ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް އޭނާގެ މުމްބާއި އެޕާޓްމެންޓުގައި ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. އެ ހިސާބުން ފެށިގެން އޭނާގެ އާއިލާއިން ދަނީ ސުޝާންތު އަމިއްލަ އަށް މަރުވެދާނެ ކަމަށް ގަބޫލު ކުރަން އިންކާރު ކުރަމުންނެވެ.

އޭނާއަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ޕޮޒިޓިވް ވިސްނުމެއްގެ މީހެއް ކަމަށާއި ކިތަންމެ އުނދަގޫ ކަމަކާ ކުރިމަތިލާން ޖެހުނަސް އޭނާ އަމިއްލައަށް މަރު ނުވާނެ ކަމަށް އާއިލާއިން ބުނެއެވެ.

އަދި އާއިލާއިން ވަނީ އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ރިއާ ޗަކްރޮބަދީ އޭނާ އަށް ގަދަ ކަމުން ބޭސްދީ، ނަފްސާނީ ގޮތުން ބިރު ދެއްކުމުގެ އިތުރުން، މާލީ ގޮތުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފައެވެ. ސުޝާންތުގެ އާއިލާ އާއި ސަޕޯޓަރުންގެ ޕްރެޝަ ބޮޑުވެ ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުގީގު ފެށި ހިސާބުން އިތުރު ކަންތައްތަކެއް ފެންމަތިވެގެން އައެވެ.

އޭގެ ތެރޭގައި ބޮލީވުޑްގައި އޮތް ތަފާތުކުރުންތަކާއި، ބޮލީވުޑްގައި ޑްރަގްގެ ބޮޑު ނެޓްވޯކެއް އޮތްކަން ފަޅާ އަރާ އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި މިހާރު ދަނީ ތަހުގީގުވެސް ކުަރަމުންނެވެ. މި މައްސަލައިގެ ތަހުގީގާއެކު ސުޝާންތުގެ އަޚުލާގާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

އެގޮތުން ސުޝާންތު ވެސް މަސްތުވާތަކެތި ބޭނުން ކުރި ކަމަށާއި އޭނާ މަސްތުގެ ހާލަތުގައި ހުރިތަން ފެނުނު ކަމަށް ބުނެ އެތައް ބަޔަކު ވަނީ ހެކިބަސް ދީފައެވެ. ނަމަވެސް އޭނާގެ އާއިލާ އިން ގަބޫލު ކުރާ ގޮތުން އެއީ ސުޝާންތުގެ އަގު ވައްޓާލަން ދައްކާ ވާހަކަތަކެވެ.

ސުޝާންތުގެ ދައްތަ ޝްވެތާ ވަނީ އޭނާ އަށް އިންސާފު ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަން ހާމަކޮށްފައެވެ. ސުޝާންތު އަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ދައްތަ ބުނީ ތެދުގެ އަލި ފަނޑު ނުކުރެވޭނެ ކަމަށެވެ. އަދި ސުޝާންތު މަރުވުމުން އޭނާ އަށް ހަޑި ހުތުރު ތުހުމަތުތައް ކުރަނީ ދިރި ތިބި ބައެއް މީހުންކޮށްފައިވާ ކުށްތަކުން ރެކެން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

" އަހަރުމެންނަށް ޔަގީން ތެދުގެ މައްޗަށް އެހެންކަމެއް ގަދަ ނުވާނެކަން. ތެދާއި ދޮގުގެ ކުޅިވަރުގައި ތެދުގެ އަލިކަމުގެ މައްޗަކަށް ގަދައެއް ނުވާނެ." ޝްވެތާ ބުންޏެވެ.

ސުޝާންތުގެ މަރަށް އިންސާފު ނުލިބި ލަސް ވަނީ ސިޔާސީ އަދި ބޮލީވުޑްގެ ނުފޫޒު ގަދަ މީހުންގެ ސަބަބުން ކަމަށް ވެސް ސުޝާންތުގެ ދައްތަ ވަނީ ބުނެފައެވެ.