1995 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ރިލީޒުކުރި ބޮލީވުޑުގެ ކާމިޔާބު ފިލުމު ''ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއެންގޭ''އަށް މިއަދު 25 އަހަރު ފުރުނީއެެވެ. މި ފިލުމަކީ އިންޑިޔާގައި ވަރަށް މަގުބޫލު އަދި އެހާމެ ގިނަ ބަޔަކަށް އެންމެ ކަމުދާ ފިލުމުކަމުން މިއަދު، އިންޑިޔާގެ އެކި ކަންކޮޅިތަކުގައި ދަނީ މި ފިލުމަށް 25 އަހަރު ފުރުން ފާހަގަ ކުރަމުންނެވެ.

އެގޮތުން އިންޑިޔާ ޓުވިޓާއިން ވަނީ މި ފިލުމުގައި ބޭނުންކުރާ ''ކައުބެލް''ގެ އިމޯޖީއެއް ތަޢާރަފު ކޮށްފައެވެ. މި ފިލުމު އެޅުވުމަށް ފަހު ''ކައުބެލް''އަކީ ވެސް ގިނަ ބަޔަކަށް ކަމުދާ އެއްޗެއް ކަމުގައިވިއެވެ.

ފިލުމު ކުރިޓިކް އެންޑް މޫވީ ޓްރޭޑުގެ އެނާލިސިސްޓް ތަރަން އަދާސް މި އިމޯޖީ ތަޢާރަފު ކުރަމުން ޓުވިޓާގައި ބުނެފައިވަނީ ޝާހުރުކް ޚާނާއި ކާޖޮލް އެކްޓްކޮށްފައިވާ، އަދި އާދިތުޔަ ޗޯޕްރާ ޑައިރެކްޓް ކޮށްފައިވާ ބުލޮކްބަސްޓަރ ފިލުމު ޑީޑީއެލްޖޭއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އިމޯޖީއެއް ތަޢާރަފު ކުރާ ކަމަށެވެ.

މި ފިލުމަކީ އިންޑިޔާގެ ސިނަމާތަކުގައި އެންމެ ގިނައިން ދައްކާފައިވާ ފިލުމުކަން ވެސް ވަނީ ފާހަގަކޮށްފައެެވެ.

ރާޖުއާއި ސިމްރަންގެ ލޯބީގެ ވާހަކަތައް ކިޔައިދޭ މި ފިލުމަކީ މަޝްހޫރު ޑައިރެކްޓަރ އާދިތުޔަ ޗޯޕްރާގެ ފުރަތަމަ ޑައިރެކްޝަނެވެ. މި ފިލުމުގެ ވާހަކަ ލިޔެ އަދި ފިލުމު ޑައިރެކްޓު ކޮށްފައިވަނީ ވެސް ހަމަ އޭނާއެވެ.

ޑީޑީއެލްޖޭއަކީ އެންމެ ގިނަ އެވާޑު ލިބުނު ފިލުމުތަކުގެ ތެރެއިން އެއް ފިލުމެވެ. ކާޖޮލްއާއި ޝާހުގެ ކެރިއަށް އައު މަގެއް ދައްކައިދިނީ ވެސް މި ފިލުމުންނެވެ.

މި ފިލުމަށް 25 އަހަރު ފުރުން ފިލުމުގެ ޓީމުން ދަނީ ފާހަގަކުރަމުންނެވެ.