ކައިވެނީގެ ފޮޓޯ ޝޫޓް ނުވަތަ ހާއްސަ މުނާސަބަތަކާއި ގުޅުވައިގެން ނަގާ ފޮޓޯތައް ތަފާތު ކުރުމަކީ ގިނަ ބަޔަކު އިސްކަމެއްދޭ ކަމެކެވެ. އާދަޔާ ޚިލާފު ތަފާތު ފޮޓޯތަކެއް ނެގުމަކީ ގިނަ ބަޔަކު ވަރަށް ހިތްހަމަޖެހޭ ކަމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް އާދަޔާ ޚިލާފު ނުވަތަ ތަފާތު ފޮޓޯތައް ނަގައި އެތައް ބަޔަކު ދަނީ މީސްމީޑިއާގައި އެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ބަންގުލަދޭޝްގެ އަންހެން ކުރިކެޓް ކުޅުންތެރިއެއް ކަމަށްވާ ސާޖިދާ އިސްލާމްގެ ކައިވެނީގެ ފޮޓޯތަކަކީ މި ތަފާތު ފޮޓޯތަކުގެ ލިސްޓަށް އިތުރު ކޮށްލަންޖެހޭ ފޮޓޯތަކެކެވެ. މި ތަފާތު ފޮޓޯތަކަށް ވަނީ އެތައް ބައެއްގެ ލޯތައް އަމާޒުވެފައެވެ. މި ފޮޓޯތައް ތަފާތު ނަމަވެސް އެއިން ދޭހަކޮށްދެނީ ސާޖިދާގެ ހިތުގައި ކުރިކެޓަށް އޮތް ލޯބިކަމަށް ވެސް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

ސާޖިދާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައިވާ މި ފޮޓޯތަކުން ފެންނަނީ އޭނާގެ ކައިވެނީގެ ހެދުމުގައ،ި އެތައް ގަހަނާއެއް އަޅައިގެން ކުރިކެޓް ދަނޑުގައި ބެޓެއް ހިފައިގެން ޕޯސް ކޮށްފައި ހުންނަ މަންޒަރެވެ.

އިންޓަނެޝަނަލް ކުރިކެޓް ކައުންސިލް (އައިސީސީ)އިން ސާޖިދާގެ މި ފޮޓޯތައް ޓްވީޓާގައި ހިއްސާ ކުރަމުން ބުނެފައިވަނީ ކުރިކެޓް ކުޅުންތެރިންގެ ކައިވެނީގެ ފޮޓޯތައް ހުންނާނީ އެގޮތަށް ކަމަށެވެ. ހެދުން، ގަހަނާ އަދި ކުރިކެޓް ބެޓް ލިޔެ އެއިން ކޮންމެ ނަމެއްގެ ކައިރީގައި ހެޔޮ ފާހަގައެއް ވެސް ޖަހާފައިވެއެވެ.

މި މަހުގެ 21 ވަނަ ދުވަހު ހިއްސާކޮށްފައިވާ މި ފޮޓޯއަށް 13،100 ލައިކް ލިބިފައިވެއެވެ. އަދި 640 އަށްވުރެ ގިނަ މީހުން ވަނީ މި ފޮޓޯ ރީޓްވީޓް ކޮށްފައެވެ. އަދި ސާޖިދާގެ ކައިވެންޏަށާއި އޭނާގެ ކުރިކެޓް ކެރިއައަށް އެތައް ބަޔަކު ދަނީ ހެޔޮ ދުއާ ކުރަމުންނެވެ.