ބޮލީވުޑުގެ އެކްޓްރެސް ގޯހަރު ޚާނާއި ޓިކްޓޮކްގެ ތަރިއެއް ކަމަށްވާ ޒައިދު ދާބަރ ނޮވެމްބަރުގައި ކައިވެނި ކުރުމަށް ތައްޔާރުވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ.

މި ވާހަކަތަކާއި ގުޅިގެން ޒައިދުގެ ބައްޕަ އިސްމާޢީލް ދާބަރ ޓައިމްސް އޮފް އިންޑިޔާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ ބިގް ބޮސް 14 އަށް ދިޔުމުގެ ދުވަސްކޮޅެއް ކުރިން ގޯހަރު އެ ގެއަށް އައި ކަމަށެވެ. އިސްމާޢިލްއާއި އޭނާގެ އަންހެނުން ހަތަރު ގަޑިއިރު ވަންދެން ގޯހަރުއާއި ވާހަކަ ދެއްކި ކަމަށާއި ޒައިދުއާއި ގޯހަރު ކައިވެނި ކުރުމަށް އޭނާގެ އެއްވެސް އިޢުތިރާޒެއް ނެތް ކަމަށެވެ.

މިކަން އިތުރަށް ތަފުސީލު ކޮށްދެމުން އިސްމާޢިލް ބުނެފައިވަނީ ޒައިދުއާއި ގޯހަރުގެ ލޯބީގެ ގުޅުމުގެ ވާހަކަ ޒައިދު އޭނާ ގާތު ބުނިކަމަށެވެ. ގޯހަރުއަކީ ޒައިދުއަށް ވުރެ އުމުރުން 5 އަހަރު ދޮށީ ކުއްޖެއްކަމުން އެއީ ހަގީގީ ލޯބިކަން ޔަގީން ކުރުމަށްފަހު ނޫނީ އެފަދަ ބޮޑު ނިންމުމެއް ނުނިންމުމަށް އެދުނު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޓިކްޓޮކްގެ މަޝްހޫރު ތަރި އަވޭޒް ދާބަރގެ ކޮއްކޮ ޒައިދު ދާބަރގެ މި ގުޅުމާއި ބެހޭގޮތުން އޭނާގެ މަންމަ ބުނެފައިވަނީ ޒައިދު ނިންމާ ކޮންމެ ނިންމުމެއް އުފަލާއިއެކު ގަބޫލު ކުރާނެކަމަށާއި ގޯހަރުއަކީ ވަރަށް ރަނގަޅު ކުއްޖެއްކަމަށެވެ. ކައިވެނި ކުރާނެ ދުވަހަކާއި ބެހޭގޮތުން ޒައިދުގެ މަންމަ ބުނެފައިވަނީ ދުވަހެއް ކަނޑައަޅާނީ ޒައިދުއާއި ގޯހަރު ކަމަށެވެ. މިއަދު ވިޔަސް، އަންނަ މަހުން ކަމުގައި ވިޔަސް، ނުވަތަ ހަ މަސް ފަހުން ކައިވެނި ކުރަން ނިންމި ނަމަވެސް އެމީހުން ތިބީ ތައްޔާރަށް ކަމަށެވެ.