ސުޝާންތު ސިންގ ރާޖުޕޫތުގެ މަރުގެ ތަހުގީގުގެ ތެރެއިން ފެންމަތިވި ޑުރަގު މައްސަލައިގައި ބޮލީވުޑުގެ މަޝްހޫރު އަންހެން ފަންނާނުންތަކެއް ވަނީ އެންސީބީއަށް ހާޟިރު ކުރުވާ އެ މީހުންނާއި ސުވާލު ވެސް ކޮށްފައެވެ. މި ފަންނާނުންގެ ތެރެއަށް އިތުރު ނަމެއް މިވަނީ އައިސްފައެވެ. އެއީ ''ޚާމޯޝިޔާން''ގެ ބަތަލާ ސަޕްނާ ޕައްބީއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ބޮލީވުޑުގެ ޑުރަގު މައްސަލައާއި ގުޅިގެން އެންސީބީއަށް ހާޟިރުވުމަށް ވަނީ އަންގައިފައެވެ. ނަމަވެސް ސަޕްނާގެ އެއްވެސް ހަބަރެއް ފުލުހުންނަކަށް ނުވެއެވެ. ސަޕްނާ މުމްބާއީގައި ދިރިއުޅޭ ގެއަށް ވަނީ ނޯޓިސް ފޮނުވައިފައެވެ. ނަމަވެސް އެއިން އެއްވެސް އެންގުމަކަށް ޖަވާބުދާރީ ނުވެ، ސަޕްނާ ވަނީ ފިލައިފައެވެ.

އެންސީބީއިން ބުނެފައިވަނީ މި މައްސަލާގައި ސަޕުނާ އެންސީބީއަށް ހާޟިރު ކުރަން ޖެހުނީ އަރުޖުން ރާމްޕަލްގެ އަންހެނުންގެ ބޭބެ އަގިސިލާއޯސްއާއި ކުރެވުނު ތަހުގީގުގެ ތެރެއިން ލިބުނު މަޢުލޫމާތުން ކަމަށާއި ސަޕްނާ ގޭގެ ބޭރުގައި އެންސީބީއަށް ހާޟިރުވުމަށް ނޯޓިސް މިދިޔަ އަންގާރަ ދުވަހު ހިއްޕައިފައިވާނެ ކަމަށާއި ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށާއި އޭނާވީ ތަނެއް ނޭނގޭ ކަމަށެވެ.

އަގިސިލާއޯސް ވަނީ މިހާރު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެންސީބީގެ އޮފިޝަލުން ބުނެފައިވަނީ އަގިސިލާއޯސްގެ ފަރާތުން ލިބިފައިވާ ހެކިތައް ބަލައި ސަޕްނާ ވެސް ޑުރަގު މައްސަލައިގައި ހިއްސާވާ ކަމަށެވެ. އަގިސިލާއޯސް ހައްޔަރު ކޮށްފައިވަނީ ޑުރަގު ބޭނުން ކުރުމާއި އެހެން މީހުންނަށް ޑުރަގު ފޯރުކޮށްދިނުމުގެ ތުހުމަތުގައި މުމްބާއީގައި ހުންނަ ލޯނާވާލާގެ ރިސޯޓަކުންނެވެ.

ސަޕްނާގެ ހަރަކާތްތެރިވެފައިވާ ފިލުމުތަކުގެ ތެރޭގައި ''ޚާމޯޝިޔާން''، ''ޕަސްގަޔަރެ އޮބާމާ''، ''24'' ފަދަ ފިލުމުތައް ހިމެނެއެވެ.