ފޮޓޯ" ޒަޢީމް ފޭސްބުކް ޕޭޖް

(ދެވަނަ ބައި/ ފަހު ބައި)

(މިއީ ހަޤީޤީ ހާދިޘާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ކަންދިމާކުރި ގޮތުން އިބްރާހިމް އަކީ އަހަރެންނާއެކު އައްޑޫ ދަތުރުގައި އައި މީހެކެވެ. ހއ. ތުރާކުނަށް ނިސްބަތްވާ މީހެކެވެ. އަހަރެންނަށް ނޭނގޭ މަގެއް ތަނެއް އެނާއަކަށްވެސް ނޭނގެއެވެ. ކުރިއަށް އޮތް މަގުން އަހަރެން ބާރު ދުވެލީގައި ސައިކަލު ދުއްވާލީމެވެ. އޭރު އަހަރެންގެ އެކުވެރިންގެ ސައިކަލު ލައިޓްތައް ފެންނާން ހުއްޓެވެ. ބާރު ދުވެލީގައި ސައިކަލު ދުއްވަމުން ދަނިކޮށް ރަތް ލިބާހެއް ލައިގެން ހުރި އަންހެނަކު މަގު މެދުގައި ހުއްޓައި އަހަރެންނަށް ފެނުނެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ހިންދިރުވައިލެވުނެވެ.

އެ ރަތް ލިބާސް ލައިގެން ހުރި މީހާ މަގު މެދުގައި ހުއްޓައި ފެނުނީ ކުއްލިއަކަށެވެ. އޭރު ސައިކަލު ހުރީ އޭނާއާ ވަރަށް ކައިރީގައެވެ. އަހަރެންނަށް ސައިކަލުގެ ހުންގާނު އަނބުރައިލެވުނީ ހަމަ ކިރިޔާއެވެ. ސައިކަލު އަނބުރައި ނުލެވުނު ނަމަ އޭނާގެ ގައިގާ ޖެހޭނެއެވެ. ސައިކަލު އަނބުރައިލުމުންވެސް އަހަރެންނަށް ހެޔޮ ގޮތެއް ނެތެވެ. ސައިކަލު ކޮންޓްރޯލް ނުކުރެވިގެން ގޮސް ވަނީ ވަލުތެރެއަށެވެ.

ސައިކަލު ކޮންޓްރޯލް ކުރެވުނު އިރު އަހަރެމެން ތިބީ ވަލުތެރޭގައެވެ. ދިހަ ފޫޓެއްހާ އެތެރޭގައެވެ. އަހަރެންނާއި އިބްރާހިމާ ދެ މީހުން ވެގެން ސައިކަލު އެތަނުން ނެރުނީމެވެ. ވަރަށް އުނދަގުލުންނެވެ. ބައެއް ގަސްތައް ބިންދަމުންނެވެ. އެނެއްބައި ގަސްތަކުގެ އޮފިތައް ލަންބަމުންނެވެ. އަހަރެން ހައިރާންކުރުވަނިވި އެއްކަމަކީ ވަލުތެރެއަށް ސައިކަލުގައި ވަދެންގެން ދިޔައިރު އެއްވެސް ގަހެއްގައި އަދި ގަހެއްގެ އޮތްފެއްގައި ސައިކަލު ނުޖެހުނުއިރު އަހަރެންގެ ގައިގާވެސް އެއިން އެއްވެސް އެއްޗެއް ނުޖެހުމެވެ.

ސައިކަލު މަގަށް ނެރެވުމާއެކު އަހަރެން މަގުގެ ދެފަރާތް ބަލައިލީމެވެ. އެހެނަސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. އެހާ ހިސާބުން އަހަރެންނަށް އެއީ އާދައިގެ ކަމެއްނޫންކަން ޔަޤީންވިއެވެ. އަހަރެންނާއި އިބްރާހިމް ސައިކަލަށް އަރައި ދުއްވާލީމެވެ. އަހަރެމެން ދެ މީހުންވެސް އެއްވެސް ވާހަކައެއް ނުދައްކަމެވެ. އެއީ އެ ވަގުތު ކަންކުރުން އެންމެ ރަނގަޅުގޮތްކަން އަހަރެންނަށް އެނގުމުންނެވެ. އަހަރެން ހިތާހިތުން ކުރުސި ކިޔަވަމުން ދިޔައީމެވެ. ކުރުސި ނިމުމާއެކު ސޫރަތުލް ނާސި ކިޔަވަމެވެ. ޖިންނީންގެ ކިބައިން ރައްކައުތެރިކަން ހޯދުމުގެ ބޭނުމުގައެވެ.

އެއްވެސް އުނދަގުލަކާއި ނުލާ އަހަރެމެންނަށް ގެއާ ހަމައަށް ދެވުނެވެ. އޭރު އެންމެ އެތަނުގައި ސަކަރާތް ޖަހަމުން ދިޔައެވެ. އަހަރެންގެ ފަހަތުގައި އިން އިބްރާހިމް ވާހަކަ ދައްކަން ފެށީ އެ ހިސާބަށް ދެވުމުންނެވެ.

"ކަލޭއަށް ފެނުނުތައް؟" އޭނާގެ އަޑުގައި ހުރީ ކުރަކި ކަމެކެވެ.

"އާނ! އަހަރެންނަށް ވެސް ފެނުނު." އަހަރެން އެ ހިސާބަށް ޖަވާބު ކުރުކޮށްލީމެވެ.

"ކޮބައި އިބްރާހިމްމެނަށް ލައްވާލީދޯ؟" އެތަނުގައި ސަކަރާތް ޖަހަން ތިބި އެންމެން ކަހަލައިން އަހަރެމެންނާ ދިމާކޮށްލިއެވެ.

"ހިއްހިއް! ކޮން އެއްޗެއް؟" އަހަރެން ހެދީ ނޭނގޭ ކަމަށެވެ.

"އާނ! ލައްވާލި!" އިބްރާހިމަށް މަޑަކުން ނީދެވުނެވެ.

"އޭރުވެސް އަހަރެމެނަށް އެނގޭ ތި މީހުންނަށް ލައްވާލާނެކަން." އެތަނުން އެއް މުދައްރިއްސަކު ސަމާސަކޮށްލިއެވެ. "އެހެންވާނީ މާ ތަތްކޮށް އުޅެންޏާ! ދެން ރަތް ދައިތަ އެއްޗެކޭ ބުނިތަ؟"

"ރަތް ދައިތައޭ؟" ޤާސިމްބެ ގެއިން ނުކުމެގެން އަހަރެމެންނާ ދިމާއަށް އައެވެ. "ކޮން ކުއްޖަކާ ރަތް ދައިތައާ ދިމާވި؟"

ޤާސިމްބެ ކުރި ސުވާލަށް އެންމެން އަހަރެންނާއި އިބްރާހިމާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. ޤާސިމްބެ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ. އެ ރަށުގައި ހޭދަކުރެވުނު މަދު ދުވަސްތަކުގެ ތެރޭގައި ޤާސިމްބެއާއި އަހަރެންނާ ދެ މެދު ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. އެއީ އެހެން ލިބޭ ބައެއް ހުސް ވަގުތުގައި އަހަރެން ޤާސިބެމެންގެ ގެއަށް ގޮސް ހަދާތީއެވެ. އަދި އޭގެއިތުރުން ޤާސިމްބެއަކީ ޒުވާން އުމުރުފުރައިގެ ކުދިންނާއި ގާތް ގުޅުމެއް ބާއްވާ މަޖާ މިޒާޖެއްގެ ވެރިއެކެވެ.

"އެކޮއި ބުނަން! ދެން އެތަނަށް އެކަނި ނުދާތި! މިފަހަރު ތި ސަލާމަތްވީ ފަހަތުގައި އިބްރާހިމް އިނުމުން. އެހެން ނޫންނަމަ މިރޭ ފަތިސް ވަންދެއް އެކޮއި ޖެހޭނީ ސައިކަލު ދުއްވާލަ ދުއްވާލާ އިންނަން." ޤާސިމްބެ އެކަން ނެގީ ވަރަށް ހައްސާސްކޮށެވެ.

"އެ ކީއްވެބާ؟" އަހަރެންނަށް ބޭ އިޚްތިޔާރުގައި ސުވާލެއް ކޮށްލެވުނެވެ.

"އެއީ އެ ރަތް ކުލައިގެ ހެދުމެއްގައި ފެންނަ އަންހެން މީހާ ސައިކަލު ފަހަތަށް އަރާތީވެ. އޭނާ އިންކަން އެނގޭކަމަށް ހަދައިފިއްޔާ އެ މީހަކު ބަލިވެދާނެ. ނޫނީ ޖިންނި މޮޔަވެދާނެ. އެ މަގުން ދާ މީހުންނަށް އެ އެއްޗެހިން ވަރަށް ޖެއްސުންކޮށް ހަދާނެ." ޤާސިމްބެ ވާހަކައަކަށް ފަހު ވާހަކައެއް އަހަރެމެންނަށް ކިޔައިދެމުން ދިޔައެވެ. "ބޭބެ އެދެނީ ތިއިން އެއްވެސް ކުއްޖަކު މިކަން ސަމާސައަކަށް ނެހެދުން!"

"އެ ކީއްވެބާ ރަތް ލިބާސްލީ އަންހެނަކު ފެންނަންވީ؟ ހަމަ އެހެން ސިފައެއްގައިވެސް އެ އެއްޗެހިންނަށް އަހަރެމެނާ ކުރިމަތިލެވޭނު؟" އަހަރެންގެ ހިތުގައި އުފެދުނު ސުވާލު ޤާސިމްބެއާ ޙިއްސާކޮށްލިއެވެ.

"މީހުން ކިޔައިތީ ބޭބެވެސް އަޑުއަހަން. އެއީ އިނގިރޭސިން މިތަނުގައި ވެރިވެގެން އުޅުނު އިރުގެ ވާހަކައެއް. ރަތް ކުލައިގެ ލިބާހެއް ލައިގެން ހުރި ވަރަށް ރީތި އަންހެން ކުއްޖަކު އެމީހުންގެ ތެރެއިން ނުލަފާ ބަޔަކު އޭނާ އެތަނަށް ގެންގޮސް އިއްފަތްތެރިކަން ނަގައިލި." ޤާސިމްބެ އެކަން ހިނގި ގޮތް އެނގޭ މިންވަރަކުން އަހަރެމެނަށް ކިޔައިދިނެވެ. "އަދި އެވަރުން ނުވެގެން އެ މަންޖެ ހުރީ އެތަނުން ރުކަކަށް ނަގައިފަ. އެހާ އިހާނެތިކޮށް ދަންޖައްސާފަ."

"އެހެންތަ؟" އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"އާނ! ދެން އޭގެ ފަހުން އެ މަގުން ދާ މީސްމީހުންނަށް އެ މަންޖެގެ ރޫޙް އަދިއަދަށް އަންނާދެއްވެސް ގޯނާކޮށް ހަދާ." ޤާސިމްބެ ބުނި ވާހަކަ އަހަރެންނަށް ޤަބޫލުކުރަން ދަތިވިއެވެ.

އަހަރެންގެ އުއްމީދަކަށްވީ އެ ވާހަކައިގެ ތެދު ދޮގު އޮޅުން ފިލުވުމެވެ. އަހަރެނަށް އެ ރަށުގެ ގިނަ ބަޔަކު ކިޔައިދިނީ ޤާސިމްބެ ކިޔައިދިން ގޮތަށެވެ. އެފަދަ އަމަލުތައްކުރުމުން ރަށް ނާމާން ވާހަކައަކީ ކޮންމެ ރަށެއްގެ ބަޔަކުމެ ދައްކާ ވާހަކައެކެވެ. ގޯސް ކަންތައް ކުރާ ކަމުގައި ވަނީނަމަ އެތަނެއްގައި ގޯސް އާދަތައް އުތުރި އަރައިގެން ދެއެވެ. އެކަމަގެ ނިމުމަކީ ތަން ހަލާކުވެ ސުންނާފަތިވެގެން ދިޔުމެވެ. އެހެންވުމުން އަހަރެމެން އެންމެން މަސައްކަތްކުރަންވީ ރަނގަޅު ބައެއްގެ ގޮތުގައި މި ދުނިޔެއިން ނިމިދިޔުމަށެވެ.

(ނިމުނީ)

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫ ލިބާސް

    ވަރަށް ސޮޅި މިވާހަކަ. 🙂

  2. މިވާހަކަ ނިމުނުގޮތް ފުދޭވަރަކަށް ރަގަޅު

  3. ރަގަޅު ކަންތަކަށް އިސްކަންނުދީ ގޯސްކަންތަށްކުރާފަރާތްތަކަށް ޢިބްރަތްތެރި ވިސްނާލުން ވަރަށްރަގަޅު ވާހަކައެއްމީ އަބަދުވެސް ރަގަޅު ކަންތަކަށް
    އިސްކަންދެއްވާ ގޯސްކަންތަކާދުރުވުންމުހިއްމުކަމުގައިދެކެން

  4. ވަރަށް ރީތި މިވާހަކަ