އެންމެ ފުރަތަމަ ވެސް ކުއްޖާއަށް ދަސްވަނީ ލިޔުމާއި، ކިޔުމާއި، އަދި ކުރެހުމެވެ. އުނގެނުމުގެ ހުނަރާއި އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށް ދަސްވަނީ މި ކަންތައްތަކުގެ ތެރެއިންނެވެ. ކުރެހުމަކީ ކުއްޖާގެ އުފެއްދުންތެރިކަމާއި އުނގެނުމުގެ ހުނަރު ކުރިއަރުވައިދޭ ކަމެކެވެ.

ކުރެހުމުގެ ތެރެއިން ކުއްޖާގެ މި ކަންތައްތައް ކުރިއަރައެވެ.

އިހްސާސްތައް ހާމަކުރުން.

ކޮންމެ ކުއްޖަކީ ބުނާ ބުނުންތަކުން އެ ކުއްޖާ ބޭނުންވާ ކަންތައްތައް ބުނެދެވޭނެ ކުއްޖެއް ނޫނެވެ. މިކަހަލަ ކުދިންނަށް ކުރެހުމުން އެ ކުދިންގެ އިހުސާސްތައް ނުވަތަ ބޭނުންތައް ހާމަކުރެވޭނެއެވެ. ކުރެހުމަކީ ކުދިންނާއި މުޢާމަލާތު ކުރުމަށް ވަރަށް ރަނގަޅު ވަސީލަތެކެވެ. ކުރެހުމުން ކުއްޖާގެ އިހުސާސްތައް ބުނެދިނުމުން އެ ކުދިން ވެސް ހިތްހަމަޖެހޭނެއެވެ.

މޮޓޯ ސްކިލްސް ތަރައްގީ ކޮށްދޭ.

މޮޓޯ ސްކިލްސްއަކީ އަތާއި ފައި، އަދި މީގެއިތުރުން ހަށިގަނޑުގެ އެކި ގުނަވަންތަކުގެ ހަރަކާތެވެ. ކުރެހުމުގައި ލޮލާއި އަތުގެ ހަރަކާތްތައް ބޭނުން ކުރުމުން ޅަ އުމުރުގައި މި ހަރަކާތްތައް ކުދިންނަށް ދަސްވެ، ތަރައްގީވެއެވެ.

ވިސްނުން ތަރައްގީކޮށްދޭ.

ހުސްގަނޑެއްގައި ކުރެހުމަށް ކުއްޖާގެ ވިސްނުން ބޭނުން ކުރަން ޖެހެއެވެ. އެ ކުއްޖާގެ ޚިޔާލީ ކަންތައްތަކުގެ ތެރެއިން ބޮޑެތި ހުވަފެންތައް ބެލުމަށް ދަސްކޮށްދެއެވެ. މީގެ ސަބަބުން ކުއްޖާ ކުރާހިތްވާ މަސައްކަތް ވެސް ފާހަގަ ކުރެވިދާނެއެވެ.

ތަރުތީބު ކުރުމަށް ދަސްވާނެ.

ކުރެހުމުގައި ގެންނަ ބައިތަކުން މާނައެއް ދޭހަކޮށްދިނުމަށް އެ ކުރެހުމެއް ތަރުތީބު ކުރަން ޖެހެއެވެ. މިކަމުގެ ތެރެއިން ވަކި ޕުލޭނެއް ތައްޔާރު ކުރުމާއި ތަރުތީބުން ކަންކަން ކުރުމަށް ދަސްވެއެވެ.

ބޭކާރު ވިސްނުންތަކުން ދުރުކޮށްދޭނެ.

ކުރެހުމަކީ ހާސްވެ ކަންބޮޑުވުން ފަދަ ކަންތައްތަކުން ދުރުވުމަށް ކުރަން ވަރަށް ރަނގަޅު ކަމެކެވެ. އޭގެ ސަބަބުން ސިކުނޑި ތާޒާކޮށްދީ ބޭކާރު ވިސްނުންތަކާއި ދުރުވެވޭނެއެވެ.

މައްސަލަތައް ހައްލުކުރުމަށް ދަސްވާނެ.

ކުރަހަމުންދާއިރު އެތައް ސުވާލަކަށް ކުއްޖާ ޖަވާބުދޭން ޖެހެއެވެ. ޖައްސާނެ ކުލައަކާއި ކުރަހާ އެއްޗެއްގައި އެއްޗެހި ކުރަހާނެ ތަނަކާއި މިފަދަ އެތައް ސުވަލުތަކެއްގެ ޖަވާބު ހޯދާނީ ކުއްޖާ އަމިއްލައަށެވެ. އޭގެ ސަބަބުން މައްސަލަ ހައްލުކުރަން ދަސްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު