އަހަރެންގެ އުމުރުން އޭރުވާނީ ފަސް އަހަރެވެ. އެއީ ނުވަދިހައިގެ އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ބޮޑު ޢީދަށް ކައިރި ރަށްރަށުން އެކި އެކި މީހުންތައް އައިސްގެން އުޅެއެވެ. އަހަރެންގެ މަންމަ ފަރާތު ޢާއިލާގެ ހުރިހާ އެންމެންވެސް އޭރު އުޅުނީ ކާފައާއި މާމަގެ ގޭގައެވެ. އަހަރެމެން ކުދިވެރިން ލައިގެން އެގޭގައި އޭރު ފަނަރަވަރަކަށް މީހުން ދިރިއުޅޭނެއެވެ. އިހުޒަމާނުގެ ގޮތަކަށް ހަދާފައި ހުންނަ އެގޭގައި ހުންނަނީ އެންމެ ކޮޓަރިއަކާއި ބޮޑުކޮޓަރީގެ އިތުރުން ބަދިގެ ކޮޅަކާއި ގިފިއްޔެވެ. ގިފިލި ހުންނަނީ ބޮޑުކޮޓަރިއާއި ގުޅުވާފައި ކަމަށްވިޔަސް އެއްވެސް ވަރަކަށް ގިފިލީގެ މަތި ހިޔާކޮށްފައި ނުހުރެއެވެ. ވަޅުވެސް ހުންނަނީ ސީދާ ގިފިލީގެ މެދުގައެވެ. ވަޅު ކައިރީގައި ވާތްފަރާތަށް ކުދި ލުނބޯ ގަހަކާއި ކެޔޮވެލެއް ހައްދާފައި ހުރެއެވެ. ފާޚާނަކުރާބައި އިންނަނީ ވަޅާއި މިބުނި ކެޔޮވަލުގެ އަނެއްފަރާތުގައެވެ. ރޭގަނޑު ނުވައެއްގެ ފަހުން ގިފިއްޔަށް ވަންނަ ހަނދާނެއް އޭރަކު އަހަރެން ނުވެއެވެ.

އަހަރެންގެ މަންމައަށް އޭރު ލިބިފައި ހުންނަނީ އަހަރެންނާއި އަހަރެންގެ ދައްތައެވެ. ދައްތައަކީ އަހަރެންނަށްވުރެ އެންމެ އަހަރެއް ބޮޑު ކުއްޖެކެވެ. ދެންވެސް އެގޭގައި އަހަރެމެންގެ ދެބެއިންގެ ދެދެރި ކުދިން އުޅެއެވެ. އަބަދު ކޮންމެވެސް މީހަކު ރޯއަޑު ނުވަތަ ބޮޑާހާކާ އަޑު ގޭތެރެއިން އިވޭނެއެވެ. ޢީދު ބަންދު ދުވަސްތައް ކަމުން އަހަރެމެންނަށް ވޮށުފިލާ ކިޔެވުމުން ކުޑަކޮށް ޗުއްޓީއެއް ލިބުނެވެ. އެކަމާ ވީއުފަލުން އަހަރެންގެ ދެބެންގެ ދެދަރި ދެދައްތައަކާއި ކޮއްކޮ އަދި އަހަރެންގެ ބޭބެގެ ދެފައި އެއްތާކު ހަރެއްނުލައެވެ. ކޮންމެވެސް ލާނެތް ކަމެއް ކޮށްލައި ކައިރިގެއަކުން ކުންނާރެއް ކަހަލަ އެއްޗެއް ވަގަށް ނެގުން އެއީ އަހަރެމެން ކޮންމެހެންވެސް ކުރަން ޖެހޭ ކަންތަކެވެ.

މިފަދައިން އެއްދުވަހެވެ. މުނާޖާ ކޮނޑުއަޅައިގެން އަހަރެމެން ތެދުވަނީ އެންމެން އެއްކޮށްށެވެ. ދެން ފަށާނީ މަންމައަށް އުދަނގޫކުރާށެވެ. މަންމަގެ ގައިގައި ދަތްއަޅައިގެން ނަމަވެސް އެއޮތްތާކުން އަހަރެން މަންމަ ނަގާނަމެވެ. އަހަރެންގެ ދައްތަ ހުންނާނީ އޭރު ކުޅި ބަލަން ދުރުގައެވެ. މަންމަ ރުޅި އަރުވާކަށް ދައްތައަކަށް ނުކެރޭނެއެވެ. މަންމަ ތެދުވެގެން ބަދިގެއަށް ވަތްތަނާ ދެން އުޅޭ ކުދިވެރިންވެސް އެމީހުންގެ މައިން ދާންތަކުން ނަގައިގެން ގެންނަތަން ފެނެއެވެ. އަހަރެމެންނާއި ދިމާލަށް ބަލަމުން ކުދިކިޔަމުން ދިޔައިރު އަހަރެން ހުރީ ވަރަށް ނޫންކަމަށް ހަދާލައިގެން ހެވިފައެވެ. ފާރޮށްޓާއި ފެންސައި ދިނުމުން އަހަރެމެން ދެން ދުއްވައިގަތީ ބޭރަށް ނުކުންނާށެވެ. އޭރު މަންމަމެން ދެން އުޅޭނީ ރޮށި ފިހެ ކެއްކުމާއިގެން ކަން އަހަރެމެންނަށް އެނގެއެވެ. ދުވަމުން ދުވަމުން ގޮސް އަހަރެމެން ހުއްޓުނީ ގޭގެ އިންފާރު ކައިރީގައެވެ. ކުރިމަތީގައި ހުންނަ ގޭގައި ބޮޑު ކުންނާރުގަހެއް ހުރެއެވެ. އެގަސް ދޮށަށް ގޮސް ކުންނާރު ހޯދުމަށް އަހަރެމެން މިދަނީ ކުރީ ދުވަހުއްސުރެން ފެށިގެން ރާވަމުންނެވެ.

އަހަރެމެންގެ ރޭވުމާ އެއްގޮތަށް އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ ފޮނުވީ ގޭގެ ދޮރާ ދިމާލަށެވެ. އެއީ ގެއިން ނުކުމެގެން މީހަކު އައިސްދާނެކަމަށް އެކަމަށް ފާރަލުމަށެވެ. ދައްތައާ ކުޑަ ތަންކޮޅެއްދުރުގައި ދެން ހުރީ އަހަރެމެންގެ ބޮޑުދައިތަގެ ދަރި އިހާމްއެވެ. އެއީ އަހަރެމެންގެ ގުރޫޕްގެ އެންމެ ކުޑަ ކުއްޖާއެވެ. އޭނަ ފާރައަށް ބޭއްވީ އިންފާރު ބިތްދޮށުގައެވެ. ދެން ބާކީ ތިބީ އަހަރެންނާއި އަހަރެންގެ ބޮޑުދައިތަގެ އަނެއް ދެދަރިން ކަމުގައިވާ އުލާއާއި ސާނީއެވެ. އަހަރެމެން ތިން މީހުންގެ މަސައްކަތަކީ ކުންނާރު ހޮވުމެވެ. ސާނީ ހުރީ ކުރިޔާލާ އެކަމަށް ތައްޔާރުކޮށްފައެވެ. އެހެންކަމުން ސާނީ އެދުވަހު ލާފައިހުރީ ފަސްބައި ބޮޑު ހެދުމެކެވެ. އެއީ ކުންނާރުތައް އެއްކުރަން ވެގެންނެވެ. އަހަރެންގެ ދައްތަގެ ޒިންމާއަކީ ގެއިން އަހަރެމެން ހޯދަން މަންމަމެން މީހެއް ނުކުމެއްޖިއްޔާ އިންފާރު ކައިރީގައި ފާރައަށް އޮތް އިހާމްއަށް "ކައްކަކާކޯ" މިހެން ގޮވާލައި މަންމަމެން މީހެއްގެ ހިލަން ވިކަން އަންގަން އިޝާރާތެއްކޮށްލުމެވެ. އެހިސާބުން ދެން ކުންނާރުހޮވަން ތިބޭ ބަޔަކަށް "ރުނާންކޫ" އޭ ކިޔައި ގޮވަން ޖެހޭނީ އިހާމްއެވެ. އޭރުން އަހަރެމެން ކުންނާރުތައް އުކާލާފައި ނަމަވެސް ދުވެރައްކާ ވާނަމެވެ. އެގޮތުގެ މަތިން ކޮންމެ މީހަކު ހުންނަން ހަމަޖެހިފައިވާ ތަނުގައި ތިބެ އަހަރެމެންގެ ޕްލޭނަށް ޢަމަލީ ސިފަ ގެންނަން ފަށައިފީމެވެ. ސާނީ ކުންނާރު ގަހުގެ މެދަކަށްވާގޮތަށް ހުއްޓި ފަސްބައި ހިއްލާލިއެވެ. އަހަރެންނާއި އުލާގޮސް ހިފީ ކުންނާރުގަހުގެ ބުޑުގައެވެ. ހިފައި ތަޅުވާލީ ކިހިނެއް ކިހިނެއް ހެއްޔެވެ؟ ދޮންވެ ފައްކާވެފަ ހުރި ކުންނާރުތައް ބިމުގައި ޖެހި މުޅި މަގުމައްޗަށް އެޅެން ފެށިއެވެ. ދެން އަހަރެންނާއި ސާނީ ދުވެފައިގޮސް ކުންނާރުތައް ހޮވަން ފެށީމެވެ. އިރުކޮޅަކުން ހާލެއް ގޮވާލިފަދަ އަޑެއް އިވިއްޖެއެވެ. އަހަރެންގް ދެލޯ ބޮޑުވިއެވެ. ދެން އިވެން ފެށިއެވެ.

"ރުނާންކޫ،، ރުނާންކޫ ޓާއްހަބަ (މާނައަކީ ކުންނާރު ބަހައްޓާ) "

ގޭތެރެއިން ކޮންމެވެސް މީހެއްގެ ހިލަން ވެއްޖެކަން އެނގިގެން ދިޔައެވެ. އަހަރެމެންނަށް އޭރުވެސް ފުދޭވަރަކަށް ގިނަ ކުންނާރު އެއްކުރެވިފައި ވުމުން ސާނީގެ ހެދުމުގެ ފަސްބައިގައި ހިފައި ގޮށެއް ޖަހާލަމުން އަހަރެމެން ދުއްވައިގަތީ ގޭގެ ބިތްދޮށަށެވެ. އަހަރެމެން ނިވާވިތަނާ މަންމަ އަހަރެންގެ ދައްތައާ ވާހަކަ ދެއްކި އަޑު އިވުނެވެ.

"ކޮބާ އެތިން މީހުން. އިހާމް ތިތާ ކީއްކުރަނީ. އާދޭ ގޭތެރެއަށް ވަންނަން އާދޭ" މިހެން ބުނެފައި މަންމަ ނަސީބަކުން ވަނީ ގޭތެރެއަށެވެ. ވީ އުފަލެއްގެ ބޮޑުކަމުން އަހަރެންގެ ދައްތައާއި އިހާމު ބާރު ބާރަށް ދުވެފައި އަހަރެމެން ކައިރިއަށް އައެވެ. ކުންނާރު ދޮންނާކަށްވެސް ހިތަކަށް ނޭރިއެވެ. ވަގުތުން ކާންފެށީމެވެ. ހިތްފުރޭވަރަށް ކުންނާރު ކައި ނިމުމުން ވަރަށް ސިއްރު ސިއްރުން ގޮސް އަހަރެމެން ނިދާ އެނދުގެ ބާލިސް ދަށަށް ބާކީ ހުރި ކުންނާރުތައް ލައި ފޮރުވީމެވެ.

ހަމަ އެދުވަހެވެ. އަހަރެމެން ހަވީރު ރީތިވެލައިގެން ތިބީ އެއީ ޢިދު ދުވަހެއްކަމުން ޢީދު ކުޅިވަރު ބަލަން ދާން ތައްޔާރުވެގެންނެވެ. މަންމަމެން ތައްޔާރުވެ ނުނިމޭތީ އަހަރެމެން ފަސްކުދިން ތިބީ ގޭގެ ދޮރުމަތީގައެވެ. މިހެން ހުއްޓާ މަންމައާއި ބޮޑުދައިތަ އަދި މާމަ އާއި ކާފަ ވެސް ރީތިވެލައިގެން ނުކުތެވެ. މަންމަގެ އަތުގައި އޮތް ކުންނާރެއް އަހަރެންނަށް ފެނުނެވެ. އަނެއްކާ ބާލިސް ދަށުގައި ހުރި ކުންނާރުތައް މަންމައަށް ފެނުނީބާއެވެ. އަހަރެން ދުވެފައިގޮސް ބާލިސް ދަށް ބެލިއިރު އެންމެ ކުންނާރެއްވެސް ނެތެވެ. ވީދެރައިން ނުކުމެ އިސްޖަހާލައިގެން ހުއްޓާ މަގުމަތީގައި މީހުން ގިނަވެ ކުޅިވަރުތައް ފެށުނެވެ. މަންމަ އަހަރެން އުރާލީ އަހަރެންނަށް ނުވެސް އެނގިހުއްޓާއެވެ.

"ދަރިފުޅާ. މިއަދު އެއްވެސް ގޯސް ކަމެއް ކުރިންތަ؟" އަހަރެން އަނގަޔަށް ލައިގެން އިން އިނގިލި އަނގައިން ނައްޓާލަމުން ނޫނެކޭ ބުނުމަށް ބޯހޫރާލީމެވެ.

"ޔަޤީން؟ މަންމަ ކައިރީގައި ދޮގު ހަދަންޏާ ހުރި ސީދަލަށް ދާނީ ނަރަކައަށް. ގޮސް އޮންނާނީ ފިހި ފިހި. އެގޮތް ރަނގަޅުތަ؟"

އަހަރެން މިފަހަރުވެސް ބޯހޫރާލީމެވެ. އަދި މަންމަ ކައިރީގައި ހުރި ދައްތަގެ ބޮލުގައި ފައިން ޖަހައި ދައްތައަށް ތަދުކޮށްލީމެވެ. އަހަރެން ރުޅި އައީ ދައްތަ ދެކެއެވެ. އެއީ މަންމަ ދައްތައާ ދިމާލަށް އެއްޗެއް ނުބުނީމައެވެ. އެރޭ އަހަރެންނާއި ދައްތަ ގެއަށް ވައްދާފައި މަންމަ ވަރަށް ނަޞޭހަތްލައިދިނެވެ. ވައްކަން ކުރުމުގެ ގޯސްކަން ބުނެދިނެވެ. އަހަރެން އޮތީ ވަރަށް ބިރުންނެވެ. ނަރަކައަށް ދާން ޖެހިދާނެތީއެވެ. އެރޭ ކައިގެން ނިދުމުގެ ކުރިން ހީސްލާންވެގެން ގިފިއްޔަށް ވަތްވަގުވެ. ގިފިލި ތެރެ ފެންނަނީ އެހެން ރޭތަކަށްވުރެ އަނދިރިކޮށެވެ. އެހެންކަމުން އަހަރެން މުޅި ތަނަށް ބަލަން ފެށީމެވެ. މަންމަ ބުނީ ވައްކަން ކުރަންޏާ ފުރޭތަވެސް އަންނާނެ ވާހަކައެވެ. އެހެންކަމުން އަހަރެން އިނީ ކުރީއްސުރެވެސް ބިރުންނެވެ. މިހެން އިންދައި އެއޮތް ފެނުނީ ބޮޑު ރަތް ދެލޮލެކެވެ. އަނދިރިކަމުގެ ތެރެއިން އެދެލޯ ހުރީ ސީދާ އަހަރެންނާ ދިމާލަށެވެ. ދެފައި ތަޅަ ތަޅާފައި އަހަރެން އެދިމާލަށް އިނގިލި ދިގުކުރަމުން ރޯން ފެށީމެވެ. އެވަގުތު އެތަނުން ނުކުމެގެން އައީ އަހަރެންގެ ކާފައެވެ. އައިގޮތަށް އައިސް ކައިރީގައި ހުރި ސްވިޗް ޖައްސާލުމުން އެއްކަލަ އަނދިރި ދިމާލުގައި ހުރި ބޮކި ދިއްލުނެވެ. އަހަރެން ރޮމުން ރޮމުން އެދިމާލަށްބެލި އިރު ފެނުނީ ކުރިންވެސް އަހަރެން ދެކެފައިވާ އެއްޗެއް އެތާ އޮތްވައެވެ. އެއީ ޢިދު މަހެވެ. ކާފައަކީ ރަށުގައި ޢީދުމަސް ހަދާ މީހާކަމުން އޭތި ގިފިއްޔަށް ވައްދައިގެން އޭގެ ދެލޯ ދިއްލޭތޯ ޓެސްޓުކުރުމަށް ބޮކިތައް ނިއްވާލައިގެން ކާފަ އުޅެނިކޮށް މަންމަ އަހަރެން ވެއްދީވެސް އަހަރެން ބިރުގަންނަވާށެވެ.

އެއީ ބޮޑުމަހެއްކަން އެނގުނަސް އެގަތް ބިރުގެ ސަބަބުން އަހަރެންނަކަށް އެފަހުން ވަށްކަމެއްކުރާކަށް ނުކެރެއެވެ. މިހާރު އެހަނދާން ވިޔަސް ހެވެއެވެ. ނަމަވެސް އެއީ ހާދަ ފޮނި ހަނދާންތަކެކެވެ. އަހަރެމެން ކުޑައިރު އުޅުނު ހަޔާތަކީ ހަމަ ވަރަށް ފުރިހަމަ ހަޔާތެކެވެ. މިހާރުގެ ޓެކްނޮލޮޖީ ޒަމާން އޭރު ނުފެނުނީ ލެއްވި ރަޙްމަތަކުންނޭ މިއަދު ހިތަށް އަރައެވެ.

ނިމުނީ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Ruhoo

    ހުޫމް ހަމަ އަސްލަށް ވެސް ވަރަށް ބޮޑު ރަހުމަތެއް އެއީ...☺☺☺

  2. ދައްތަ

    ހެހެ އަދިވެސް ވާހަކަ ދިގުކުރިނަމަ... ޢީދު ނިމެންދެން..

  3. ކުޑާ

    ?ވަރައް ރީތި ސިފަކުރުން ?