ބޭރަށް ހިންގުމާއި ބަނޑު ހަރުވުމަކީ ވަރަށް އާއްމު ބައްޔެކެވެ. ކެއުމަށް ގެނެވޭ ބަދަލަކުން ނުވަތަ މާހައުލު ބަދަލުވުމުން ވެސް މި ކަންކަމާއި ކުރިމަތިލާން ޖެހިދާނެއެވެ. މި ބައްޔަކީ އާއްމު ބައްޔެއްކަމުން ބައްޔަށް އެތައް ފަރުވާއެއް ވެސް ވާ ކަމަށް ގިނަ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ޒަމާނުއްސުރެ ބޭނުން ކުރެވޭ އެކައްޗަކީ ދޮންކޭލެވެ.

ދޮންކޭލަކީ ވަރަށް ފަސޭހަކަމާއިއެކު ލިބެން ހުންނަ ބާވަތެކެވެ. މީގައި ގިނަ އަދަދަކަށް ފައިބަރއާއި ޕޮޓޭސިއަމް ހިމެނޭތީ ހަޖަމު ކުރުމަށް ފަސޭހަވެގެންދެއެވެ. އަދި ހަކަތަ އިތުރު ކޮށްދޭކަމަށް ވެސް ޑރ. މަހޭޝް ގުޕްތާ ބުނެފައިވެއެވެ.

ބޭރަށް ހިންގުމުން ކުރިމަތިވާ ވަރުބަލިވުމާއި ހަށިގަނޑުން ފެން މަދުވުން ފަދަ ކަންކަމަށް ވެސް ދޮންކޭލުން އެހީތެރިވެދޭ ކަމަށް ޑރ. ސީމާ ސިންގ ވިދާޅުވެފައި ވެއެވެ..

ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ދޮންނުވާ ކޭލުން އިތުރު ވައްތަރެއްގެ ފައިބަރއެއް ފެނިފައިވާ ކަމަށާއި އޭގެ ސަބަބުން ހަށިގަނޑަށް ފެން ލިއްބައިދީ ބޮޑުކަމުދިއުމުގެ ނިޒާމަށް ފަސޭހަވެގެން ދެއެވެ.

ބޭރަށް ހިންގާނަމަ ދޮންކޭލާއިއެކު ލޮނު ބޭނުންކުރުމަށް ޑރ. ސީމާ ސިންގ ވިދާޅުވެފައި ވެއެވެ. ބޮޑުކަމުދެވޭ މިންވަރަށް ބަލައި މި ބޭނުން ކުރުމަށް ވެސް އިރުޝާދު ދެއްވައެވެ. އަދި ބަނޑުހަރުވެފައިވާނަމަ ދޮންކެޔޮ ކެއުމަށް ވެސް އިރުޝާދު ދެއްވައެވެ.

ބޭރަށް ހިންގާނަމަ ދޮންނުވާ ކެޔޮ ބޭނުން ނުކުރުމަށާއި އަދި ދޮންކެޔޮ ކެއުމަށް ޑރ. މަހޭޝް ގުޕްތާ އިރުޝާދު ދެއްވައެވެ. އަދި މީގެ އިތުރުން ދޮންކެޔޮ ބޭނުން ކުރާނަމަ އެކަށީގެންވާ މިންވަރަށް ފެން ބުއިމަށް ވެސް ޑޮކްޓަރުން އިލްތިމާސްކުރެއެވެ.