ނަށައި ވީޑިއޯއެއް ހިއްސާކޮށްފައިވަނީ ހަލާކުވެފައިވާ ހިތެއްގެ އިމޯޖީއަކާއި އެކުގައެވެ.

މި ޑުރާމާގެ އެކްޓަރެއް ކަމަށްވާ އަނޫރާގު ޝަރުމާ (ރާޖު މެހެރާ) ބުނެފައިވަނީ ޒަރީނާ ޚާން މަރުވި ޚަބަރަކީ ތެދު ޚަބަރެއް ކަމަށާއި އަބަދުވެސް ވަރަށް ޖޯޝާއި ފޯރީގައި އުފަލާއިއެކު މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ޒަރީނާ ޚާންގެ ކެރިއަރގެ އެންމެ ފުރަތަމަ ދުވަސްކޮޅު އޭނާ ވަނީ ''ސްޓަންޓް ވުމަން''އެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި އޭނާއަކީ އަސްލު ދިރިއުޅުމުގައި ވެސް އެހާމެ ހިތްވަރުގަދަ ކެރޭ މީހެއްކަމަށް ވެސް އަނޫރާގު ބުނެފައިވެއެވެ.

އަނޫރާގު އިތުރަށް ބުނެފައިވަނީ އޭނާ ޒަރީނާއާއިއެކު އެންމެ ފަހުން ޝޫޓް ކޮށްފައިވަނީ މިދިޔަ މަހުކަމަށާއި އޭރު އޭނާގެ ހާލު ރަނގަޅު ކަމަށާއި އަދި މިއަދު ގުރޫޕުން ފެނުނީ ޒަރީނާ ޚާންގެ މަރުގެ ޚަބަރު ކަމަށެވެ.

ޒަރީނާ ޚާނަކީ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭގައި ވެސް މުހިންމު ރޯލެއް އަދާކޮށްފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު