ކުރިއަރާފައި ވާ ދުނިޔޭގައި ބަލާލި ކޮންމެ ދިމާއަކުން އާޝޯހުވާ ފަދަ ހުނަރުވެރިން ފެނެއެވެ. ކުރެހުމާއި ކުލަ ޖެއްސުމުގައި މިއަދު ފެންނަ ވައްޓަފާޅިތަކަކީ ހިތަށްވެސް ގެންނަން އދަނގޫ ތަފާތު ވައްޓަފާޅިތަކެކެވެ. ބައެއް މީހުން ގަސްގަހުން ކުރަހާ ހަދާއިރު، ކާބޯތަކެތީގެ ބާވަތްތަކުން ވެސް މިފަދަ ކުރެހުންތައް ކުރަހާ އުޅެއެވެ.

މިއީވެސް ތަފާތު ކުރެހުންތެރިއެކެވެ. މީގެ ދެ ދުވަސް ކުރިން މުޅި ދުނިޔޭގައި ވެސް ކޮފީ ބޭނުންކޮށްގެން ކުރަހާފައިވާ އެންމެ ބޮޑު ކުރެހުމާއި އެކު އަންހެނަކު މިވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. ސައުދީ އަރަބިއްޔާ އަށް ނިސްބަތްވާ ހުނަރުވެރި އަންހެނަކު ކުރެހި މި ކުރެހުމަކީ، އޭނާ އެކަނި މާއެކަނި އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލާ ކުރަހާފައިވާ ކުރެހުމެކެެވެ.

އާދިއްތަ ދުވަހު ގެނިސް ވޯލްޑް ރެކޯޑް ފޮތުން ވަނީ އޭނާ އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ލިބުނުކަން ކަށަވަރުވެސް ކޮށްދީފައެވެ.

އުހުދް އަބްދުﷲ އަލްމާލިކީ ނަމަކަށް ކިޔާ އެ އަންހެން މީހާ މި ކުރެހުމަށް ބޭނުން ކުރީ އެކްސްޕަޔަރ ވެފައިވާ ކޮފީއެވެ.

އެ ކުރެހުމުން ދައްކުވައިދެނީ ސައުދިއަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތުގެ ލީޑަރުންނެވެ.

220 ސްކޮޔަރ މީޓަރުގެ އެ ކުރެހުމަށް އެތައް ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

އެ ކުރެހުމަކީ ޖުމުލަ 45 ދުވަސް ހޭދަކޮށްގެން ކުރަހާފައިވާ ކުރެހުމެއް ކަމަށް އޭނާ ބުންޏެވެ. އެ ކުރެހުން ކުރެހީ ދެ ހެކިންގެ ހާޒިރުގައެވެ.

އެ ކުރެހުމުން ރަމްޒުކޮށްދެނީ ސައުދި އަރަބިއްޔަ އާއި އެކުވެރި އަރަބި އިމާރާތުގެ ގުޅުމެެވެ.

އެ ކުރެހުން ކުރެހި އިރު އޭނާ ވަނީ އެ ކުރެހުމަށް ކުރި މަސައްކަތް ވީޑިއޯވެސް ކޮށްފައެވެ.

ބޮޑުކޮށް ފެންނަ ދެ މީހުންގެ ކުރެހުމުގެ ތިރިން ގަލްފްގެ ޤައުމުތަކަށް ނިސްބަތްވާ ދެ ލީޑަރުންގެ ފޮޓޯތަކެއްވެސް ފެނިގެންދެއެވެ. އަދި މުޅި ކުރެހުމުގައި ބޯޑަރ އަޅާފައި ވަނީ "އަލްސައުދު" ސްޓައިލަށެވެ.

މި ކުރެހުމަށް ގާތްގަނޑަކަށް 4.5 ކިލޯގްރާމްގެ އެކްސްޕަޔަރ ވެފައި ހުރި ކޮފީ ބޭނުންކޮށްފައިވާ ކަމަށް ގިނިސް ވޯލްޑް ރެކޯޑުގެ ބަޔާނުން އެނގެއެވެ.

މިއީ ސައުދި އަރަބިއްޔާގެ އަންހެނަކު އެކަނި، އެހެން ބައެއްގެ އެހިތެރިކަމާއި ނުލާ ދުނިޔޭގެ ރެކޯޑެއް ޤާއިމްކުރި ފުރަތަމަ ފަހަރެވެ.